ޓޮޓެންހަމްއަށް ކުޅެމުންދާ ގާނާގެ ފޯވަޑް މުހައްމަދު ކުޑޫސްއަށް އަނިޔާވެ، ގާނާގެ ސްކޮޑުން ފުރުސަތު ގެއްލިއްޖެއެވެ.

ކުޑޫސް، 25، އަށް އަނިޔާވީ ޖެނުއަރީ މަހުއެވެ. އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ މާޗު މަހު ރިކަވާވާނެ ކަމަށް ބެލެވުނު ނަމަވެސް ރިކަވަރީ ދިގުލައިގެން ދިޔައީއެވެ. ކުޑޫސް ވޯލްޑް ކަޕަށް ރިކަވާވާނެ ކަމަށް ބެލެވުނު ނަމަވެސް ރިކަވަރީ ފުރިހަމަ ނުކުރެވުމާއެކު ގާނާގެ ކޯޗު ކާލޯސް ކޭރޯޒް ވަނީ 28 ކުޅުންތެރިންގެ ސްކޮޑުން ކުޑޫސް ބޭރުކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުނު 46 މެޗުން 13 ގޯލް ޖަހައިދީފައިވާ އިރު، ކުޑޫސް މިސީޒަނަށް ޓޮޓެންހަމްއަށް ބަދަލުވީ ވެސްޓް ހޭމްއިންނެވެ. ޓޮޓެންހަމްއަށް 19 މެޗު ކުޅެ، ދެ ގޯލް ޖެހި އިރު، ފުރަތަމަ ކޮޅުގައި ކުޑޫސްގެ ފޯމުވެސް ފެނުނީ ރަނގަޅަށެވެ.

ގާނާއިން ވޯލްޑް ކަޕް ގްރޫޕް އެލްގައި ހިމެނޭ އިރު، އެ ގްރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، އިންގްލެންޑް އަދި ޕެނަމާއެވެ.

ގާނާގެ އެޓޭކުން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ އެންޓޮއިން ސެމެންޔޯއާއި އިނާކީ ވިލިއަމްސްއެވެ. ކޯޗު ކޭރޯޒް، އެ ދެކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަރޯސާ ވާނެ ކަަމަށް ބެލެވެއެވެ.