ބ. ދަރަވަންދޫ އެއާޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އެ މަޝްރޫއަކީ އެ އެއާޕޯޓު ބޭނުންކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ހުރި ޓާމިނަލް އިތުރަށް ބޮޑުކުރުމުގެ އިތުރުން، މުޅިން އާ ލައުންޖް އިމާރާތެއްވެސް ބިނާކުރުމަށް ވަނީ ނިންމާފައިކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. އެކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހެވެ.

މި މަޝްރޫއާ ގުޅޭ މައިގަނޑު މައުލޫމާތުތައް:

  • މަސައްކަތުގެ މުއްދަތު: އަމަލީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
  • ފައިނޭންސިން: މި މަޝްރޫއު ކުރިއަށްގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން
  • ޝަރުތުތައް: 50 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ހިންގާފައިވާ ނުވަތަ މިފަދަ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • ހިދުމަތްތައް: މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓުގެ އާންމު ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ޕްލޭން ކުރަންޖެހޭ

ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ހުޅުވި ފަހުން، ބ. އަތޮޅުގެ ފަތުރުވެރިކަމުގެ މައި ދޮރާއްޓެވެ. ކޮންމެ ދުވަހަކު އަށް ފްލައިޓަށް ވުރެ ގިނަ ފްލައިޓް ޖައްސާ އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދަތުރުކުރާ މީހުން ބޭނުންކުރާ އެންމެ މުހިންމު އެއާޕޯޓެވެ.