ކުރިއަށްއޮތް ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓުތަކުން ދެމުންގެންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޕީއެލުން މިއަދު އާންމުކުރި ދެންނެވުމެއްގައި ބުނި ގޮތުގައި، މި ނިންމުމަކީ އީދު ބަންދާ ދިމާކޮށް ބަނދަރުގެ އޮޕަރޭޝަންތަކަށް ގެންނަ ވަގުތީ ބަދަލެކެވެ. މިއީ ކޮންމެ އަހަރަކުވެސް އީދު ބަންދާ ދިމާކޮށް އެ ކުންފުނިން އަމަލުކުރަމުން އަންނަ އާންމު އުސޫލެކެވެ.

އެމްޕީއެލުން ބުނެފައިވާ ގޮތުގައި، ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ. މި ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ދެމުންގެންދާ އެންމެހާ އޮޕަރޭޝަނަލް ހިދުމަތްތައް ހުއްޓިފައި ހުންނާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

ދެ ދުވަހުގެ މެދުކަނޑާލުމަކަށްފަހު، އެމްޕީއެލްގެ ހިދުމަތްތައް އާންމު އުސޫލުން އަލުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 7:30 ގައެވެ. އަދި ހިދުމަތްތައް މެދުކަނޑާލެވޭ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.