ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
އީދު ނަމާދަށް ފަހު އާއިލާއާއި ރައްޓެހިންނާއެކު ބޮނޑިބަތް ކެއުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އުފާވެރި އާދައެކެވެ. ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަރަކާތަކީ އީދުގެ އުފާވެރިކަން އާންމުންނާ ހިއްސާކޮށް، އެއްބައިވަންތަކަން އާލާކުރުމަށް ބާއްވާ ހަރަކާތެކެވެ.
މި އަހަރުގެ އީދު ބޮނޑިބަތް ބެހުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ސަރަހައްދެއްގައެވެ. އެގޮތުން، މާލޭގައި މި ހަރަކާތް ކުރިއަށްދާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އަދި ހުޅުމާލޭގައި ބޮނޑިބަތް ބަހާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.
ދިރާގުން ބުނި ގޮތުގައި މި ދެ ސަރަހައްދުގައި ވެސް ބޮނޑިބަތް ބެހުން ފަށާނީ އީދު ދުވަހުގެ ހެނދުނު 7:00 ގައި އޮންނަ އީދު ނަމާދަށް ފަހުގައެވެ. ބޮނޑިބަތް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:
- ކިންގް ސަލްމާން މިސްކިތް ސަރަހައްދު، މާލެ
- ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 1
މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.
މީގެ އިތުރުން، އިޖުތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ. ދިރާގުން އަންނަނީ ރަމަޟާން މަހާއި އީދު ފަދަ މުނާސަބަތުތަކާ ގުޅިގެން މުޖުތަމައަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް މެދުކެނޑުމެއްނެތި ހިންގަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު