(18 މެއިގެ އަދަދާ ގުޅޭ)
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދޮންދަރިކަލުން (أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ ދަރިކަލުން) حـــارث بـــن أبــــى هــالــة رضـــــى اللّـــه عــنـــــه އޭރު ހުންނެވީ خـــديجــــة ގެފާނުގެ ގެކޮޅުގައެވެ. އެކަލޭގެފާނަށް އެއަޑުފަށްގަނޑު އިވިވަޑައިގެންނެވުމާއެކު ދޮންބައްޕާފުޅު ސަލާމަތްކުރައްވާން ދުވެވަޑައިގެންފައި ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެންފިއެވެ. حـــارث ކައުސާހިބާގެ އަރިހަށް ލެފިވަޑައިގެން މީހުންތައް ދުރުކުރައްވާން ފެއްޓެވުމާއެކު ބުދުތަކުގެ ޕުޖާރީންގެ ކަނޑިތަކުން އެކަލޭގެފާނު ޝަހީދުކޮށްލައިފިއެވެ. އެކަލޭގެފާނުގެ ޠާހިރު ލޭފޮދުން ޙަރަމްފުޅުގެ ޠާހިރު ބިމުގައި ކުލަޖެހި ޒީނަތްތެރި ވެއްޖެއެވެ. އެއީ كــعـــبـــة ގެ ޙަރަމަށް ވެހުނު އެންމެފުރަތަމަ ލޭގެ ވާރޭގެ ތިކިތަކެވެ. އިސްލާމްދީނުގެ އެންމެފުރަތަމަ ޝަހީދުގެ ލޭފޮދުން ރަޙްމަތުގެ ތަޙްރީކުގެ އެންމެފުރަތަމަ ބާބު ލިޔެވިގެން ހިނގައްޖެއެވެ.
މިއީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވާ އިސްލާމީ ތަޙްރީކާއި އެ ތަޙްރީކުގެ ދުޝްމަނުންނާ ދެމެދު ހިނގި އެންމެފުރަތަމަ ކުރިމަތިލުމެވެ. އެ މަޢުރިކާގައި އެ ތަޙްރީކުގެ ފިދާއީއަކު ވަނީ އެ ތަޙްރީކަށްޓަކައި ފުރާނަފުޅު ޤުރްބާން ކުރައްވައިފައެވެ. އެ ފިދާއީގެ ލޭފޮދު އޮހޮރުވައިލީ އެބަޔެއްގެ ދުނިޔެއާއި އާޚިރަތު ރަންކުރެއްވުމަށްޓަކައި އެ ތަޙްރީކު ހިނގައިލެވުނު މީހުންނެވެ. رحــمـــــن الـــرّحــيـــم ގެ ޙުކުމްފުޅަށް އެ ތަޙްރީކު ފެއްޓެވީ رحـمــة لّـلعــالمــيـــن صــلّـــــى اللّــــه عــلـيــــه وســلّـــــم އެވެ. މުޝްރިކުން ތިބީ ވަރަށް އުފަލުންނެވެ. އެބައިމީހުން ހީކޮށްގެންތިބީ އިސްލާމީ އިންޤިލާބުގެ ދާޢީގެ އަޑުފުޅު ހަމަ އުފުއްލަވައިލައްވާއިރަށް އެ ސާހިބާގެ އަޑުފުޅު ކަނޑުވައިލެވިއްޖެ ކަމުގައެވެ. އެމާތް ސާހިބާގެ ޙިމާޔަތުގައި ތެދުވެވަޑައިގެންނެވި ލޮބުވެތި ދޮންދަރިކަލުން ޙަރަމްފުޅުގެ ތެރޭގައި ޝަހީދުކޮށްލުމުން އަބަދަށްޓަކައި އެ ތަޙްރީކުގެ އަޑު ކަނޑުވައިލެވުނީ ކަމުގައެވެ. އެބައިމީހުން ހީކުރީ އޭގެފަހަށް އެއްވެސް މުސްލިމަކަށް ޙަރަމްފުޅުގެ ތެރޭގައި ތައުޙީދުގެ ކަލިމަފުޅުގެ އަޑު އުފުލައިލާކަށެއް ނުކެރޭނެ ކަމުގައެވެ. އެކަމަކު އީމާންކަމުގެ އަހްލުވެރީންގެ ހިތްތަކުގައިވާ ޢިޝްޤުގެ ދަންމަރަކީ ނިއްވައިލެވުން އެއްކިބައިގައި އޮއްވައި ކަނިކޮށްވެސް ނުލެވޭނެ ދަންމަރެއްކަމެއް އެބައިމީހުންނަކަށެއް ނޭނގެއެވެ. މާތް اللّــــه سبحـــانــــه وتــعــــالــــى އަށްޓަކައި ފުރާނައިން ޤުރްބާންވުމަކީ މުސްލިމަކު ކުޑައިކޮށްވެސް ޑަރުހީވާނެކަމެއް ނޫންކަމެއް އެބައިމީހުން ނުދަނެއެވެ. ޝަހީދުންގެ ލެޔަކީ އެލޭގެ ވެރިން ޙުސްނުލްމައާބަށް ވާޞިލުކޮށްދޭނެކަމެއް ކަމެއް މުޝްރިކުން ނުދަނެއެވެ. މުސްލިމުން އެދޭ ޙުސްނުލްމައާބަކީ ކޮންމެ ހިނދުކޮޅަކުން އެތާނގެ އުޖާލާކަމާއި ބެބުޅުން އިތުރުވަމުންދާ ތަނެކެވެ. އައު ކުލަތަކާއި ރީތި އައު މަންޒަރުތައް ދައްކަމުންދާނެ ތަނެކެވެ. އެތާނގެ އެއްވެސް ނިޢުމަތަކީ ހިސާބުކުރެވުމެއް ނިމުމެއް އައުމެއްނެތް ނިޢުމަތެކެވެ. އެތާނގެ އެންމެފުރިހަމަ އެންމެ ހިތްތަކަށް މީރުކަން ލިބިދޭ ނިޢުމަތަކީ ރަޙްމަތްވަންތަ ربُّ الـــرّحـــيـــم ގެ ދީދާރުފުޅު ފެނުމުގެ ނިޢުމަތެވެ. އެހެންކަމުން ޝަހީދުވުމަކީ ކޮންމެ މުސްލިމެއްގެ ހިތުގެ އަޑީގެ އެންމެބޮޑު އެދުމެކެވެ.
އިންޤިލާބީ ތަޙްރީކުތަކަކީ އޭގެ އެންމެފުރަތަމަ މަރުޙަލާގައި ފާސިދު މުޖްތަމަޢުތަކުގެ ބިންގާ ފުނޑުފުނޑުކޮށް ސުންނާފަތިކޮށްލާ ބާރެކެވެ. އައު ބިންގަލެއްގެ މަތީގައި ބިނާކުރުމުގެ ދައުރު ފެށެނީ އޭގެފަހުންނެވެ. އެހެންކަމުން ފިކުރީގޮތުން ދާއިރާ ހަނި ޖުމޫދު ވެރިވެފައިވާ ޤައުމުތަކުގެ މީހުން ހީކުރަނީ އިންޤިލާބީ ތަޙްރީކުތަކަކީ ތިމާމެންނަށް ކުރިމަތިވާ ހަލާކާއި ގެއްލުމެއް ކަމުގައެވެ. އެހެންކަމުން އެ ޤައުމުތަކުގެ ބޮޑުން ކަށީގެ މަދުން ހިތްވަރު ނެރެގެން އެ ތަޙްރީކުތައް ސުންނާފަތިކޮށްލާން ހިފައިލައެވެ. ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ބާރުލަމުން ގެންދެއެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނުހަނު ދުރަށް ވިސްނުންފުޅު ފޯރުއްވައިގެން އެމާތް ސާހިބާގެ ރަޙްމަތުގެ ތަޙްރީކު ހިންގެވީ ފާޅުގައްޔާއި ސިއްރިޔާތުގައެވެ. މުޝްރިކުންގެ ކުރިމަތީގައި މޭފުޅު އައްޑަނަކޮޅަކަށް ހައްދަވައިގެން ފާޅުގައި ހުއްޓިވަޑައިގެން ހުންނެވީ އެމާތް ސާހިބާއެވެ. އެމާތް ސާހިބާގެ އިންޤިލާބީ ތަޙްރީކުގެ އެކުވެރީން އެ ތަޙްރީކު ހިންގަވަމުން ގެންދެވީ މައްކާގެ މުޖްތަމަޢުގެ އެތެރެއެތެރެއިންނެވެ. އަޑިއަޑީންނެވެ. "ވައިދަށް" ފަރާތުންނެވެ. އެބޭކަލުން ސިއްރު ސިއްރުން ގެންދެވީ ޢާންމުންނާ ގުޅުން އުފައްދަވަމުންނެވެ. ރަޙްމަތުގެ ތަޙްރީކުގައި ބައިވެރިވާން ޢާންމުންނަށް ދަޢުވަތު ދެއްވަމުންނެވެ. އެބޭކަލުން ރަޙްމަތުގެ ތަޙްރީކުގެ އަމާޒުތަކާއި މަޤްޞަދުތައް މީހުންނަށް ވިސްނައިދެއްވައެވެ. އެބޭކަލުން ގެންދެވީ މީސްތަކުންގެ ހިތްތައް ފަތަޙަކުރައްވަމުންނެވެ. އެބޭކަލުންގެ ރީތި ޚުލުޤުފުޅާއި ހެޔޮ ނިޔަތްޕުޅުގެ ޒަރީޢާއިންނެވެ. އެބޭކަލުން އިންސާނިއްޔަތުދެކެ ވެވަޑައިގަންނަވާ އިޚްލާޞްތެރި ލޯބިފުޅުގެ ވަސީލަތުންނެވެ. އެބޭފުޅުން ގެންދެވީ ޢާންމުން އެ ތަޙްރީކާ ކައިރިޔަށް ލަވައި ގެންނަވަމުންނެވެ. އެބޭކަލުންގެ މަސައްކަތްޕުޅުގައި ރޭގަނޑެއް ދުވާލެއް ނުބައްލަވައެވެ. ހީވާގިފުޅުވެވަޑައިގެން އުޅުއްވީ އެ އައިތަވެރި މަސައްކަތްޕުޅުގައެވެ. ރަޙްމަތުގެ ތަޙްރީކުގެ އަސާސީ އެއް މަޤްޞަދަކީ މީސްތަކުން އެބައިމީހުން އަޅުކަންކުރާ ބުދުތަކާ ދުރުހެލިކުރެއްވުމެވެ. އެ ބުދުތަކުގެ މުޖާވިރުން ޢާންމުންގެ ލޭބޮމުން ގެންދާގޮތް އަންގަވައިދެއްވުމެވެ. ޢާންމުންގެ ކިބައިން ހުއްދަނޫން ފައިދާ ނަގަމުންދާގޮތް ވިސްނައިދެއްވައި އެއުރެންގެ ވަކިތަކުން ޢާންމުން މިނިވަން ކުރެއްވުމެވެ. އެހެންކަމުން މުސްލިމުންގެ އިންޤިލާބީ ތަޙްރީކުގެ "މަސައްކަތުގެ މައިދާނަކީ" އަނިޔާ ލިބެމުންދިޔަ ނިކަމެތި ގިންތިތަކުގެ ތެރެއެވެ. ޝައްކެއްނެތެވެ. أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه ގެ މަސައްކަތްޕުޅުން ވަނީ މައްކާގެ މަތީފަންތީގެ ފުރަދާނައިންގެ ބަޔަކުވެސް ރަޙްމަތުގެ ތަޙްރީކާ ގުޅުވައިލައްވައިފައެވެ. އެބޭކަލުންގެ މަސައްކަތްޕުޅުން މައްކާގެ ކަމުވޮށިގެންވާ ތަނަވަސް ޢާއިލާތަކަށްވެސް އެ ތަޙްރީކުގެ މޫތައްދިޔައީ ފެތުރެމުންނެވެ. އަސަރުތައް ދިޔައީ ފޯރަމުންނެވެ.
އިސްލާމްދީނުގެ رحـمــة لّـلعــالمــيـــن ތަޙްރީކުގެ އެންމެ އިސްޤާއިދު އެހައިތަނުން ފެށިގެން މައްކާގެ މަގުތަކާއި ގޯޅިތަކުގައި ބުރުޖައްސަވާން ފައްޓަވައިފިއެވެ. އިންސާނިއްޔަތާމެދު ރަޙުމާއި ކުލުނާއި ހަންހާރަވެތިކަމުން ފުރިފައިވާ ހިތްޕުޅަކާއިގެންނެވެ. ބައްދަލުވެވަޑައިގަންނަވާ ކޮންމެ ބަޔަކާ ދީނުގެ ވާހަކަފުޅު ދައްކަވައި ރަޙްމަތުގެ ދީނަށް ދަޢުވަތު ދެއްވާން ފައްޓަވައިފިއެވެ. ޢާންމުންނާ ގުޅުން އުފެއްދެވޭނެ އެއްވެސް ފުރުޞަތެއް އެމާތް ސާހިބާ ދޫކޮށެއް ނުލައްވައެވެ. ލިބިވަޑައިގަންނަވާ އެއްވެސް ތަންވަޅެއް ބޭނުންފުޅު ނުކުރެއްވެވިދިޔަޔަކަ ނުދެއްވައެވެ. މީހުން އެއްވާ ކޮންމެތަނަކަށް ފައިންޕުޅު ބީއްސަވައެވެ. އެހިސާބުގަނޑުގައި ބޭއްވޭ ބާޒާރުތަކަށާއި ކުޅިވަރުކުޅޭ ތަނަކަށްވެސް ވަޑައިގަންނަވައެވެ. އިންފިރާދީގޮތުންނާއި އިޖްތިމާޢީގޮތުން މީހުނާ ބައްދަލުކުރައްވައި ރަޙްމަތުގެ ދީނުގެ ދަޢުވަތު ދެއްވަމުން ގެންދަވާން ފައްޓަވައިފިއެވެ.
އަނެއްކޮޅުން ޖާހިލިއްޔަތުގެ ދިދައުފުލާ މީހުންވެސް ގެންދިޔައީ އެއުރެންގެ މަސައްކަތުގައި ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ހިފަމުންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ދިރިދެމިވޮޑިގެންވާ ރަސްވަންތަ ޒާތުފުޅަށް އެއުރެން ކުރިމަތިކުރެއްވޭތޯއެވެ. އައްސަވައި ވޮޑިގެންވާ ބައްލަވައިވޮޑިގެންވާ މަތިވެރިވަންތަ اللّــــه އެއުރެންގެ ސަމާލުކަމުގެ ނާރެހަކަށް ހެއްދެވޭތޯއެވެ. އެ މަތިވެރި ޒާތުފުޅުގެ ރަޙްމަތްފުޅު ދުނިޔެއާއި އާޚިރަތުގައި އެއުރެންނަށް ހޯއްދަވައިދެއްވޭތޯއެވެ. ނަމަވެސް ޢާންމުންނާއި ޚާއްޞުންވެސް ގަދަހަދައިފައި ދުވަމުންދިޔައީ ގެއްލުމެއްވެސް ލާބައެއްވެސް ހޯދައިނުދެވޭ ހިލައިގެ ބުދުތަކާ ދިމާޔަށެވެ. ރަޙްމަތުގެ ނަބިއްޔާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ޢާންމުންގެ ކިބައިން ހުއްދަނޫން ފައިދާތައް ނުހޯދާ އަމާން މުޖްތަމަޢެއް ބިނާކޮށްދެއްވާށެވެ. ނަމަވެސް މީހުން ގަދަފައި ވިއްދަމުން ގެންދިޔައީ ތިމާމެން އަޅުވެތިކޮށް ތިމާމެންގެ ފަރާތުން ހުއްދަނޫން މަންފާތައް ލިބިގަންނަމުންދިޔަ ދުޝްމިނުންގެ މަޙްކޫމިއްޔަތުގައި ދެމިތިބެވޭތޯއެވެ. ސަބަބަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ.
ކުރީންވެސް ދަންނަވައިފައިވާ ފަދައިން قـــــريـش ންގެ ވެރިކަމާއި ސިޔާދަތާއި، މަޢީޝަތުގެ ހުރިހައި ބާރެއްގެ ސިއްރަކީ كــعـــبـــة اللّــــه އެވެ. ޢަރަބީން އަޅުކަންކޮށްއުޅޭ ބުދުތަކުން كــعـــبـــة اللّــــه ފުރައިލައިފައިވުމެވެ. އެގޮތުން قـــــريـش ންނަށްވަނީ މުޅި ޢަރަބި ބައްރުގެ މައްޗަށް ދީނީ ވެރިކަމެއް ކުރުމުގެ ފުރުޞަތު ލިބިފައެވެ. މަގުފަހިވެފައެވެ. އެބައިމީހުން ދެކެނީ އެބައިމީހުންގެ ޚާންދާނަކީ آل اللّــــه ކަމުގައެވެ. كــعـــبـــة اللّــــه ގެ މުޖާވިރުންގެ ހައިސިއްޔަތުން އެބައިމީހުންވަނީ ބޮޑެތި މަޙްކަމާތަކެއް ހަދައި އެތަންތާނގެ ވެރީންކަމުގައި ވެގެންފައެވެ.
ތިރީގައި މިވަނީ قـــــريـش ން އެގޮތުން އުފައްދައިފައިހުރި ބައެއް މަޤާމުތަކާއި އެ މަޤާމުތައް ލިބިފައިވާ ވަންހަ ތަކާއި އިސްލާމީ ރަޙްމަތުގެ ތަޙްރީކު ފެށުނުއިރު އެކަންކަމުގެ ވެރިކަމުގައިތިބި މީހުންގެ މައްޗަށް ހިންގައިލައިފައިވާ އަވަސް ކަޅިޔެކެވެ.
އިސްލާމީ ރަޙްމަތުގެ ތަޙްރީކުގެ ފެށުނުއިރު قـــــريـش ންގެ އިސްފުރަދާނައިންގެ ގޮތުގައި ބަލަމުންއައީ މިދަންނަވާ މީސްމީހުންނެވެ.
(ބާފާނު ކޮއިފުޅު - މަލިކު ބަހެއް، މާތް ބަހުރުވައިން ބޮޑުބޭބެކިޔާ ކުއްޖާ) ولــيــد އަކީ أبــــو جــهـــل ގެ ބާފާނެވެ. މަލިކު ބަހުރުވައިގައި ބައްޕަ ފަރާތާއި މަންމަ ފަރާތުގެ ބޮޑުބޭބެއިންގެ ނަން ތަފާތެވެ. މައިފުށުގެ ބޮޑުބޭބެއަކީ މާންޕާނު އެވެ.)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން


އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު