ކުރިއަށް އޮތް އަޟްހާ އީދުގެ މުނާސަބަތާ ގުޅުވައިގެން، ދިރާގުން ހާއްސަ އިނާމުތަކަކާއި ބޯނަސް ޑޭޓާ ލިބޭ ގިނަ ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފިއެވެ.

މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ފެށި "ބޮޑުމަސް ބޭނުން" ނަމަކަށް ކިޔާ ޑިޖިޓަލް ގޭމެވެ. މިއީ ދިވެހިންގެ ޒަމާންވީ ސަގާފީ ކުޅިވަރެއް ޑިޖިޓަލް ޕްލެޓްފޯމަކަށް ގެނެސް، ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތެކެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި، އިއްޔެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހާއްސަ ގޭމަކީ ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ގޭމެކެވެ. ދިރާގު އެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ފުރިހަމަ ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ 11 އެއް ހިމެނެއެވެ. މި އިނާމުތައް ހޯދުމަށް ގޭމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ގޭމް ކުޅުމުގެ އުސޫލުތަކަށް ބަލާ އިރު، ކަސްޓަމަރުންނަށް ގޭމުގައި ބައިވެރިވެވޭނީ ދިރާގު އެޕްގައިވާ "ބޮޑުމަސް" ބެނާއަށް ފިތާލައިގެންނެވެ. އެއާއެކު ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެނިގެންދާނެއެވެ. މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު ހޯދުމާއި، އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު ދެ ޖީބީގެ ޑޭޓާ މުޅިން ހިލޭ ހޯދުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ތަކެތި ހޯދުމުން ބޮޑު އިނާމު ލިބޭ ލަކީޑްރޯގައި ބައިވެރިވުމުގެ ޓިކެޓް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއީ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ދިރާގުން ކުރިއަށްގެންދާ އުކުޅެކެވެ.

މި ޕްރޮމޯޝަން ތައާރަފުކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، މާކޮމްސް އެންޑް ޕީއާރް، ޒީން މުހައްމަދު ވަނީ މި ހަރަކާތުގެ މައިގަނޑު މަގުސަދާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، “ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ 'ބޮޑުމަސް ބޭނުން' ރަމްޒުކޮށްދޭ ގޮތަށް މި ތައާރަފުކުރި ޑިޖިޓަލް އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުން” ކަމަށެވެ.

އެޕްގައި ކުޅެވޭ ގޭމުގެ އިތުރުން، ދިރާގުން ވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ތައާރަފުކޮށްފައެވެ. މި އޮފާތައް ކުރިއަށްދާނީ އިއްޔެއިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ތަފާތު ދެ ޕެކޭޖެއް ލިބެން ހުންނާނެއެވެ.

އީދު ޑޭޓާ ކޮމްބޯ: މި އޮފާގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 45 ޖީބީގެ ޑޭޓާއާއި، ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ގުޅޭނެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ފައިދާތައް ހިމެނޭ މި ޕެކޭޖް 650 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

އީދު ބޯނަސް ޑޭޓާ: މި އޮފާގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަކި ހާއްސަ އެޑް-އޯންތަކެއް ނެގުމުން، އޭގެ 25 އިންސައްތަ އިތުރަށް ހިލޭ ބޯނަސް ޑޭޓާގެ ގޮތުގައި ލިބިގެންދާނެއެވެ.

ދިރާގުން ބުނި ގޮތުގައި މި ބޮޑު އީދު ޕްރޮމޯޝަނާ ބެހޭ އިތުރު ތަފްސީލުތައް އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނަން ހުންނާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ގައުމީ އަދި ދީނީ ބޮޑެތި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށެވެ. މިފަހަރުގެ އީދު ޕްރޮމޯޝަނަކީ ވެސް އެ ސިލްސިލާގެ ދަށުން ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަން އިތުރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަންތަކުގެ ސަބަބުން އީދު ބަންދުގައި އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.