މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރު، ވޯލްޑް ބޭންކުން 0.7 ޕަސަންޓަށް ދަށްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑް ބޭންކުން ލަފާކޮށްފައި އޮތީ ރާއްޖޭގެ އިގްތިސޯދު 3.9 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.

ނަމަވެސް، ވޯލްޑް ބޭންކުގެ އެންމެ ފަހުގެ "އެޕްރީލް ރިވިއު" ގައި ވަނީ އެ މިންވަރު 0.7 ޕަސެންޓަށް ދަށްކޮށްފައެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ 3.2 ޕަސެންޓުގެ ބޮޑު ދަށްވުމެކެވެ. އެ ބަދަލާއެކު، ރާއްޖެ ވެފައިވަނީ މިއަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދު އެންމެ މަޑުން ކުރިއަރާނެ ގައުމަށެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި މިހާ ބޮޑަށް މަޑުޖެހެން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށްވުމަކީވެސް އިގްތިސޯދަށް އައި ބޮޑު ލޮޅުމެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ އަސަރުތަކާއެކު ރާއްޖޭގެ އިންފްލޭޝަން ރޭޓު 6 ޕަސެންޓަށް އުފުލޭނެއެވެ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓާއި ކަރެންޓް އެކައުންޓް ޑެފިސިޓް އިންތިހާއަށް ބޮޑުވެ، ބޭރު ފައިސާ ހޯދުމަށް އޮތް ތާށިކަން އިތުރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް ބެލެވެނީ 7.6 ޕަސެންޓާއެކު އިންޑިއާއެވެ. ބޫޓާންގެ އިގްތިސާދު 7.1 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކުރާއިރު، މުޅި ސަރަހައްދުގެ އެވްރެޖް ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 6.3 ޕަސެންޓުގައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސޯދީ އަންދާޒާ:

  • އިންޑިއާ: 7.6 ޕަސަންޓް
  • ބޫޓާން: 7.1 ޕަސަންޓް
  • ބަންގްލަދޭޝް: 3.9 ޕަސަންޓް
  • ސްރީލަންކާ: 3.6 ޕަސަންޓް
  • ނޭޕާލް: 2.3 ޕަސަންޓް
  • ރާއްޖެ: 0.7 ޕަސަންޓް

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު 5.7 ޕަސެންޓުގައި ކުރިއަރައި، ސަރަހައްދުގެ ތިންވަނައިގައި ވަނީ ހިމެނިފައެވެ.