މި ހިނގާ އީދު ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކޮށް، ގޭގެއަށްވެސް ޒިޔާރަތްކުރާ ދުވަސްވަރަކަށްވާތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމާއި އަރިދަފުސް ރޯގާ/އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް އެ ބަޔާނުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި ރަށްރަށަށް ކުރާ ދަތުރުކުރުތައް އިތުރުވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަންދޭން، އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ކަންކަން:

  • ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
  • ބަލިޖެހިގެން ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން.
  • ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން، އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން.
  • އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުން.
  • ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
  • ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

މަދިރީގެ ޒަރިއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް:

  • މަދިރިހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުމާއި ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމާއި މަދިރިގެ ބޭނުންކުރުމާއި ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުން.
  • ގެ އާއި ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން.

އާންމު ސިއްހަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރާ މައުލޫމާތަކަށް ބަރޯސާވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.