ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގެންފިއެވެ.

ކްރިމިނަލް ކޯޓުން ގެގް އަމުރު ނެރެނީ، 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައިގެންނެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ ސަބަބުން އުފުލި އެ ދައުވާތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނާ ސުވާލުކޮށްގެންނެވެ. އަދި ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުންނެވެ.

މި މައްސަލާގައި މެއި މަހުގެ 12 ވަނަ ދުވަހު ޝަހުޒާނާއި ލީވާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން ވެސް އެންމެ ދެ ގަޑިއިރުގެ ވަގުތެއް ދިނުމަށްފަހު، ހަމަ އެ ދުވަހުން އެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. ލީވާން 10 ދުވަހަށް ޖަލަށްލުމުގެ އިތުރުން 26،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އިރު، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމާއެކު 25،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ.

މި ދެ ހުކުމް ވަކިވަކިން ހައި ކޯޓުގައި އިސްތިއުނާފްކުރި އިރު، އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ.

އެ ދެ ނޫސްވެރިންގެ ތެރެއިން ދިހަ ދުވަހަށްފަހު މިދިޔަ ހުކުރު ދުވަހު ލީވާން ވަނީ ޖަލުން ދޫކޮށްލައިފައެވެ.