ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވަނީ މި އަހަރުގެ ތެރޭގައި ރައީސް މުއިއްޒުގެ ވެރިކަން ނިންމާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުވެ ތެރެއިންވެސް ބަދަލުތަކެއް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ)ގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި އައްޑޫ ސިޓީގައި މިރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ނަޝީދަށް އަމާޒުކޮށް ވިދާޅުވީ، ނަނާ ހުވަފެން ނުދެއްކެވުމަށެވެ.
"ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެންގެވޭނެއޭ. އެކަން ކުރާކަށް ފުރުސަތެއް ނުދޭނަމޭ." އަބްދުރައްހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ތިބީ ރައީސް މުއިއްޒާއެކުގައި ކަމަށާއި ރައީސް މުއިއްޒަކީ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވަމުން އަންނަ ވެރިއެއް ކަމަށެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގުޅިވަޑައިގެން ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ކުރާ މަސައްކަތަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ތިން ރައީސުންނަކީވެސް ފެއިލްވެފައި ތިބި ތިން ރައީސުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެ ތިން ރައީސުންނަށްވެސް އެކުގައި މަސް ދުވަހުވެސް ނޫޅެވޭނެ ކަމަށާއި އެއީ އުޑާއި ބިމާހާ ހިޔާލު ތަފާތު ތިން ރައީސުން ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭ ކަމަށާއި ކުރާނެ މަސައްކަތެއްވެސް ނެތް ކަމަށެވެ.
އަލީ ޔާމިން
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)