އެމެރިކާގެ ދެކުނު ކެލިފޯނިއާގެ ގާޑަން ގްރޯވްގައި ހުންނަ ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހުރި ޓޭންކަކުން ކެމިކަލް ލީކުވެ، ގޮވާފާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ 40،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖީކޭއެން އޭރޯސްޕޭސް ކުންފުނީގެ ކާރުހާނާއެއްގައެވެ.
އޮރެންޖް ކައުންޓީ ފަޔަރ އޮތޯރިޓީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މައްސަލަ ދިމާވެފައިވަނީ 34،000 ގޭލަންގެ ކެމިކަލް ޓޭންކަކަށެވެ. މި ޓޭންކުގައި ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ ނުރައްކާތެރި އަދި އަލިފާން ހިފާފާނެ ކެމިކަލެއް ކަމަށްވާ 'މިތައިލް މިތަކްރައިލޭޓް' ގެ 6،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ގޭލަން ރައްކާކޮށްފައިވެއެވެ. ބުރާސްފަތި ދުވަހު މި ޓޭންކު މާބޮޑަށް ހޫނުވެ، އެއިން ވިހަ ގޭސް ބޭރުވާން ފެށުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ އިއްޔެ އެ ސަރަހައްދުގެ ހަ ރަށެއްގެ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ.
އޮރެންޖް ކައުންޓީ ފަޔަރ އޮތޯރިޓީގެ ޑިވިޝަން ޗީފް ކްރެއިގް ކޯވީ ވިދާޅުވި ގޮތުގައި، އެ ޓޭންކު ފަޅައިގެން ދިއުން ނުވަތަ ގޮވުން ފިޔަވައި އިތުރު ގޮތެއް މިހާރު ނެތެވެ. އަދި އެކަން ހިނގާނެ ވަގުތެއް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އެކަން ހުއްޓުވުމަށް ނުވަތަ ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، ޓޭންކު ފަޅައިގެންގޮސް ކެމިކަލް ބޭރުވެއްޖެނަމަ، ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރު ތިމާވެއްޓާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. އެހެންކަމުން، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ ކެމިކަލް ފެތުރުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ބޭނުންކޮށްގެން ހުރަސްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އާންމުންނަށް އަނބުރާ ގެތަކަށް ދެވޭނެ ވަގުތެއް އަދި ކަށަވަރުނުވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ ވައިގެ ސާފުމިން މެދުކެނޑުމެއްނެތި މޮނިޓަރކުރަމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ