ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެކުލަވާލާފައިވާ ހަތް ދުވަހުގެ ޕްލޭން ތަންފީޒުކުރުމަށް މެދުވެރިންނާ ގާތުން މަޝްވަރާކުރަމުން އަންނަ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ނިންމާލައި ހަފުތާއަކަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެ ޕްލޭން ތަންފީޒުކުރެވޭނެ ހިޔާލުތައް މެދުވެރިންނާ އެކު މުރާޖައާކުރަމުން އަންނަ ކަމަށެވެ. ގައުމު ދިފާއުކުރުމަށް އީރާނުގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރަށް އޮތް ނަމަވެސް، ޑިޕްލޮމަސީއަށް ފުރުސަތު ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޕްލޭނަކީ މިދިޔަ ސެޕްޓެންބަރު މަހު ގަތަރު މެދުވެރިކޮށް އީރާނުން އެމެރިކާއަށް ހުށަހެޅި ޕްލޭނެކެވެ. އޮކްޓޫބަރު 17 ގައި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން - އޯއައިސީ)ގެ ބައްދަލުވުމުގައި އަރަގްޗީ ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 އާ ހަމައަށް ހުޅުވިފައި އޮތް އެ ކަނޑުއޮޅީގެ ސަލާމަތަށް ބުރޫއެރީ އެމެރިކާއާއި އިސްރާއީލްގެ ހަމަލާތަކާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތް ދުވަހުގެ ތެރޭގައި ކަނޑުއޮޅި ހުޅުވައި ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ހުރަސްތައް އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ލުބުނާން ހިމެނޭ ގޮތަށް ސަރަހައްދުގައި ހަމަލާތައް މެދުކަނޑާލުން ހިމެނެއެވެ.

ރަސްމީ ބަޔާންތަކުގެ އިތުރުން، އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ގަތަރު އިސްވެ އޮވެ ސަރަހައްދީ މެދުވެރިން އާ އެއްބަސްވުމަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެކްސިއޯސްއާ ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.