ސަރުކާރު ހިންގުމުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، މިއަހަރުގެ މިހާތަނަށް ޖުމްލަ 5.4 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރުފިޔާއިން ވިއްކި ޓީބިލްގެ އަދަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ދައުލަތުން ވިއްކި ޓީ ބޮންޑުގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އިސްލާމިކް އިންސްޓްރޫމެންޓްތަކުގެ ގޮތުގައި ވިއްކި ފައިސާގެ އަދަދުވެސް ވަނީ މަތިވެފައެވެ.

އެ އިތުރުވުމާއެކު، ދައުލަތުން މިހާތަނަށް ވިއްކާފައިވާ ޓީބިލްގެ ޖުމްލަ އަދަދު މިހާރު ހުރީ 95.7 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރު ފެށުނުއިރު ހުރި 90.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ޖުމްލަ އަދަދަށް ބަލާއިރު، ރުފިޔާއިން ވިއްކި ޓީބިލްގެ އަދަދު 44 ބިލިއަން ރުފިޔާއަށް އަރާއިރު، ޓީ ބޮންޑުގެ ގޮތުގައި 29 ބިލިއަން ރުފިޔާ ވަނީ ވިއްކާފައެވެ.

ސަރުކާރުން އާންމުކޮށް ކޮންމެ ހަފުތާއަކުވެސް ޓީބިލް ވިއްކަން ހުޅުވާލާއިރު، އެ ތަކެތި ވިއްކަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށެވެ. އެ ޓީބިލްތަކަށް އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހެނީ 3.5 ޕަސަންޓާއި 4.6 ޕަސަންޓްއާ ދެމެދުގެ ރޭޓުތަކެކެވެ.

މިއަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސިން ހޯދުމަށްޓަކައި ޓްރެޝަރީ ސެކިއުރިޓީ މެދުވެރިކޮށް 8.6 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ވިއްކާފައިވާ ޓްރެޝަރީ ސެކިއުރިޓީތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 97 ބިލިއަން ރުފިޔާއަށް އަރާފައެވެ.