(15 މެއި ގެ އަދަދާ ގުޅޭ)

ބޭރު މީހާޔަށް އިޙުސާސް ވާން ފެށީ އޭނާއަށް އެ ހުރެވުނީ ދެ މޮޔައިންގެ ދެމެދުގައި ކަމަށެވެ. އިތުރު ވާހަކަ ދެއްކުމަކީ އެއްވެސް ފައިދާއެއް ނެތް ކަމެއް ކަމަށެވެ. ނަމަވެސް ޕިޔާރޭލާލާއި ބަގަތުރާމާ ދެ މީހުން އަސްމަތީން ފައިބައި ވާގަނޑަކުން އޭނާގެ ދެ އަތް ބަންނާން ފެށުމުން އޭނާ ރޮއި އާދޭސް ކުރާން ފަށައިފިއެވެ. "ކަލާކޮށްޓަކައި އަޅުގަނޑު ދޫ ކޮށްލައްވާށެވެ! އަޅުގަނޑު ތިޔަ ބޭފުޅުންނަށް އެއްވެސް ގޯނާއެއް ނުކުރަމެވެ. ތިޔަ ބޭފުޅުންގެ އަރިހުގައި ދޮގެއް ވެސް ނުހަދަމެވެ. އަޅުގަނޑު މި އަންނަނީ އަޅުގަނޑުގެ ބަފައިކަލޭގެ ގެއިންނެވެ. އަޅުގަނޑު މިހިރީ ތިޔަ ބޭފުޅުންނާ އެކު އެތަނަށް ދާން ވެސް ތައްޔާރަށެވެ. އެ ރަށުގެ މީހުން އަޅުގަނޑު އެ ރަށުން ފުރީ އިރު އެރި ފަހުންކަމަށް ހެކި ދޭނެއެވެ. އަޅުގަނޑަށް ކުރެވުނުހައި ވެސް ކުށަކީ މި އަހާ މެދު ހަމްދަރުދީ ވުމެވެ. އަޅުގަނޑަށް މާފު ކުރައްވާށެވެ. އަޅުގަނޑު ދޫ ކޮށްލައްވާށެވެ. އަޅުގަނޑަށް އިތުބާރު ނުކުރައްވާ ނަމަ އަޅުގަނޑު މިހިރީ ތިޔަ ބޭފުޅުންގެ އަރިހުގައި ދާން އުފަލާ އެކު ތައްޔާރަށެވެ. އަޅުގަނޑު ބެންނެވުމުގެ ބޭނުމެއް ނެތެވެ."

ނަމަވެސް އެ ދެ މީހުން އޭނާގެ ރުއިމާއި އާދޭހަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާގެ ދެ އަތް ބަނދެލައިފިއެވެ. އެޔަށްފަހު ބަގަތުރާމް އަހަށް ސަވާރު ވެއްޖެއެވެ. ޕިޔާރޭލާލް އެ މީހާއަށް އެހީ ވެދީގެން އޭނާ ބަގަތުރާމްގެ އަހުގެ ފަހަތުގައި ބައިންދައިފިއެވެ.

+ + + +

ޖަންގަލި ވަށައިލައިގެން ތިބި މީހުންގެ ޢަދަދު އިރުކޮޅަކަށް ވުރެ އިރުކޮޅެއް ދިޔައީ އިތުރު ވަމުންނެވެ. ވަށައިގެން ހުރި އަވަށްއަވަށުގެ އަމީރުންނާއި ބިންވެރީން ޖޭކްރިޝަނަށް އެހީ ވެވަޑައިގަތުމަށް ޓަކައި ވަޑައިގަންނަވަނީއެވެ. ޖޭކްރިޝަން އޭނާގެ ގަނޑުވަރު ރައްކައުތެރި ކުރެއްވުމުގެ އިންތިޒާމުތަކުން ނިމިވަޑައިގެން އެނބުރި ވަޑައިގެންފިއެވެ. ބައެއް އަމީރުންގެ ޚިޔާލުފުޅަކީ ޖަންގަލީގައި ފިލައިތިބި މީހުން ހޯއްދެވުމުގެ މަސައްކަތް ވަގުތުން ފެށްޓެވުމެވެ. ނަމަވެސް ޖޭކްރިޝަން ހުންނެވީ ކޯރުގެ އަނެއް ފަރާތުގައި ހުރި އަވަށްއަވަށުގެ އަމީރުންނާއި އެ ބޭފުޅުން ފޮނުއްވާ މީހުންގެ އިންތިޒާރުގައެވެ. އޭނާ ބައެއް އަމީރުންނާއި ކުރިޔަށް ތިބި ބިންވެރީންގެ ބަޔަކާ އެކު ޖަންގަލީގެ ވަށައިގެން ބުރު ޖައްސަވަނީއެވެ. އަވަށްއަވަށުގެ މީހުންނަށް ހުޝިޔާރު ވެތިބޭން އަންގަވަނީއެވެ. ކުއްލިޔަކަށް ޕިޔާރޭލާލާއި ބަގަތުރާމް އޭނާއާ ދިމާޔަށް އަންނަތަން ފެނިވަޑައިގެންނެވުމުން އޭނާގެ އަސް މަޑު ކުރައްވައިފިއެވެ. އޭނާ ހަޅޭއްފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "ކަލޭމެން ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟"

ޕިޔާރާލާލް އޭނާގެ އަހުން ފުންމައިލައިފައި ގައިދީ ބަގަތުރާމްގެ އަހުގެ ފަހަތުން ދަމައި ބައިލައިގެން ޖޭކްރިޝަންގެ އަރިހަށް ގެންގޮސް ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން އޭނާގެ އެކުވެރީންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފީމުއެވެ. ނަމަވެސް މީނާ އެކަމަކާ އެއްބަހެއް ނުވެއެވެ. މީނާ ބުނަނީ މީނާއަކީ ރަންބީރުގެ އެކުވެރިޔަކު ނޫންކަމަށެވެ."

"ކަލޭމެން އޭނާ ގޮވައިގެން ތިޔަ އައީ ކޮންތަނަކުން ހެއްޔެވެ؟" ޖޭކްރިޝަން ސުވާލު ކުރެއްވިއެވެ.

"މާތް ސާހިބާއެވެ! އަޅުގަނޑުމެންނަށް މީނާ ފެނުނީ ކޯރުގެ އައްސޭރީންނެވެ."

ޖޭކްރިޝަން ހަޅޭއްފުޅު ލައްވަވައިގެންނެވިއެވެ. "އަހަރެން ކަލޭމެންނަށް އެންގީ އަހަރެން އަންނާންދެން އަހަރެން ބައިތިއްބި ތާނގައި ތިބޭށެވެ."

ބަގަތުރާމް ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެންނަށް ކުށެއް ކުރެވިފައި ވާނަމަ މަނިކުފާނަށް އަޅުގަނޑުމެންނަށް ފަހުން ވެސް އަދަބު ދެއްވިދާނެއެވެ. ނަމަވެސް މީނާ ބުނާ ގޮތުގައި މީނާއާ އަށެއްކަ ކޯހުގެ ދުރުން ރަންބީރާ ދިމާ ވިއެވެ. މީނާ ހަދަނީ ދޮގަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ތެދަކަށް ވާނަމަ، ރަންބީރުގެ ފަހަތްޕުޅުން ދިޔުމަކީ ކޮންމެހެން ބޭނުން ކަމެކެވެ."

ޕިޔާރޭލާލް ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން މީނާ މަނިކުފާނުގެ އަރިހަށް މި ގެނައީ އޭނާ ލައްވައި ތެދު ބުނުވާން މަޖުބޫރު ކުރުއްވޭނީ މަނިކުފާނަށް ކަމުގައި ވާތީއެވެ."

ޖޭކްރިޝަން ވިދާޅުވިއެވެ. "ކަލޭ ހިމޭނުން ހުންނާށެވެ. ބަގަތުރާމް ވާހަކަ ދެއްކިޔަދޭށެވެ."

ބަގަތުރާމް އެކަންތައް ހިނގި ގޮތުގެ ވާހަކަ ކުރު ގޮތަކަށް ދެންނެވުމުން، ޖޭކްރިޝަން ޤައިދީއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ބުނެބަލާށެވެ! ރަންބީރާއި އޭނާގެ އެކުވެރީން ވީ ކޮންތަނަކު ހެއްޔެވެ؟ ކަލޭ ތެދުބަހުން ވާހަކަ ދައްކާން ފަށައިފި ކަމުގައި ވާނަމަ އަހަރެން ކަލެޔަށް އެއްވެސް ކަމެއް ނުކުރާނަމެވެ. އެހެން ނޫނީ އަހަރެން އިރު އޮއްސުމުގެ ކުރީން ކަލޭ ދިރިހުއްޓައި އަންދައިލާނަމެވެ."

ޤައިދީ ބިރުން ހުރެ ޖަވާބު ދިނެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު ރަންބީރަކީ ކާކުކަން ވެސް ނުދަންނަމެވެ."

ޤައިދީ އޭނާގެ ވާހަކަ ކިޔައިދެނިކޮށް އަސްވާރުންގެ ބަޔަކު އެތަނަށް އަތުވެއްޖެއެވެ. އޭގެ ތެރޭގައި ވަށައިގެން ހުރި ކުދިކުދި ރަށްރަށުން ޖޭކްރިޝަނާ އެހީ ވެދެއްވުމަށް ވަޑައިގަތް އަމީރުންނާއި ބިންވެރީން ވެސް ތިއްބެވިއެވެ. އޭގެ ތެރެއިން އަމީރަކަށް ޤައިދީ ފެނިވަޑައިގަތުމާ އެކު އެއީ ކާކުކަން އެނގިވަޑައިގެންފިއެވެ. އޭނާ އަސް ކުރިޔަށް ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ރަށުގެ މީހެކެވެ."

ޖޭކްރިޝަނަށް މަޖުބޫރު ވެވަޑައިގެންނެވީ ޕިޔާރޭލާލާއި ބަގަތުރާމާ ދިމާޔަށް ބައްލަވައިލައްވައިފައި ލޭގެ ކޯވަރެއް ހިއްޕަވައިގެން މަޑުމަޑުން ހުންނަވާށެވެ.

ބަގަތުރާމް ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން ކުށެއް ނެތް މީހަކަށް އަދަބު ދިނުމުގެ ނިޔަތުގައި މަނިކުފާނުގެ އަރިހަށް ގެނައީކީ ނޫނެވެ. މީނާގެ ވާހަކަތައް އިވިވަޑައިގަތުމުން، ރަންބީރު މިހާރު ވަޑައިގެންފިކަމާއި، އަވަހަށް އޭނާ އަތުލައިގަނެވޭތޯ ދާން ޖެހޭނެކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ."

ޤައިދީއާ ބައެއް ސުވާލުތައް ކުރެއްވުމަށް ފަހު ޖޭކްރިޝަނާއި އޭނާގެ އެކުވެރީން ސަވާރުންގެ ބަޔަކު ރަންބީރުގެ ފަހަތްޕުޅުން ފޮނުއްވާން ވެސް ކަނޑައަޅުއްވައިފިއެވެ. އެ ބޭފުޅުން ނިންމެވީ ދެން ތިބި މީހުން ޖަންގައްޔަށް ވަދެ ރަންބީރުގެ އެކުވެރީން ހޯދާން ފަށާށެވެ.

ޕޔާރޭލާލާއި ބަގަތުރާމާ އެކު ދިހަ ސަވާރުން ހުޅަނގު ފަރާތަށް ދަތުރު ކޮށްފިއެވެ. އެބައިމީހުންނަށް މަގު ދައްކަމުން ގެންދަނީ އެއްކަލަ ހައްޔަރު ކޮށްގެން ގެނެވުނު މީހާއެވެ. އޭރު އޭނާގެ ހިތަށް އަރައެވެ. އަހަންނަށް އެ އަސް ނުގެނެވުނުނަމަ ކިހައި ރަނގަޅު ވީސްހެއްޔެވެ.

+ + + +

އަމީރު ޕޫރަންޗަންދަކީ ސުލްހަމަސަލަސްކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އިރު އޮއްސުނު ފަހުން ކުޑަ އިރުކޮޅެއް ވެއްޖެއެވެ. އޭނާ އިންނެވީ އޭނާ ގެންގުޅުއްވާ ގުރާތަކުގެ ކައިރީގައި ފޫހިފުޅު ފިލުއްވާށެވެ. ނޯކަރަކު އައިސް އޭނާގެ އަރިހުގައި މެހުމާނަކު އައި ވާހަކަޔާއި އޭނާ ވަގުތުން ފައިންޕުޅު ދެއްކެވުން އެދޭ ވާހަކަ ދަންނަވައިފިއެވެ. ޕޫރަންޗަންދު ހިތްޕުޅާ ދެކޮޅަށް ތެދު ވެވަޑައިގެން މެހުމާނުޚާނާއަށް ވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅުގައި ޙައިރާންކަން އުފެދުމަށް ނޯކަރު އެ މީހާ ވަގުތުން އޭނާގެ ފައިންޕުޅު ދުށުން އެދޭ ވާހަކަ ދެންނެވިދެންނެވުން އެކަނި ވެސް ފުދެއެވެ.

އޭނާ ރަންބީރު ފެނިވަޑައިގަތުމާ އެކު ސުވާލު ކުރެއްވިއެވެ. "ކޮން ތަނަކުން އައި މީހެއް ހެއްޔެވެ؟"

ރަންބީރު ޖަވާބު ދެއްވިއެވެ. "މަނިކުފާނަށް އަޅުގަނޑު އެނގިވަޑައެއްނުގެންނެވި ދޮގެއްތޯއެވެ؟ އަޅުގަނޑަކީ އަމީރު މޯހަންޗަންދުގެ ކުއްޖަކީމެވެ."

ޕޫރަންޗަންދު އެ އަޑު އިވިވަޑައިގަތުމާ އެކު ރަންބީރުގެ މޫނުފުޅާ ދިމާޔަށް ވިސްނުންތެރިކަމާ އެކު ބައްލަވާން ފައްޓަވައިފިއެވެ. އޭނާގެ ޙައިރާންފުޅުކަމުގެ މައްޗަށް ބާރު ފޯރުއްވަވަމުން ވިދާޅުވިއެވެ. "ހަމަ ތެދުފުޅެއްތޯއެވެ؟ އަޅުގަނޑަކަށް މަނިކުފާނެއް ނޭނގުނެވެ. މަނިކުފާނުގެ ހަށިކޮޅު ވަރަށް ނިކަމެތި ވެއްޖެއެވެ. މި ކަހަލަ ވަގުތެއްގައި ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކުންތޯއެވެ؟"

ވޭތު ވެދިޔަ އަށެއްކަ ދަމުގެ ތެރޭގައި ހިނގައިފައި ވާ ހާދިސާތަކުން ރަންބީރަށް ވަނީ ވަރަށް ބޮޑަށް ރައްކާތެރި ވެވަޑައިގެން އުޅުއްވާން ވަނީ އާދަ ކުރެއްވިފައެވެ. މުސްކުޅިފުޅު އަމީރުގެ މޫނުފުޅުމަތީން ޙައިރާންފުޅުކަމުގެ އަސަރު ފެނިވަޑައިގަތުމުން ރަންބީރު ގަދަކަމުން ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު މި އަންނަނީ ނަންދުނާއިންނެވެ. މަނިކުފާނުގެ ރަށުގެ ކައިރިން ދަމުން މަނިކުފާނުގެ ފައިވާންފުޅު ދެކެލައިފައި ދާން ހިތަށް އެރީއެވެ."

"މަނިކުފާނު ވަޑައިގެންނެވިކަން ވަރަށް ރަނގަޅެވެ. ނަމަވެސް ..." އަމީރު އޭނާގެ ޖުމުލަ ފުރިހަމަ ކުރެއްވުމުގެ ބަދަލުގައި އަނެއްކާވެސް އޭނާގެ ލޯފުޅު ރަންބީރުގެ މޫނުފުޅަށް ހުއްޓަވައިލައްވައިފިއެވެ.

ރަންބީރު ވިދާޅުވިއެވެ. "މައާފު ކުރައްވާށެވެ! އަޅުގަނޑަށް ނުވަގުތެއްގައި މަނިކުފާނަށް އުނދަގޫފުޅު ކުރެވުނީއެވެ. މި ރަށާ ތަންކޮޅެއް ދުރުން އަޅުގަނޑުގެ އަސް މަރު ވެއްޖެއެވެ. މި ވަގުތު އަޅުގަނޑަށް ރަނގަޅު އަހެއް ކޮންމެހެން ވެސް ބޭނުމެވެ."

އަމީރު ކުޑައިކޮށް މަޑު ކޮށްލައްވައިފައި ވިދާޅުވިއެވެ. "މަނިކުފާނަށް އަހެއް ލިބިވަޑައިގެންފާނެއެވެ. ނަމަވެސް މި ވަގުތު މަނިކުފާނު މަނިކުފާނުގެ ރަށަށް ވަޑައިގަތުމަކީ ރަނގަޅު ކަމެއް ނޫނެވެ."

"އަޅުގަނޑު ވެސް ގަސްތު ކޮށްގެން މިހިރީ ރޭގަނޑު ދަތުރު ކުރުމުގެ ބަދަލުގައި ފަތިހު މި ރަށުން ފުރާން ކަމަށެވެ. ދިގު ދަތުރެއްގެ ސަބަބުން އަޅުގަނޑު ވަނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ."

ޕޫރަންޗަންދު ވަރަށް ގިނަ ވާހަކަ ދައްކަވާން ބޭނުންފުޅު ވިއެވެ. ނަމަވެސް ބަނޑުހައިފުޅުކަމާއި ވަރުބަލިފުޅުކަމުގެ ސަބަބުން މިލައިލައިފައި ވާ ރަންބީރުގެ މޫނުފުޅު ފެނިވަޑައިގަތުމުން އޭނާ ދައްކަވާން ބޭނުންފުޅު ވާހަކަތައް ލަސް ކޮށްލައްވައިފައި ނޯކަރުންނަށް އަވަހަށް ފަރީއްކޮޅު ގެންނާން އަންގަވައިފިއެވެ.

އިރުކޮޅެއްގެ ފަހުން ރަންބީރު އޮންނެވީ އޭނާގެ މޭޒުބާންގެ ގަނޑުވަރުގެ ކޮޓަރިކޮޅެއްގައި ގަދަ އަވަހާރަފުޅުގައެވެ. ޕޫރަންޗަންދު މަތީބުރީގެ ކޮޓަރިއެއްގައި އޭނާގެ އަނބިކަނބަލުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނީއެވެ. "ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ. އަޅުގަނޑުމެންގެ ނޯކަރުން ކުރެ އެކަކަށް ވެސް އޭނާ އޮޅުމެއް ނުފިލިއެވެ. ޖޭކްރިޝަނަކީ ވަރަށް ގޮތްކުޑަ ބޭފުޅެކެވެ. އޭނާއަށް މޯހަންޗަންދުގެ ދަރިކަލުން އަޅުގަނޑުމެންގެ ގާތުގައި މަޑު ކުރެއްވިކަން އެނގިވަޑައިގެންފި ކަމުގައި ވާނަމަ މުޅި ޢުމުރަށް އަޅުގަނޑުގެ ދުޝްމަނަކަށް ވެވަޑައިގެންފާނެއެވެ. މިހާރު އަޅުގަނޑު އެންމެ ފިކުރު ބޮޑު ވަނީ ހެނދުނު ރަންބީރު ތެދު ވެވަޑައިގަތުމުން އޭނާގެ ގަނޑުވަރު ވީރާނާ ވި ވާހަކަ ދަންނަވާނެ ގޮތަކާ މެދުގައެވެ. އޭނާ ފަރީއްކުޅުއްވާން އިންނެވި އިރު ވެސް އެ ވާހަކަ ދަންނަވައިފާނަމޭ އެތައް ފަހަރަކު އަޅުގަނޑުގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ މޫނުފުޅު ފެނުމުން އަޅުގަނޑަށް އެއްގޮތަކަށްވެސް އެ ވާހަކަ ދަންނަވާކަށެއް ނުކެރުނެވެ. އަނެއްކާ ހުރިހައި ކަމެއް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި ވެސް އޭނާ އެ ރަށަށް ވަޑައިގަންނަވާން އުޅުއްވައިފާނެތި ވެސް އަޅުގަނޑު ބިރު ގަނެއެވެ. އަޅުގަނޑަށް އޭނާއާ އެހީ ވެވޭނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް ޖޭކްރިޝަން ކަހަލަ ބޭފުޅަކާ ދުޝްމަން ވުމަކީ ފަރުބަދައެއްގައި ބޯތެޅުން ކަހަލަ ކަމެކެވެ."

(ނުނިމޭ)