އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެކުލަވައިލަން އުޅުނު ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވުން ކުއްލި ގޮތަކަށް ފަސްކުރައްވައިފިއެވެ.

ވައިޓް ހައުސްގައި އިއްޔެ ބާއްވަން ހަމަޖެހިފައި އޮތް ރަސްމިއްޔާތެއްގައި މި ގަރާރުގައި ސޮއިކުރައްވަން އޮތް ނަމަވެސް، ޓެކްނޮލޮޖީ ސިނާއަތުގެ އިސްވެރިންގެ ފަރާތުން އައި ޕްރެޝަރުތަކާ ގުޅިގެން ފަހު ވަގުތު ވަނީ އެ ނިންމުން ބަދަލުކުރައްވައިފައެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕޭސްއެކްސްގެ ސީއީއޯ އިލޮން މަސްކް އާއި މެޓާގެ ބާނީ މާކް ޒަކަބާގް އަދި ކުރީގެ އޭއައި ޒާރ ޑޭވިޑް ސެކްސް ފަދަ ބޭފުޅުން ވަނީ ޓްރަމްޕަށް ގުޅުއްވައި، މި ގަރާރުގެ ސަބަބުން އެމެރިކާގެ އޭއައި ކުރިއެރުންތަކަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މި ގަރާރުގެ ދަށުން، އޯޕަންއޭއައި، ގޫގުލް، އެންތްރޮޕިކް އަދި މައިކްރޮސޮފްޓް ފަދަ ކުންފުނިތަކުން އުފައްދާ އެންމެ ފަހުގެ އޭއައި މޮޑެލްތައް އާންމުކުރުމުގެ 90 ދުވަސް ކުރިން، ސައިބަރ ސެކިއުރިޓީއާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ދެނެގަތުމަށްޓަކައި ސަރުކާރަށް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް، ސިނާއަތުގެ ލޮބީކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ އީޖާދީ މަސައްކަތްތައް ލަސްވެ، ޗައިނާއާ އޮތް ވާދަވެރިކަމުގައި އެމެރިކާ ފަހަތަށް ސޮއްސާލައިފާނެ ކަމެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ގަރާރުގެ ސަބަބުން ކުރިއެރުމަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، އެފަދަ ކަމަކަށް ޖާގަދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ. ޗައިނާއަށްވުރެ ކުރީގައި އެމެރިކާ އޮތް އޮތުން ދެމެހެއްޓުމަކީ އެންމެ މުހިންމު އަމާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ނިންމުމަކީ، އޭއައިގެ ރައްކާތެރިކަމަށް ވުރެ ބޮޑަށް، އެ ސިނާއަތް ހަލުވިކަމާއެކު ކުރިއެރުވުމަށް ޓްރަމްޕްގެ ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ކުރީގެ ރައީސް ޖޯ ބައިޑަން އޭއައި ކޮންޓްރޯލްކުރުމަށް ނެރުއްވި ރިޔާސީ ގަރާރު ވެސް ބާތިލުކުރައްވައިފައެވެ. އެއަށްފަހު، އޭއައި ސިނާއަތަށް އޮތް ހުރަސްތައް ނައްތާލުމަށް އަމާޒުކޮށް އާ ސިޔާސަތުތަކެއް ވަނީ ތައާރަފުކުރައްވައިފައެވެ.