ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއަކީ ގައުމެއްގެ ކުރިއެރުމުގެ އަސާސް ކަމަށާއި، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފާއިތުވީ ދެއަހަރާ ބައިގެ ތެރޭގައި ފުރަތަމަ ކޮޅަށް އެހެރީ ވަރަށް ތަފާތު ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ. ބިން ހިއްކުމަށް އެކަނި ބެލިކަމުގައި ވިޔަސް 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކިއްޖެ ދެއަހަރާ ބައިގެ ތެރޭގައި. ގާތްގަނޑަކަށް 21 ރަށުގެ މަސައްކަތް، މީގެ ތެރެއިން ރަސްމާލެއިން އެކަނި 500 އެއްހާ ހެކްޓަރު މިހާރުވެސް ހިއްކިއްޖެ. އެހެންވީމާ ބާކީ 500 އެއީ އެހެން ރަށްރަށް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށެވެ. އެހެންވެ ކުރީ ސަރުކާރުތަކުންވެސް ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓާއި، މާލެ ސަރަހައްދުގައި 4،000 ފްލެޓްގެ އިތުރުން "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2,000 ޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އިންޑިއާގެ އެލްއޯސީގެ ދަށުން 4،000 ހައުސިން ޔުނިޓް ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި 500 ފްލެޓް ހެދުމުގެ އިދާރީ މަސައްކަތްތައްވެސް ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހުޅުމާލެ ފޭސް ތިނެއް، ގިރާވަޅުފަޅު އަދި ގުޅީފަޅުން ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހުކަމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ފަހިދިރުއުޅުން ކުންފުނިން ހަދާ ފުލެޓްތަކުގެ މަސައްކަތް ނިންމައި، މީހުން ވަދެވޭވަރު ކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު