ސިޔާސީ ޕާޓީތައް ދަނީ މިނިވަންކަމާއެކު މަސައްކަތް ކުރަމުން ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުން ވަނީ ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކޮށްފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ސިޔާސީ މީހުންނަށް އޮތް "ތުރެޓް" ނުވަތަ ބިރުވެރިކަން މިހާރު ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ.

"ސިޔާސީ ޕާޓީތައް ހަމަ ފުލީ އޮޕަރޭޓް އެބަ ކުރޭ މިނިވަންކަމާ އެކީގައި. އެހެންވީމާ ސިޔާސީ ހަމަޖެހުން އަަޅުގަނޑު ގެނެސްދީފިން ގައުމަށް. އެއްވެސް މީހަކު ބިރުގަންނާކަށް ނުޖެހޭނެ ސިޔާސީ މަގާމެއްގައި ހުރެ، ނޫނީ ސިޔާސީ މީހަކަށް ވެގެން އޭނާއަށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަކަށް. މިހާރު އެ ތުރެެޓެއް ނޯންނާނެ މި ގައުމަކު. އެއީ ކުރީގައި އޮތް ކަމެއް އެއީ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރާ މީހުން ޖަލަށް ލުމަކީ އެ ސަރުކާރުތަކުން "ހޮބީ" އެއްގެ ގޮތުގައި ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެކަމަށް ނިމުމެއް ގެނެސްފައިވަނީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ގޮތް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަން އޮތް ނަމަވެސް މިއަދު ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިސްލާމްދީނާއި ގައުމުގެ ގާނޫނުއަސާސީއަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގާނެ އެއްޗެއް ކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި ވާހަކަދައްކަވާ ބައެއް ބޭފުޅުން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ. މުސްލިމަކަށްވީތީ އެޕްލައިވާ ހުދޫދު އޮންނާނެ. އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއް. އަދި ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ހުއްދަ އޮތް ކަމެއް ނޫން. އެ އިމާއި މިންގަނޑުގެ ތެރޭގައި އަޅުގަނޑުުމެން ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރަންވީ" ރައީސް ވިދާޅުވިއެވެ.

ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށާއި، ހަމައެފަދައިން ގައުމުގައި ހަމަޖެހުން ދެމެހެއްޓުމުގައި ސިޔާސީ ލީޑަރުންގެ ވެސް ޒިންމާއެއް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.