އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޓަލީގެ ވެރިރަށް ރޯމްގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއީ ޔޫރަޕްގެ ފަސް ގައުމަކަށް މޯދީ ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

ރޭ ރޯމްއަށް ވަޑައިގަތުމުން މޯދީއަށް މަރުހަބާ ވިދާޅުވީ އިޓަލީގެ ނައިބު ބޮޑުވަޒީރު އެންޓޯނިއޯ ޓަޖާނީ އެވެ. އޭގެ ފަހުން މޯދީ ވަނީ މެލޯނީއާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. ދެ ބޭފުޅުން ވަނީ ރޯމްގެ ތާރީހީ ކޮލޯސިއަމްއަށް ޒިޔާރަތްކުރައްވައިފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ (އައިމެކް) އާއި 2025 އިން 2029 އަށް އެކުލަވާލާފައިވާ ޖޮއިންޓް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މައްޗަށެވެ. މީގެ އިތުރުން ވިޔަފާރިއާއި، ދިފާއީ އަދި ސާފު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު ވަނީ 16.77 ބިލިއަން ޑޮލަރަށް އަރާފައެވެ.

މި ބައްދަލުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މީގެ ކުރީންވެސް މި ދެ ބޭފުޅުންގެ ބައްދަލުވުންތަކަށް އާންމުން ދީފައިވާ “މެލޯޑީ” (މެލޯނީ އަދި މޯދީ) ނަމުން، މިފަހަރުގެ ބައްދަލުވުމުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ އިންޓަނެޓުގައި ވައިރަލްވެފައެވެ. ހާއްސަކޮށް ކޮލޯސިއަމްގައި ދެ ބޭފުޅުން ނަންގަވާފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން އިންޑިއާގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރޯމްއަށް ވަޑައިގަތުމަށްފަހު މެލޯނީއާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެލޯނީވެސް ވަނީ ސޯޝަލް މީޑިއާގައި މޯދީއަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނަކީ އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މިއީ 2024 ވަނަ އަހަރު ބޭއްވި ޖީ7 ސަމިޓަށްފަހު މޯދީ އިޓަލީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމިއްޔާ (އެފްއޭއޯ) ގެ މައި އިދާރާއަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.