ދިރާގާއި އެލައިޑް އިންޝުއަރަންސް ގުޅިގެން، ދިރާގު ލިމިޓެއް ނެތް ފައިބާ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" އިސްލާމިކް އިންޝުއަރަންސް ޕްލޭން ހިލޭ ލިބޭ ޕްރޮމޯޝަނެއް މިއަދު ތައާރަފުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރި މި ޕްރޮމޯޝަނުގެ ދަށުން، ލިމިޓެއް ނެތް ފައިބާގެ ކޮންމެ ޕެކޭޖެއް މިހާރު ބޭނުންކުރާ ނުވަތަ އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 150،000 ރުފިޔާއާ ހަމައަށް ކަވަރޭޖް ލިބޭ ތަކަފުލް ޕްލޭނެއް އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ. މި ޕްލޭނުގެ ދަށުން ގޭތެރޭގެ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗަށް އަލިފާނުގެ ހާދިސާ، ވައްކަން، އުދައެރުން އަދި ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ.

މީގެ އިތުރުން ލިމިޓެއް ނެތް ފައިބާ 30 އެމް އަދި އެއަށްވުރެ މަތީ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް "ސްމާޓްވިއު އިންޑޯ ކެމެރާ" އެއް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އެއީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި ރޭގަނޑުވެސް ސާފުކޮށް ފެންނަ، 360 ޑިގްރީއަށް އެނބުރޭ، އަދި އޭއައި މެދުވެރިކޮށް ހަރަކާތް ދެނެގަނެ އެލާޓް ފޮނުވައިދޭ ކެމެރާއެކެވެ. ފައިބާ 50 އެމް އަދި އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ކެމެރާގެ އިތުރުން 12 މަސް ދުވަހުގެ ހިލޭ ކްލައުޑް ސްޓޯރޭޖް ސަބްސްކްރިޕްޝަނެއް ވެސް ލިބޭނެއެވެ.

"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ފަދަ ޕަރޓްނާޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް" ކަމަށް ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕީއާރް އެންޑް ސްޕޮންސާޝިޕްސް ނަޝާޔާ ނައީމް ވިދާޅުވިއެވެ.

އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ "ދިރާގާ ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 19 އޮގަސްޓް 2026 ގެ ނިޔަލަށް ބައިވެރިވެވޭނެއެވެ. މި ބައްދަލުވުމުގައި ދިރާގުން ވަނީ އެލައިޑަށް ދިރާގުގެ "އެލީޓް ކްލަބް" ގެ ޕާޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފައެވެ. އެލީޓް ކްލަބް މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ޕްލޭންތަކަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.