ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގަށް ވަޑައިގެންފިއެވެ. ބެއިޖިންގް އެއަރޕޯޓުން ޕޫޓިންއަށް މަރުހަބާ ދެންނެވީ ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީއެވެ. މިއީ ޕޫޓިން ޗައިނާއަށް ކުރައްވާ 25 ވަނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މައްސަލަތަކާއި ބައިނަލްއަގުވާމީ މަސްރަހާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނެފައިވެއެވެ. ޕޫޓިންގެ މި ދަތުރުފުޅު މި ކުރައްވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ. ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއަކުން ވިދާޅުވި ގޮތުގައި، ޝީ އަދި ޕޫޓިންގެ އިރުޝާދުގެ ދަށުން ދެ ގައުމުގެ ރަހުމަތްތެރިކަން އިތުރަށް ބަދަހިވެ، ދުނިޔެއަށް ހަމަޖެހުން ގެނުވާނެއެވެ. މި ދަތުރުފުޅަކީ ރަޝިއާއާއި ޗައިނާއާ ދެމެދު 2001 ވަނަ އަހަރު ސޮއިކުރި އެކުވެރިކަމުގެ މުއާހަދާއަށް 25 އަހަރު ފުރުނު މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅެކެވެ.

ޕޫޓިން ޗައިނާއަށް ވަޑައިގެންފައިވާއިރު، ރަޝިއާއާއި ބެލަރޫސް ގުޅިގެން ވަނީ ފުޅާ ދާއިރާއެއްގައި ނިއުކްލިއަރ ހަތިޔާރުގެ އަސްކަރީ ފަރިތަކުރުންތަކެއް ފަށާފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މެއި 19 އިން 21 އަށް ކުރިއަށްގެންދާ މި ފަރިތަކުރުންތަކުގައި 64،000 އަށްވުރެ ގިނަ ސިފައިންނާއި، 200 މިސައިލް ލޯންޗަރާއި، 140 މަތިންދާބޯޓުގެ އިތުރުން 73 މަނަވަރު ބައިވެރިވެއެވެ. މީގެ ތެރޭގައި ބެލަރޫސްގައި ގާއިމުކޮށްފައިވާ "އޮރެޝްނިކް" ހައިޕަރސޮނިކް މިސައިލް ސިސްޓަމްވެސް ހިމެނެއެވެ. މި ފަރިތަކުރުންތަކުގެ މައިގަނޑު މަގުސަދަކީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ސިފައިންގެ ތައްޔާރީތައް ވަޒަންކުރުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ޗައިނާއާއި ރަޝިއާގެ ގުޅުން ބަދަހިވަމުންދާ ދަނޑިވަޅެއްގައި، ރަޝިއާއިން ކުރިއަށްގެންދާ ނިއުކްލިއަރ ފަރިތަކުރުންތަކާ މެދު ހުޅަނގުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔޫކްރެއިންގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ބެލަރޫސްގައި ރަޝިއާގެ ނިއުކްލިއަރ ހަތިޔާރު ބަހައްޓައިގެން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަކީ ދުނިޔޭގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ބެލަރޫސްގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ މިއީ ކުރިންވެސް ރޭވިފައިވާ ފަރިތަކުރުންތަކެއް ކަމަށާއި، މިއީ އެއްވެސް ގައުމަކަށް އަމާޒުކޮށްގެން ނުވަތަ ސަރަހައްދީ ސަލާމަތަށް ނުރައްކާކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށެވެ.