ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައިގައި ހައްޔަރު ކުރީ މީހާގެ ބަންދުގެ މުއްދަތަށް އިތުރު 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މޫސާ މުހައްމަދު (38އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަމަހުގެ ދެ ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން ބަންދުގެ މުއްދަތު އިތުރުކޮށްދޭން ހުށަހެޅުމުން އޭނާގެ ބަންދުގެ މުއްދަތު 30 ދުވަަހަށް ވަނީ އިތުރުކޮށްދީފައެވެ.

ފުލުހުން ބުނީ މޫސާ މުހައްމަދު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާ ކަން އެނގޭ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް އޭނާ ވަނީ އެ މީހާއަށް ލިންކެއް ފޮނުވައިފައެވެ. އެ ލިންކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާ ކަމަށާއި އެ ފައިސާ ޖަމާވެފައި ވަނީ މޫސާގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހަމަ މި ބާވަތުގެ އިތުރު 10 ސްކޭމެއްގައި އެކި މީސްމީހުންގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.