ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި، ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، މި ސަރުކާރުން ފްލެޓް ދިނުމަށްފަހު އެއްބަސްވުން ބާތިލް ކުރުމުން ފްލެޓް ދިން މީހާ އާއި އޭނާގެ އާއިލާ އެ ފްލެޓުން ނުނެރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކްޗާ (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ ފްލެޓަށް ޝަރުތު ހަމަވާތީ، މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އާއިޝަތު ޝިރާނީ ކިޔާ މީހަަކަށް އުދަރެސް ފްލެޓުން ފްލެޓް ދިނުމަށްފަހު، އޭނާ އާއި އޭނާގެ އާއިލާ އެ ފްލެޓްގައި ދިރިއުޅެމުން ދަނިކޮށް، ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ފްލެޓް ދިނުމަށް ހެދި އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް ބުނެ އެ ފްލެޓް އަތުލަން ހައުސިން މިނިސްޓްރީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާ މައްސަލައެކެވެ.
އެކަމާ ގުޅިގެން އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ ދައުވާ ސިވިލްކޯޓަށް ހުށަހަޅަންދެން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޝިރާނީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.
ނެރެދިނުމަށް އެދުނު ވަގުތީ އަމުރުގައި ޝިރާނީގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން ފްލެޓް ދިނުމުން އޭނާ އާއި އޭނާގެ އާއިލާއަކީ އެފްލެޓަށް ހަރަދުތަކެއް ކޮށްގެން އެ ފްލެޓްގައި މިހާރު ވެސް ދިރިއުޅެމުންދާ ބައެއް ކަމަށެވެ. ނަމަވެސް ފްލެޓްގައި އުޅެމުން ދަނިކޮށް، ޝަރުތު ހަމަނުވާ ކަމަށާއި އެއްބަސްވުން ބާތިލް ކުރިކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ އިރު، އެ ފްލެޓް ލިބުމުން ކުރިން ކުއްޔަށް އުޅުނުތަން ދޫކޮށްލާފައިވާތީ، ކުއްލިއަކަށް އެތަނުން ނުކުމެވޭނެ ގޮތެއް ނެތް ކަަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅައިގެން އެ މައްސަލައާ މެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން، ޝިރާނީ އާއި އޭނާގެ އާއިލާ އެ ފްލެޓުން ނެރެވޭނެ ތަނެއް ނެތް ކަމަށާއި ފްލެޓް މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން، ފްލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ފުލެޓުގައި ޝިރާނީ ހުންނަ ދުވަސްވަރު އެތަނަށް ދައްކަންޖެހޭ ކުލި އަދި އެނޫން ވެސް އެފަދަ ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭންޖެހޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި ހައުސިން މިނިސްޓްރީއަށް އަންގައި އަމުރުކޮށްދިނުމަށް ޝިރާނީ ކޯޓުގައި އެދުނެވެ.
މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކްޗާ (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލްކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ، އާއިޝަތު ޝިރާނީގެ ފަރާތުން ފަހި ދިރުއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ހުށަހެޅުމަށް ގަސްތުކުރާ މައުލޫއީ ދައުވާ 20 ދުވަސް ތެރޭގައި ޝިރާނީގެ ފަރާތުން ހުށަ ނާޅައިފިނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށެވެ.
އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ހުޅުމާލެ 02 0370-އުދަރެސް ފުލެޓުން ޝިރާނީ އާއި އޭނާގެ އާއިލާ ނެރެވޭނެ ތަނެއް ނެތް ކަމަށާއި މި ފުލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި މި މުއްދަތުގައި ފްލެޓަށް ދައްކަންޖެހޭ ކުލި އަދި އެނޫންވެސް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝާއި ދިވެހި ދައުލަތަށް އަށް އަންގައި ފަހި ދިރިއުޅުން ކޯޕަޝަން އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ މައްޗަށް ގައިރު ހާޒިރުގައި ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް