ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލާފައިވާ ނޫސްވެރިންނާއި އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވިކަމަށް ނިންމައި "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ ނޫހުގެ މުހައްމަދު ޝަހްޒާން ވެސް އެ ދުވަހު 15 ދުވަހަށް ޖަލަށް ހުކުމް ކުރި އެވެ.
އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްމޫން ޖަލީލް (ލޫކަސް) ވެސް ހިމެނެއެވެ.
އެޗްއާރްސީއެމުން ރޭ ބުނީ ޖަލުގައި ތިބި އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ މީހުން ދޫކޮށްލަން ގޮވާލައި ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލައިފައިވާ ކަމަށެވެ.
ކޮމިޝަންގެ އެ ޒިޔާރަތްތަކުގައި، އެ މީހުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަންޖެހޭ ކަންކަން އެ ކޮމިޝަނުން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
ޖަލުގައި ޝަހުޒާން އާއި ލީވާން ތިބީ ފުރަތަމަ އެއް ގޮޅިއެއްގައެވެ. އެއީ މާފުށީ ޖަލުގެ ޔުނިޓް 12ގައެވެ. ނަމަވެސް މިހާރު ލީވާން ވަނީ ޔުނިޓް 10ގެ ގޮޅިއަކަށް ބަދަލުކޮށްފައި ކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ އެހެން ގޮޅިއަކަށް ބަދަލުކުރި ސަބަބެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.
"އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައްކަން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެފައިވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތުގެ ތެރެއިންނެވެ. އެ އަމުރު ނެރެފައިވަނީ އެގޮތަށް ދައުލަތުން އެދިގެންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް