މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، އީރާނުން އެމެރިކާއަށް 14 ނުކުތާގެ މައްޗަށް އެކުލެވޭ އާ ހުށަހެޅުމެއް ޕާކިސްތާނު މެދުވެރިކޮށް ފޮނުވައިފިއެވެ. މިއީ މީގެ ކުރިން އީރާނުން ހުށަހެޅި ޑްރާފްޓަކަށް އެމެރިކާއިން ދިން ރައްދަކާ ގުޅިގެން، ބަދަލުތަކެއް ގެނައުމަށްފަހު ފޮނުވި ހުށަހެޅުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހަނގުރާމަ ހުއްޓާލުމަށާއި، އެމެރިކާގެ ފަރާތުން އިތުބާރު އުފެއްދުމަށް އެޅިދާނެ ފިޔަވަޅުތަކަށެވެ. މި ހުށަހެޅުން ޕާކިސްތާނުގެ މަންދޫބުންނާ ހަވާލުކޮށްފައިވާއިރު، އެ ފަރާތުން މިހާރު ވަނީ އެމެރިކާގެ އޮފިޝަލުންނަށް މި ލިޔުން ރައްދުކޮށްފައެވެ.

މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލުމަށް މިހާރު މާ ގިނަ ވަގުތެއް ނެތެވެ. އަދި ތެހެރާނާއި ވޮޝިންޓަނުން ވެސް އެ ގައުމުތަކުގެ އަމާޒުތަކާއި ޝަރުތުތައް މެދުކެނޑުމެއްނެތި ބަދަލުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެއްބަސްވުމަކަށް އައުމަށް އީރާނަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށް ވިދާޅުވެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންޒާރުދެއްވާފައެވެ.

އީރާނުން ހުށަހެޅި 14 ނުކުތާގެ ތަފްސީލުތައް ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ނިއުކްލިއަރ މައްސަލަތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަކީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވިވާ މައިގަނޑު ސަބަބުތައް ކަމަށް ބެލެވެއެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނުގެ ކުރީގެ ހުށަހެޅުންތަކަށް ފާޅުގައި ދެކޮޅުހެދި ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި ނުސީދާ ގޮތެއްގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި އީރާނުގެ ނިއުކްލިއަރ ހައްގުތަކާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.