މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސް ނޫހު އަލީއާ ގުޅޭ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތިވެފައެވެ. އެމައްސަލަ އެއިރުން ފެށިގެން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ދަނީ ބަލަމުން ވެސް މެއެވެ. މައްސަލައަކީ ޗެސް އެސޯސިއޭޝަނުގެ އިދާރާ ކަންކަން ބޮއްސުން ލައިގެން ގޮސް، ފައިސާ ކަންކަމުގައި ދެފުށް ފެންނަ އެއްވެސް އުސޫލަކުން ކަންކަން ނުކުރާ ކަމަށް ބުނެ، އާއްމުވި މައްސަލައެކެވެ.
އެ މައްސަލައިގައި ފުރަތަމަ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނީ ޗެސް ކްލަބުތަކުންނެވެ. ޗެސް ކްލަބުތަކުން ފުރަތަމަ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސަރުކާރުން ދޭ ފައިސާގެ ހަރަދުގެ ތަފްސީލު ހާމަކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އެ މައްސަލައިގައި ކްލަބުތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް، ޗެސް އެސޯސިއޭޝަނުން އެމައުލޫމާތު ފޯރުކޮށްދެވިފައި ނުވާ ކަމަށް ވެއެވެ.
އެމްސީއޭއިން މައުލޫމާތުތައް ހިފެހެއްޓުމާއެކު ޗެސް ކްލަބުތަކުން ރަސްމީކޮށް ބޭންކަށް ހުށަހެޅުމުން، ހިންގާފައިވާ މުއާމަލާތްތަކުގެ ބޭންކް ސްޓޭޓްމަންޓް ދީފައިވާ ކަމަށްވެސް ކްލަބުތަކުން ބުނެއެވެ. އެ ތަފްސީލުތައް، ޗެސްގެ ހަބަރުތައް ގެނެސްދޭ މޯލްޑިވްސްޗެސް.އޯއާރްޖީގައި ތަފްސީލުކޮށްދީފައިވެއެވެ.
އެ ސައިޓްގައި ބުނެފައި ވަނީ ޗެސް އެސޯސިއޭޝަނުގެ ކޮންމެ ޓްރާންސެކްޝަނަކީ އަދި ގޯސް ނިޔަތުގައި ކޮށްފައިވާ ޓްރާންސްފާތަކެއް ނޫން ނަމަވެސް، ކްލަބުތަކުގެ އެދުމަކީ އެ ފައިސާގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށެވެ.
ތަފްސީލުތަކުން ފެންނަ ގޮތުގައި 2025 އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ސްޕޯޓްސް މިނިސްޓްރީން ޗެސް އެސޯސިއޭޝަނަށް، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، 1,528,001 ރުފިޔާ ޖަމާކޮށްދީފައިވެއެވެ. ފައިސާ ޖަމާކޮޮށްދީފައިވަނީ ނުވަ ޓްރާންސެކްޝަނެއް މެދުވެރިކޮށެވެ.
ޗެސް އެސޯސިއޭޝަން ހިންގުމަށް ދައުލަތުން ލިބުނު 1.5 މިލިއަން ރުފިޔާގެ ތެރެއިން، އެސޯސިއޭޝަންގެ ރައީސް ނޫހުގެ އަމިއްލަފުޅު އެކައުންޓާއި އާއިލީ ގޮތުން ގުޅޭ މެމްބަރުންގެ އެކައުންޓުތަކަށް ޖުމްލަ އެކު، 1.46 ރުފިޔާ ފޮނުވާފައިވާކަން ސްޓޭޓްމަންޓުން ފެނެއެވެ. އޭގެ ތެރެއިން ނޫހުގެ އަމިއްލަ އެކައުންޓަށް 44 ޓްރާންސެކްޝަން މެދުވެރިކޮށް 1.3 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެއެވެ.
އެ ފައިސާގެ ތެރެއިން ޗެސް އެސޯސިއޭޝަންގެ އެކައުންޓަށް އަނބުރާ، ނޫހާއި އާއިލާގެ އެކި މެމްބަރުންގެ ފަރާތުން 227،680 ރުފިޔާ ލިބިފައިވެއެވެ. އެހެން ނަމަވެސް އަނެއް ހުރިހާ ފައިސާ ބޭނުން ކުރި ގޮތުގެ އެއްވެސް ތަފްސީލެއް ނެތް އިރު، އެ ހަރަދު ނުހޯދި އޮތް ކަމަށް "ވަން ސްޕޯޓްސް" އަށް ވެސް އެސޯސިއޭޝަނުގެ އިސް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ނޫހު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފައި
ނޫހު ދެވަނަ ފަހަރަށް ޗެސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުންދާ އިރު، އޭނާ މީޑިއާއަށް ވިދާޅުވި ގޮތުގައި ހިޔާނާތްތެރިވި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރެވެނީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށާއި އަމިއްލަ އެކައުންޓަށް ފައިސާ އެ ގޮތަށް ވަދެފައި ހުރި ކަމުގައި ވިޔަސް، އެއީ އެސޯސިއޭޝަނުގެ ބޭނުމަށްޓަކައި ކޮށްފައިވާނެ ކަންކަން ކަމަށެވެ.
މައްސަލައިގައި ނޫހު ވިދާޅުވި ގޮތުގައި އާއިލާ މެމްބަރުންގެ އެކައުންޓަށް ފައިސާ ފޮނުވާފައިވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގެ ދަތުރުތަކަށާއި އެސޯސިއޭޝަންގެ އިދާރީ ބޭނުމަށާއި ޗެސް އެތުލީޓުންގެ ބެލެނިވެރިން އެދިގެން ބޭރު ފައިސާ ގަންނަން ބޭނުން ކުރި ފައިސާ ކަމަށެވެ. އަދި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ދާއިރު، ރާއްޖޭގައި ޑޮލަރު ލިބުމަށް ހުރި ދަތިތަކުގެ ސަބަބުން އެސޯސިއޭޝަނުން ގަންނަނީ ޔޫރޯ ކަމަށްވެސް ނޫހު ވަނީ ވިދާޅުވެފައެވެ.
ނޫހު ވިދާޅުވެފައި ވަނީ އެއީ އެހެން އެސޯސިއޭޝަންތަކުންވެސް ކަން ކުރާ ގޮތް ކަމަށެވެ.
ޗެސްގެ ހަބަރު ޕަބްލިޝް ކުރާ ސައިޓްގައި އިތުރު ބައެއް ކަންބޮޑުވުންތައް ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޗެސް އޮފިޝަލުންނަށް ލިބެން ޖެހޭ މުސާރަ ބައެއް އިސްވެރިން ނަގާ ކަމަށާއި ހަޒާންދާރު އާދަމް ޝާކިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާ، ދޫކޮށްލާފައި އޮތުންވެސް ފާހަގަކޮށްފައިވެއެވެ.
އެއްވެސް ލިޔެކިޔުމެއް ނެތުމަކީ ބޮޑު ކަންބޮޑުވުމެއް
ރާއްޖޭގެ އެހެން އެސޯސިއޭޝަންތަކުން އެހެން އަމަލު ނުކުރާނެ ކަމަށް "ވަން ސްޕޯޓްސް"އަށް ކުޅިވަރުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވާފައިވާ އިރު، ޗެސްގެ ހަރަދުތައް ކުރުމުގައި "ކޮންފްލިކްޓް އޮފް އިންޓަރެސްޓް"އެއް އޮތް ކަމަށާއި، އެކްސްކޯގެ އެއްްވެސް ހުއްދައެއް ނެތި ހަރަދުކުރުމުގެ އިތުރުން އެއްވެސް އެއްބަސްވުމެއް ނެތި، ރިއެމްބާސްކުރާ ގޮތަށް ފައިސާ ދިނުންވެސް ވެފައި އޮތީ ކަންބޮޑުވުން ތަކަކަށެވެ.
އެ މައްސަލަ މިހާރު ކޮމިޝަނާ އޮފް ސްޕޯޓްސްއިން ބަލަމުންދާ އިރު، ޗެސް އެސޯސިއޭޝަނަށް ގުޅުން ހުރި ލިޔުންތައް ފޮނުވަން އަންގާފައިވެއެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް "ވަން ސްޕޯޓްސް"އަސް ވިދާޅުވީ، އެ މައްސަލައިގައި އެސޯސިއޭޝަނުގެ އޮޑިޓް ކުރިއަށްދާ ކަމަށެވެ. އަދި ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި އޮޑިޓަށް ވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން އެއްވެސް ލިޔެކިޔުމެއް ހަމައަށް ފެންނަން ނެތުމަކީ އެއް ކަމަކަށްވީ އިރު، ފައިސާގެ މުއާމަލާތްތައް ކުރުމުގެ އެއްވެސް އުސޫލެއް ގެންގުޅެ، އެއްވެސް ޑޭޓާބޭސްއެއް ރައްކާ ކުރެވިގެން އެކަން ޗެސް އެސޯސިއޭޝަނުން ނުކުރާ ކަމަށް އެކަމާ ގުޅުން ހުރި ފަރާތަކުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް މިހާރު، މައްސަލަ ބަލައި ނިމެންދެން ނޫހުގެ އިތުރުން ހަޒާންދާރު ޝާކިރު ވެސް މަގާމުގެ މަސައްކަތްތަކުން ދުރުކޮށްފައިވާ ކަމަށާއި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ކޮމެންޓް