މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސްކަމުގައި ހުންނެވި، ހުސެއިން ޝިޔާން މަގާމުން އިސްތިއުފާ ދީފައިވަނީ ކްލަބުތަކުން އިތުބާރު ނެތްކަމަށް ނިންމައި، ވޯޓަށް އަހަން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކުރިން އެތަނަށް ވަޑައިގެން ކަމަށް ޔަގީންވެއްޖެއެވެ.
ޝިޔާން މަގާމު ދޫކޮށްލެއްވީ މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭގައެވެ. ޝިޔާން ފުރަތަމަ އެކަން ކުރެއްވީ "އަނގަބަހުން" އެކަނި ކަމަށް އެސޯސިއޭޝަނުގެ އިސް އޮފިޝަލަކު "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީން ކޮށްދީފައެވެ.
ޗެސް އެސޯސިއޭޝަނުގެ ވޯޓުލުމުގެ ޝަރުތު ހަމަވާ ނުވަ ކްލަބުގެ ތެރެއިން ހަ ކްލަބަކުން ސޮއިކޮށް، ޝިޔާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލާފައިވުމާއެކު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަންދޫބުންނާވެސް އެކު ޖަލްސާ ބޭއްވީ މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭގައެވެ.
އެ ޖަލްސާގެ ކުރިން ޝިޔާން އެތަނަށް ވަޑައިގެން އަނގަބަހުން އިސްތިއުފާ ދެއްވައި، ޖަލްސާ ދޫކޮށް ވަޑައިގެންފައިވާ އިރު، ކްލަބުތަކުގެ ފަރާތުން ބުނީ ޝިޔާން ތަން ދޫކުރެއްވި ފަހުންވެސް ޖަލްސާ ކުރިއަށް ގެންގޮސް، އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އެސޯސިއޭޝަން ހިންގެވުމާ ހަވާލު ހުންނެވީ، ނައިބު ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ދޫމާ މޫސާ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ޝިޔާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކްލަބުތަކުން ނިންމީ ފައިސާގެ ބައެއް މައްސަލަތައް ހުރުމުގެ އިތުރުން، އެހެން ބައެއް ކަންތައްތަކުގައިވެސް އުސޫލުން ބޭރުން އަމަލުކުރައްވާފައިވާތީ ކަމަށް އެސޯސިއޭޝަނުގެ އިސް އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން ބައެއް ދަތުރުތަކުގެ ހަރަދުތައް ބެލެހެއްޓުމުގައިވެސް އުސޫލުން ބޭރުން ކަންކަން ކުރައްވާފައިވާ ކަމަށް "ވަން ސްޕޯޓްސް"އަށް އެސޯސިއޭޝަންގެ މިހާރުގެ ހަޒާންދާރު ނޫހު އަލީ ވަނީ މައުލޫމާތު ދެއްވައިފައެވެ.
އެ ވާހަކަތަކަށް ޝިޔާން އިންކާރުކުރައްވައެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ގޯހުން ހިންގާފައި ނޯންނާނެ ކަމަށާއި އެފަދަ އެއްވެސް ލިޔެކިޔުމަކުން އެކަންކަން ސާބިތުވެސް ނުކޮށްދެވޭނެ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކަކީ އެހެން ކަމެއްގެ ތެރެއިން ދައްކާ ވާހަކަތަކެއް ކަމަށްވެސް ޝިޔާން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ އިސްތުފާދެއްވީ "ކްލަބުތަކުން މިހާރު،" އޭނާ ރައީސްކަމުގައި ހުރުމަށް "ބޭނުން ނުވާތީ. އަދި އިސްތިއުފާ ދިނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކުރިން،" ކަމަށެވެ. ޝިޔާން ވިދާޅުވީ އެސޯސިއޭޝަން ހިނގާނީ ކްލަބުތައް ބޭނުންވާ ގޮތަކަށް ކަމަށާއި، ކްލަބުތަކުން ބޭނުން ނުވީމަ އެ ހިސާބުން އިސްތިއުފާ ދެއްވި ކަމަށެވެ.
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން