(11 މެއިގެ އަދަދާ ގުޅޭ)

ރަޙްމަތުގެ ނަބިއްޔާގެ ވާހަކަފުޅުތައް ކުރުކަމުގައިވިޔަސް އެއިން ކޮންމެ ބަސްފުޅަކީވެސް ޢިބްރަތުން ފުރިފައިވާ ބަސްފުޅެކެވެ. ޙިކުމަތުގެ ޚަޒާނާއެއްފަދަ ބަސްފުޅެކެވެ. ބަސްފުޅުތަކާއި ޖުމުލަތައް ކުރުކަމާއި ބަލާޣާތްތެރިކަމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅު ދެއްކެވުމުގެ ޚާއްޞަ ސިފައެކެވެ. އިތުރު ސާހިބާގެ ކޮންމެ ބަސްފުޅެއް އެއްވެސް ހުރަހެއްނެތި ރައްދުވަމުންދާނީ އިންސާނީ ހިތްތަކުގެ އެންމެ ފުނަށެވެ. އިންސާނާ އެބަސްފުޅަކާމެދު ވިސްނާން މަޖްބޫރު ކުރުވައެވެ. ނަމަވެސް އިތުރު ސާހިބާގެ ބަސްފުޅުތައް ތަސްލީމުކުރުމަކަށްވާނީ ބާޠިލު އިލާހުންތައް ދޫކޮށްލުމެވެ. ފުލޯކު ޢަޤީދާތަކާއި ނަޒަރިއްޔާތަކާއި އާދަކާދަތަކުން އެއްކިބާވުމެވެ. އެހެންކަމުން قـــــريـش ން ތިބީ އެބަސްފުޅުތައް ފަހުމުވުމާއެކުވެސް އެބަސްފުޅުތައް ޤަބޫލުކުރާން ފަސްޖެހިފައެވެ.

ގާތްތިމާގެފުޅު ބޭފުޅުންނަށް ދީނަށް ގޮވައިލެއްވުން

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ފާޅުގައި ދީނަށް ގޮވައިލައްވާން ކުރެއްވި އަމުރުފުޅާ ދާދިގާތުގައި ކުރެއްވި ފުރަމާނަ އަނެއް އަމުރުފުޅަކީ އެމާތް ސާހިބާގެ ފިލިވަތުގެ ބޭފުޅުންނަށް ދީނަށް ގޮވައިލައްވާން ކުރެއްވި އަމުރުފުޅެވެ. ކީރިތިވަންތަ ޙަޟުރަތުން ކުރެއްވި އަމުރުފުޅުގައިވަނީ މިދަންނަވާ ގޮތަށެވެ.

"ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާގެ މީހުންނަށް އިންޒާރުކުރައްވާށެވެ. (الشّعـــــراء: 214)

މި މަތިވެރި އިލާހީ އަމުރުފުޅު އައުމާ ވިދިގެން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނުގެ ފިލިވަތުގެ ބޭކަލުންނަށް ގޮވައިލެއްވުމެއް ދެއްވިއެވެ. އެގޮވައިލެއްވުން އިންތިޒާމު ކުރެއްވުމާ ޙަވާލުކުރެއްވީ عــلــــــى مـــرتـضـــى رضـــــى اللّــــه عــنـــــه އާއެވެ. އޭރު އެކަލޭގެފާނަކީ ތުއްޕުޅު ބޭފުޅެކެވެ. ނަމަވެސް އެ ދަޢުވަތުގެ ކަންތައް ވަރަށް ފުރިހަމަޔަށް އިންތިޒާމު ކުރެއްވިއެވެ. هـــاشــــم ވަންހައިގެ ތިރީސްނުވަ ބޭފުޅުންނަށް ނުވަތަ ސާޅީސް ބޭފުޅުންނަށް ދަޢުވަތު ދެއްވިއެވެ. އެ އެންމެ ބޭފުޅުން ވަޑައިގެން ފަރީއްކުޅުއްވައި ނިމިވަޑައިގެންނެވުމާއެކު أبـــولــهب އެކިއެކި ޒާތު ފުރައްސާރައާއި ޖެއްސުންކުރާން ފަށައިގެންފިއެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙިކުމަތްފުޅު އެ ޙާލަތުގައި ދަޢުވަތުގެ ވާހަކަފުޅު ދައްކަވާކަށެއް ތަނެއް ނުދިނެއެވެ. އެކަމަކު ދެވަނަފަހަރަށްވެސް ޢާއިލާގެ ބޭފުޅުންނަށް ގޮވައިލެއްވުމެއް ދެއްވިއެވެ. އެފަހަރު ހުރިހައި ބޭފުޅުން ފަރީއްކުޅުއްވައި ނިމިވަޑައިގެންނެވުމާއެކު ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.

"ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާއި ބާއްޖަވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް އަޅުގަނޑު ތިޔަބޭކަލުންނަށް ދަޢުވަތު އަރުވަމެވެ. ޢަރަބީންގެ އެއްވެސް މީހަކު އޭނާގެ ޤައުމަށް މިއަށްވުރެ އަގުހުރި ހަދިޔާއެއް ހިފައިގެން އައިކަމެއް އަޅުގަނޑަކަށް އެނގިފައެއް ނުވެއެވެ. ތިޔަބޭކަލުންކުރެ އަޅުގަނޑުގެ ދަޢުވަތު ޤަބޫލު ކުރައްވާނީ ކޮންބޭކަލެއްތޯއެވެ؟ އަޅުގަނޑުގެ އަޚަކު ކަމުގައްޔާއި އެކުވެރިޔަކު ކަމުގައި ވެވަޑައިގަންނަވާނީ ކޮންބޭކަލެއްތޯއެވެ؟"

އެހުރިހައި ބޭކަލުންވެސް އިތުރު ސާހިބާގެ ވާހަކަފުޅު އަޑުއެއްސެވިއެވެ. ނަމަވެސް އެއްވެސް ބޭކަލަކު ޖަވާބެއް ނުދެއްވިއެވެ. ހުރިހައި ބޭކަލުންވެސް ހިމޭނުން ތިއްބެވީއެވެ. ނަމަވެސް عــلــــــى ގެފާނަކަށް ހިމޭނަކުން ނުއިންނެވުނެވެ. ތެދުވެވަޑައިގެން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޢުމުރު ކިތަންމެ ހަގުކަމުގައިވިޔަސް އަޅުގަނޑު ކަލޭގެފާނާ ބައިވެރިވާނަމެވެ."

އެތާނގައި ތިއްބެވި ހަރު ބޭފުޅުން عــلــــــى ގެފާނުގެ ވާހަކަފުޅުގެ އަޑު އިވިވަޑައިގެންނެވުމުން ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ. އޭރު عــلــــــى ގެފާނުގެ ޢުމުރުފުޅަކީ ތޭރަވަރަކަށް އަހަރުފުޅެވެ.

إبـــن أبــــى حــاتـــــم މި ހާދިސާގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ކޮންމެވެސް ވަރަކަށް ތަފާތު ޢިބާރާތަކުންނެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި އެ މުނާސަބާގައި ކައުސާހިބާ ޙަދީޘުކުރެއްވީ ތިރީގައި މިދަންނަވާ ފަދައިންނެވެ.

"ތިޔައިގެ ތެރެއިން އަޅުގަނޑުގެ ދަރަނި އަދާކުރެއްވުމާ ޒިންމާވެވަޑައިގެން އަޅުގަނޑުގެ ފަހަތުން އަޅުގަނޑުގެ ގޭގެ އަހުލުވެރީންގެ ތެރޭގައި އަޅުގަނޑުގެ ބަދަލު ކަމުގައި ވެވަޑައިގަންނަވާން ތައްޔާރަށް ހުންނެވީ ކޮންބޭކަލެއްތޯއެވެ؟"

އެއްވެސް ބޭކަލަކު ޖަވާބެއް ނުދެއްވިއެވެ. ހިމޭނުން ތިއްބެވީއެވެ.

عــلــــــى بــــن أبــــــى طــالـب رضـــــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. އަހަރެންގެ ބޮޑުބޭބެ عـبّـــاس ގެފާނުގެ ހައިބަތާއި މާތްކަމަށްޓަކައި އަހަރެން އިނީ އެއްވެސް ޖަވާބެއް ނާރުވައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދެވަނަފަހަރަށް އެވާހަކަފުޅު ވިދާޅުވުމުންވެސް އަހަންނަށް ފެނުނީ عـبّـــاس ގެފާނު ހަނުހިމޭނުން އިންނަވަނިކޮށެވެ. އެހިނދު އަހަރެން ތެދުވެ ދެންނެވީމެވެ.

"އޭ މާތް اللّــــه ގެ ރަސޫލާއެވެ! ކަލޭގެފާނު ތިޔަ ވިދާޅުވި މަސްއޫލިއްޔަތާ އަޅުގަނޑު ޙަވާލުވަމެވެ. މިދުވަސްވަރު އަޅުގަނޑުގެ ޙާލު ކިތަންމެ ދެރަކަމުގައި ވިޔަސްވެހެވެ. އަޅުގަނޑުގެ ދެލޮލަށްވެސް މިވަނީ ލޮލުރޯގާ ޖެހިފައެވެ. ބަނޑު ވަނީ ބޮޑުވެފައެވެ. ސިނގުވެފައެވެ. އަޅުގަނޑުގެ ދެފައި ނުހަނު ހިމައެވެ."

إبـــن جــــريــــر الـطّــبـــــرى ބަޔާންކުރައްވައިފައި ވެއެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނުގެ ފިލިވަތުގެ ބޭފުޅުންނަށް އެއްކައުވަންތަކަމުގެ ދީނަށް ދަޢުވަތު ދެއްވުމުން އެއްވެސް ބޭކަލަކު ޖަވާބެއް ނުދެއްވައެވެ. ތިއްބެވީ ހަނުހިމޭނުންނެވެ. އެކަމަކު عــلــــــى ގެފާނު ތެދުވެވަޑައިގެން ޖަވާބު އެރުއްވިއެވެ.

عــلــــــى مـــرتـضـــى رضـــــى اللّــــه عــنـــــه އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ތެރެއިން ޢުމުރުން އެންމެ ހަގީ އަޅުގަނޑު ކަމުގައި ވިޔަސް އަޅުގަނޑުގެ ދެފައި ކިތަންމެ ހިމަ ކަމުގައިވިޔަސް އަދި އަޅުގަނޑަށް މިވަގުތު ލޮލުރޯގާ ޖެހިފައި ހުއްޓަސް އަޅުގަނޑު ކަލޭގެފާނުގެ ބައިވެރިޔަކު ކަމުގައްޔާއި ވާގިވެރިޔަކު ކަމުގައްޔާއި ކަލޭގެފާނުގެ މުލައްދަނޑިފުޅުގެ ބާރު ކަމުގައި ވާނަމެވެ."

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، عــلــــــى ގެފާނަށް އިށީނދެވަޑައިގަންނަވާން ވިދާޅުވިއެވެ. އެއަށްފަހު އަނެއްކާވެސް އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންނާ މުޚާޠަބު ކުރެއްވިއެވެ. އެފަހަރުވެސް ޖަވާބުއެރުއްވީ عــلــــــى ގެފާނެވެ. ތިންވަނަ ފަހަރަށްވެސް ކަންވެގެންދިޔައީ ހަމަ އެފަދައިންނެވެ. ގިނަބޭފުޅުން ކުރެއްވީ ސަމާސާއާއި ފުރައްސާރައެވެ. ބުނެވޭގޮތުގައި ޢަރަބިބަހުގެ ބުނުމެއްގައި އޮންނަ "ޢާއިލާގެ މީހުންނަކީ ބައެއްފަހަރު ބިޗޫތަކެކެވެ." މިބަސް އުފެދުނީ އެދުވަހުގެ ހާދިސާގެ ނާރެހުގައެވެ. (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

މުސްލިމުންކުރެ އެންމެ ފުރަތަމަ ޝަހީދު

ޝައްކެއްނެތެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ މާތް اللّــــه ގެ ނަބިއްޔެކެވެ. ނަބީބޭކަލުންގެ މުހިންމަތަކީ މާތް اللّــــه ގެ އަޅުތަކުންނަށް އެކަލާނގެ ރިސާލަތު އިއްވެވުމެވެ. ކޮންމެފަދަ ޙާލަތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސްވެހެވެ. ކިތަންމެ މޫސުން ނުބައިވި ކަމުގައިވިޔަސް ކިތަންމެ ވިއްސާރަވެ ވައިގަދަވެ ދުއްޕާންވި ކަމުގައިވިޔަސް އެބޭކަލުންނަކަށެއް ރަޖާކޮޅު ލައްވައިގެން ތިއްބެވޭކަށެއް ޖާގައެއް ނޯވެއެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ޢާންމު ދަޢުވަތު ފައްޓަވާން ހަމަޖެއްސެވީ بـيـت اللّــــه އިންނެވެ. كــعـــبـــة ގެ ޙަރަމުންނެވެ. އެކަމަކު އެދުވަސްވަރު كــعـــبـــة ވެފައިވަނީ ބުދުތަކުގެ މަޙައްލަކަށެވެ. އެތާނގެ މުތަވައްލީންނަކީވެސް އަދި މުޖާވިރުންނަކީވެސް މައްކާގެ قـــــريـش ންނެވެ. އެބައިމީހުން އަމިއްލަ ނަފުސުތަކާމެދު ދެކެނީ آل اللّــــه އިން ކަމުގައެވެ. އެބައިމީހުންގެ މަޢީޝީ ތަނަވަސްކަމާއި ސިޔާސީ ބާރާއި ސިޔާދަތާއި ޢިއްޒަތާއި ޝަރަފު ގުޅިފައިވަނީ كــعـــبـــة اللّــــه އާއެވެ.

އެބައިމީހުން ދެކޭގޮތުގައި كــعـــبـــة اللّــــه އެބައިމީހުންގެ މަޢީޝަތުގެ ނާރެހެއްކަމުގައި ދެމެހެއްޓޭނީ ޢަރަބީންގެ ބުދުތައް كــعـــبـــة اللّــــه ގައި ހުރެގެންނެވެ. އެ ބުދުތަކަށް އަޅުކަންކުރާ މީހުން ޢަރަބިކަރައިގެ ކަންކޮޅުތަކުން މައްކާއަށް ޒިޔާރަތް ކޮށްގެންނެވެ. އެ ބުދުތަކަށް ނަދުރު ބުނެ ނަދުރު ފުއްދާން ވެދުން ބަރުތީލަކޮށްގެންނެވެ. އެތަކެތި މައްކާއަށް ލިބިގެންނެވެ. މައްކާގެ އިޤްތިޞާދުގައި އެތަކެތި ދައުރުވެގެންނެވެ. އެހެންކަމުން ބުދުތަކަށް އަޅުކަން ކުރުމާއި އެތަކެތި ކައުވަންތަ ކުރުމުގެ އަޑު ފިޔަވައި އެހެން އަޑެއް بـيـت اللّــــه ގެ ތެރެއިން އަޑުއަހާކަށެއް قـــــريـش ން ބޭނުމެއް ނުވެއެވެ. ބުދުތައް މަތިވެރިކުރުމުގެ އަޑު ފިޔަވައި އެހެން އަޑެއް ޙަރަމުގެ ތެރެއިން އުފުލައިލެވުމަކީ އެބައިމީހުން ދެކޭގޮތުގައި كــعـــبـــة އަށް ކުރެވޭ ތައުހީނެކެވެ.

އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، كــعـــبـــة ގެ ޙަރަމްގައި ހުންނަވައި لاَاِلَــــهَ اِلاَّ اللَّـــهُ ގެ ނައުރާ ކުރެއްވުމާއެކު ބުދަށް އަޅުކަންކުރާ މީހުންތައް ކެކިގަތްއިރުހީވީ ތެޔޮތާހަކަށް ފެންޖެހުމުން އުތުރިއަރައި ކެކިގަތްހެންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، لاَاِلَــــهَ اِلاَّ اللَّـــهُ އެވެ ވިދާޅުވުމުން އެބައިމީހުންގެ ހިތްތަކަށް ހޮނުއެޅި ކަހަލައެވެ. ހަތަރުފަރާތުން ހަޅޭއްފަޅޭއްލަވާން ފަށައިފިއެވެ. ޒަޚަމުވެފައިތިބި މިނިކާ ޖަނަވާރުތަކެއް ފަދައިން ލޮބުވެތި حبــيـب صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ދިމާޔަށް އަރައިގެންފިއެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދޮންދަރިކަލުން (أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ ދަރިކަލުން) حـــارث بـــن أبــــى هــالــة رضـــــى اللّـــه عــنـــــه އޭރު ހުންނެވީ خـــديجــــة ގެފާނުގެ ގެކޮޅުގައެވެ. އެކަލޭގެފާނަށް އެއަޑުފަށްގަނޑު އިވިވަޑައިގެންނެވުމާއެކު ދޮންބައްޕާފުޅު ސަލާމަތްކުރައްވާން ދުވެވަޑައިގެންފައި ޙަރަމްފުޅުގެ ތެރެޔަށް ވަޑައިގެންފިއެވެ. حـــارث ކައުސާހިބާގެ އަރިހަށް ލެފިވަޑައިގެން މީހުންތައް ދުރުކުރައްވާން ފެއްޓެވުމާއެކު ބުދުތަކުގެ ޕުޖާރީންގެ ކަނޑިތަކުން އެކަލޭގެފާނު ޝަހީދުކޮށްލައިފިއެވެ. އެކަލޭގެފާނުގެ ޠާހިރު ލޭފޮދުން ޙަރަމްފުޅުގެ ޠާހިރު ބިމުގައި ކުލަޖެހި ޒީނަތްތެރި ވެއްޖެއެވެ. އެއީ كــعـــبـــة ގެ ޙަރަމަށް ވެހުނު އެންމެފުރަތަމަ ލޭގެ ވާރޭގެ ތިކިތަކެވެ. އިސްލާމްދީނުގެ އެންމެފުރަތަމަ ޝަހީދުގެ ލޭފޮދުން ރަޙްމަތުގެ ތަޙްރީކުގެ އެންމެފުރަތަމަ ބާބު ލިޔެވިގެން ހިނގައްޖެއެވެ.

(ނުނިމޭ)