ވެސްޓް ހޭމްއިން ރެލިގޭޝަނުން ސަލާމަތްވާން ކުރަމުންދާ މަސައްކަތުގައި އިތުރު ހުރަސްތަކަކާ ކުރިމަތިވެއްޖެއެވެ.
ރޭ ލީގުގައި ވެސްޓް ހޭމްއިން ރަށުން ބޭރުގައި ނިއުކާސަލް އަތްދަށުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ނިއުކާސަލްއަށް ވަނީ ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ހޯދަން ކުޑަ އުންމީދެއް ލިބިފައެވެ. އެހެން ނަމަވެސް އެޓީމު އަދިވެސް އޮތީ 11 ވަނައިގައެވެ. އެއީ ކޮންފަރެންސް ލީގުގެ ޖާގައިގައި އޮތް ބްރެންޓްފޯޑަށްވުރެ ތިން ޕޮއިންޓް ފަހަތުންނެވެ. ބްރެންޓްފޯޑަށް 37 މެޗުން 52 ޕޮޮއިންޓް ލިބިފައިވާ އިރު، ނިއުކާސަލްއަށް އެ އަދަދަށް މެޗު ކުޅެގެން ލިބިފައި ވަނީ 49 ޕޮއިންޓެވެ. ދެޓީމަށްވެސް ބާކީ އޮތީ އެއް މެޗެވެ.
ވެސްޓް ހޭމް މިވަގުތު 18 ވަނައިގައި އޮތީ 37 މެޗުން 36 ޕޮއިންޓާއެކުގައެވެ. ވުލްވްސްއާއި ބާންލީ މިހާރު ރެލިގޭޓްވެފައިވާ އިރު، ދެން އޮތް ޖާގައިގެ ބިރު ވެސްޓް ހޭމްގެ އިތުރުން ޓޮޓެންހަމްއަށްވެސް އެބައޮތެވެ. ޓޮޓެންހަމް 17 ވަނައިގައި އޮތީ 36 މެޗުން 38 ޕޮއިންޓާއެކުގައެވެ.
ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ނިއުކާސަލްއިން ގޯލްތައް ޖަހާފައިވާ އިރު، އެ ގޯލްތައް ޖެހީ ނިކް ވޮލްޓެމާޑޭއާއި ވިލިއަމް އޮސޫލާއެވެ. ދެވަނަ ހާފުގައި ނިއުކާސަލްއިން ތިންވަނަ ގޯލެއްވެސް ޖެހި އިރު، 65 ވަނަ މިނެޓުގައި އެ ގޯލް ޖަހައިދިނީވެސް އޮސޫލާއެވެ.
މެޗުގައި ވެސްޓް ހޭމްގެ ހަމައެކަނި ގޯލް ޖެހީ ވަލެންޓިން ކަސްޓެލާނޯސްއެވެ.
ވެސްޓް ހޭމް އެންމެފަހުން ރެލިގޭޓްވެފައި ވަނީ 2010-11 ވަނަ އަހަރު ސީޒަނުގައެވެ. އެފަހަރު ރެލިގޭޓްވީ ޖެހިޖެހިގެން ހަ ސީޒަނުގައި ޕްރިމިއާ ލީގު ކުޅުމަށްފަހުއެވެ. އޭގެ ސީޒަނެއްފަހުން ވެސްޓް ހޭމް އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު