ޔޫކްރެއިނުން ރަޝިއާގެ މޮސްކޯ ސަރަހައްދަށާއި ރިޔަޒާންގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް އަމާޒުކޮށް ރޭގަނޑު ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

ރިޔަޒާން ސަރަހައްދުގެ ގަވަރުނަރު ޕަވެލް މަލްކޯވް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ދެ އެޕާޓްމަންޓް އިމާރާތަކަށާއި ސިނާއީ މަސައްކަތްކުރާ ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ހާމަކުރެއްވި ގޮތުގައި، ތެޔޮ ސާފުކުރާ ކާރުހާނާއެއްގެ ކައިރީގައި މަސައްކަތްކުރާ ބަޔަކަށްވެސް ވަނީ އަނިޔާވެފައެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ، ޔޫކްރެއިނުން ފޮނުވާލި 350 އަށްވުރެ ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އަދި ރަޝިއާގެ ތަހުގީގުކުރާ އިދާރާތަކުން ވަނީ މިއީ އާންމުންނަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، މިއީ ރަޝިއާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ރަޝިއާއިން ކީވްއަށް ދިން ހަމަލާގައި 24 މީހުން މަރުވެފައިވާއިރު، ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ އަސްކަރީ އަދި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުމަކީ “މުޅިން އިންސާފުވެރި” ކަމެއް ކަމަށެވެ. އަދި ޔޫކްރެއިންގެ ރައްޔިތުންގެ ފުރާނައަށް ގެއްލުންދިނުމަށްފަހު އެކަމުގެ އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ރަޝިއާއަށް ނުދެއްވާނެ ކަމަށްވެސް އޭނާ އިންޒާރުދެއްވިއެވެ.

ހަބަރުތައް ބުނާ ގޮތިގައި މި ހަމަލާތަކަކީ ފަހުގެ ތާރީހެއްގައި ޔޫކްރެއިނުން ރަޝިއާގެ އެތެރެއަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ. ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި، ދެ ފަރާތުންވެސް މިހާރު އަމާޒުކުރަމުން ދަނީ އަނެއް ގައުމުގެ އުމްރާނީ އަދި އިގުތިސާދީ މުހިންމު ވަސީލަތްތައް ހަލާކުކޮށްލުމަށެވެ.