ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އާގުބޯޓުފަހަރުން ދެ މިލިއަން ޑޮލަރާ ހަމައަށް ޓްރާންސިޓް ފީ ނެގުމުގެ އާ ސިޔާސަތެއް އީރާނުން ތަންފީޒުކުރަން ފަށައިފިއެވެ. މިކަމާ ދިމާކޮށް އެމެރިކާގެ ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް 29 ބިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައެވެ.
މީގެ ކުރިންވެސް ބައެއް ބޯޓުފަހަރުން އީރާނުން ފީ ނަގަމުން ދިޔަ ނަމަވެސް، މިހާރު މިކަން ވަނީ ރަސްމީ އުސޫލެއްގެ ދަށުން ފުޅާކޮށްފައެވެ. އީރާނުން އަލަށް އުފެއްދި "ޕަރޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" މެދުވެރިކޮށް، ކޮންމެ ތެޔޮ ފީފާއަކަށް ޑޮލަރެއްގެ މަގުން ފީ ނަގަން ވަނީ ނިންމާފައެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އިސްވެރިޔާ އިބްރާހީމް އަޒީޒީ ވިދާޅުވި ގޮތުގައި، މިއީ އީރާނުގެ ސިޔާދަތީ ބާރުގެ ދަށުން ބައިނަލްއަގުވާމީ ވިޔަފާރީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި ނިޒާމެކެވެ. އަދި އެމެރިކާގެ "ޕްރޮޖެކްޓް ފްރީޑަމް" އާ ގުޅުންހުރި ބޯޓުފަހަރަށް މި މަގު ބޭނުންނުކުރެވޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
އީރާނުން ކަނޑުއޮޅި ކޮންޓްރޯލްކޮށްގެން އާމްދަނީ ހޯދަމުންދާއިރު، އެމެރިކާއަށް ވަނީ މާލީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. ޕެންޓަގަންގެ އެކްޓިން ކޮމްޕްޓްރޯލަރ ޖޫލްސް ހަރސްޓް ކޮންގްރެސްގައި ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ހަރަދު 29 ބިލިއަން ޑޮލަރަށް އަރާފައިވަނީ ހަތިޔާރު އާކުރުމަށާއި އޮޕަރޭޝަނަލް ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ. މިއީ އޭގެ ދެ ހަފުތާ ކުރިން ލަފާކުރި 25 ބިލިއަން ޑޮލަރަށްވުރެ ހަތަރު ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
މި ދެ ގައުމުގެ މާލީ ތަފާތުތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް އަންނަނީ އަސަރުކުރަމުންނެވެ. އީރާނުން ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށް ކަނޑުދަތުރުފަތުރުގެ ނިޒާމު ބޭނުންކުރަމުންދާއިރު، އެމެރިކާއިން ބޮޑު ހޭދައެއް ކުރަނީ ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައިނަލްއަގުވާމީ ޝިޕިން ސިނާއަތަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ