މި ސީޒަނުގެ ފަހުބައިގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި މައިކަލް ކެރިކް، އަންނަ ސީޒަނުގައިވެސް އެމަގާމުގައި ހުންނާނެ ގޮތަކަށް އެއްބަސްވުން އާކުރަން ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ހަބަރުތައް ބުނެފައި ވަނީ ކެރިކް އެއްބަސްވުން އާކުރާނީ ދެ އަހަރު ދުވަހަށް ކަމަށެވެ. އަދި ޔުނައިޓެޑުން ބޭނުންވާނަމަ އިތުރު އެއް ސީޒަނަށް އެއްބަސްވުން އާކުރެވޭނެ ގޮތަށް، މާއްދާއެއް ހިމަނާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ. ކެރިކްގެ ކުރިމަގާމެދު ޔުނައިޓެޑުން އަދި ރަސްމީ ޖަވާބެއް ނުދިން ނަމަވެސް، ކެރިކް ބުނެފައި ވަނީ ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށެވެ.
އުމުރުން 44 އަހަރުގެ ކެރިކް ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. އެއީ އޭގެ ކުރިން ހުރި ކޯޗު، ރުބެން އަމޯރިމްގެ ނަތީޖާތައް ދަށްވެ، އޭނާ ފޮނުވާލުމުންނެވެ. ކެރިކް މަގާމާ ހަވާލުވުމުގެ ކުރިން ކުޅުނު ދެމެޗުގައި ޔުނައިޓެޑާ ހަވާލުވެ ހުރީ ޑެރެން ފްލެޗާއެވެ. މީގެ ކުރިންވެސް ކެރިކް ވަނީ ޔުނައިޓެޑްގެ ކެއާޓޭކާ މެނޭޖަރުކަން ކޮށްފައެވެ. އެއީ 2021 ވަނަ އަހަރުއެވެ. އެއީ ސީޒަން ތެރެއިން އޮލެ ގުނަ ސޮޝެއާ މަގާމުން ދުރުކުރުމުންނެވެ.
ކެރިކް މިފަހަރު މަގާމާ ހަވާލުވިފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު 15 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއެވެ. އޭގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް އެއްވަރުވެސް ވިއެވެ.
ކެރިކް ޓީމަށް ގެނައި ބަދަލާއެކު ޔުނައިޓެޑުން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަވެސް ކަށަވަރު ކޮށްފައެވެ. އެއީ ބޮޑު ކާމިޔާބީއެކެވެ. ޔުނައިޓެޑް މިހާރު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
ކެރިކާމެދު ކުޅުންތެރިން ހިތްހަމަ ޖެހިފައި ތިބިކަން ނޫސްތަކުން ބުނެފައިވާ އިރު، މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަސެމީރޯވެސް ބުނީ ކެރިއަށް އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ. އޭނާ އެހެން ބުނީ ދާދިފަހުން ދިން އިންޓަވިއުއެއްގައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް