(8 މެއިގެ އަދަދާ ގުޅޭ)

އިރު އޮއްސޭން ކައިރި ވީއިރު ޕިޔާރޭލާލާއި ބަގަތުރާމާ ދެ މީހުން ތިބީ ޖަންގަލީގެ ކައިރީގައި އޮތް ދަނޑެއްގައި ވާހަކަ ދައްކާން އިށީނދެލައިގެންނެވެ. އެބައިމީހުންގެ ވާތްކަނާތް ފަރާތުން އަވަށުގެ މީހުން ކުދިކުދި ޖަމާޢަތްޖަމާޢަތަށް އެކި ކޮޅުކޮޅަށް ބުރު ޖަހަޖަހައި ތިއްބެވެ.

ޕިޔާރޭލާލް ބަގަތުރާމް ގާތު ބުންޏެވެ. "ބަގަތުރާމެވެ! އަހަރެމެންގެ މުސީބާތުގެ ދެވަނަ ރޭ ފެށެނީއެވެ."

ބަގަތުރާމް ބުނެފިއެވެ. "ރަޙުމަތްތެރިޔާއެވެ! މިރޭ ވެސް ވާ ހިނގައިދާނެއެވެ. ނަމަވެސް އަހަރެން ބިރު ގަންނަނީ ފަތިސް ވާއިރު ވެސް އޭނާގެ ޚަބަރެއް ނުވެއްޖެ ކަމުގައި ވާނަމަ ކަލެޔަށް ވާނެ ގޮތަކާ މެދުގައެވެ."

"މިކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާ ޖަންގަލީގައި މަޑު ނުކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ."

ބަގަތުރާމް ބުންޏެވެ. "އޭނާ ރަށްފުށު މީހެއްގެ ހެދުމުގައި ދަތުރު ކުރެއްވީކަމުގައި ވެސް ވެދާނެއެވެ. އެހެންވެ އެއްވެސް މީހަކަށް އޭނާއާ މެދު ޝައްކު ނުކުރެވުމީ ވެސް ދުރު ކަމެއް ނޫނެވެ. މިއޮތް ބޮޑު ޖަންގަލީގެ ވަށައިގެން ރޭގަނޑު ހަތަރުދަމު ފޯރި މެރުމަކީ ވެސް ކުޑަ ކަމެއް ހެއްޔެވެ؟"

"ކަލޭގެ މަޠުލަބަކީ މީގެ ފަހުން މި ހިސާބުގަނޑުގެ ކޮންމެ މީހަކަސް ކުށެއް ކުރެވުނު ކަމުގައި ވިޔަސް އެކަމެއްގެ ސަޒާ އަހަންނަށް ލިބެމުންދާނެޔޭ ބުނުންހެއްޔެވެ؟"

"ރަޙުމަތްތެރިޔާއެވެ. އަހަރެން ބުނާން މި އުޅެނީ ކަލޭ އަމީރުގެ އަރިހުގައި ރަންބީރުގެ ލަޝްކަރުގެ ވާހަކަ ދެއްކިކަމީ ވަރަށް ދެރަ ކަމެއް ކަމުގައެވެ. މިހާރު ރަންބީރުގެ އަރިހުގައި ޙަޤީޤަތުގައި ވެސް ލަޝްކަރެއް އޮތްކަން ކަލެޔަށް ސާބިތު ކޮށްދޭން ޖެހޭނެއެވެ."

ޕިޔާރޭލާލަކީ ޖޭކްރިޝަންގެ ނޯކަރުންގެ ތެރޭގައި ހުރި އޭނާ އެންމެ އިތުބާރު ކުރައްވާ ނޯކަރެވެ. ޢާއްމު ގޮތެއްގައި ދެން ތިބި ނޯކަރުންގެ ތެރެއިން މީހަކު އޭނާއާ ދިމާޔަށް އެކަހަލަ އެއްޗެކޭ ބުނެފި ކަމުގައި ވާނަމަ އޭނާގެ ރުޅި ޙައްދުފަހަނަޅައި ދެއެވެ. ނަމަވެސް ވޭތުވެދިޔަ ހައެއްކަ ދަމުގެ ތެރޭގައި ހިނގައިދިޔަ ހާދިސާތަކުން އޭނާގެ މިޒާޖަށް ވަނީ ހީވެސް ނުކުރެވޭ ފަދަ ބަދަލެއް އައިސްފައެވެ. ބަގަތުރާމް ކުރި މަލާމާތާ މެދު އޭނާ އައި ރުޅި މަތަ ކުރަމުން ބުންޏެވެ. "ބަގަތުރާމެވެ! ކަލޭ ވެސް އުފާ ކުރާކަށެއް ނުޖެހޭނެއެވެ. އަމީރު އަހަންނަށް ދުވާލަކު ވިއްސަކަށް ފަހަރު ކޯފާ ވިކަމުގައި ވާނަމަ ހައެއް ހަތެއް ފަހަރު ކަލެޔަށް ވެސް ހަސްކާ އަންނާނެއެވެ."

ބަގަތުރާމް އެއްޗެކޭ ނުބުނެ ހަނު އިނދެއްޖެއެވެ. އިރުކޮޅެއްގެ އިރުކޮޅެއްގެ ފަހުން އޭނާ އެ އަވަށުގެ މީހަކަށް ގޮވައިލައިފައި ބުނެފިއެވެ. "އޭ ބޭބޭއެވެ! މިއިން އެއްވެސް ތާކު ފެންގަނޑެއް އޮވޭހެއްޔެވެ؟ ނުވަތަ ނޯވޭހެއްޔެވެ؟"

އަވަށުގެ މީހާ ކުރިޔަށް ޖެހިލައިފައި ޖަވާބު ދިނެވެ. "ފެން ހޯއްދަވާން ކަލާއަށް ދުރުވާން ޖެހިލައްވާނީ ކޯރުގެ އައްސޭރިޔަށެވެ."

"ކޯރު އޮންނަނީ ކިހައި ހިސާބެއްގައިހެއްޔެވެ؟" އޭނާ ސުވާލު ކުރިއެވެ.

"މާކަ ދުރެއް ނޫނެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ބައި ކޯހަށް ވުރެ ވެސް ކައިރި ވާނެއެވެ."

ޕިޔާރޭލާލް ތެދުވަމުން ބުނެފިއެވެ. "ރަޙުމަތްތެރިޔާއެވެ! ފެން ބޮވައިގަނެގެން އަހަރެން ވެސް މިހިރަ ހަލާކު ވަނީއެވެ. ހިނގާށެވެ! އަހަރެމެންނަށް އަސްމަތީގައި ވަރަށް އަވަހަށް އެނބުރި އާދެވިދާނެއެވެ. މިހާރު ގޮސްފައި އަންނާނެ ވަގުތު އެބައޮތެވެ. އެހެން ނޫނީ އަހަރެމެންނަށް މިރޭ ހަތަރުދަމު މިތަނުން ގުޑިލާނެ ވަގުތެއް ވެސް ނުލިބޭނެއެވެ."

ބަގަތުރާމް ތެދު ވެ އޭނާގެ އަހުގެ ލަގަނުގައި ހިފައިފިއެވެ. އޭނާ އެ އަވަށުގެ މީހާޔާ ދިމާޔަށް އެނބުރިލައިފައި ބުނެފިއެވެ. "ކަލޭ ވިސްނައި ހުޝިޔާރު ވެހުންނާށެވެ. އެއްވެސް މީހަކު އަހަރެމެންނާ ބެހޭގޮތުން ސުވާލު ކޮށްފިނަމަ އަހަރެމެން ޖަންގަލީގެ ވަށައިގެން ބުރު ޖަހަނީއޭ ބުނާށެވެ."

އިރުކޮޅެއްގެ ފަހުން ޕިޔާރޭލާލާއި ބަގަތުރާމް ކަޑަބޮއް ޖަހައިފައި އަސް ދުއްވަމުން ކުޑަކުޑަ ކޯރެއްގެ އައްސޭރިއަށް ހިނގައްޖެއެވެ. އެބައިމީހުން އަހުން ފައިބައި ފެން ބުއިމަށް ފަހު އަނެއްކާވެސް އަހަށް ސަވާރު ވެއްޖެއެވެ. އެބައިމީހުންނަށް އަނެއް ފަރާތުން ކުރިމަތީގައި އޮތް ހަނި މަގުން ކޮންމެވެސް ބޭރު ރަށެއްގެ މީހަކު ފެނިއްޖެއެވެ. އޭނާ އަންނަނީ އެއް އަތުން އަހެއްގެ ލަގަނުގައި ހިފައިގެންނެވެ. އެ އަސް ވަރަށް އުނދަގުލުން އެ މީހާގެ ފަހަތުން މަޑުމަޑުން ފިޔަވަޅު އަޅަމުން އާދެއެވެ. ޕިޔާރޭލާލާއި ބަގަތުރާމް އެނބުރި ދިޔުމުގެ ބަދަލުގައި ހުއްޓި އެ މީހާޔާ ދިމާޔަށް ބަލާން ފަށައިފިއެވެ. އަހުގެ ހިނގުން އެސޮރުގެ ބަނޑުހައިކަމާއި، ފެންބޮވުމާއި، ވަރުބަލިކަން ސާބިތު ކޮށްދެއެވެ. ކޯރާ ތަންކޮޅެއް ކައިރި ވުމުން އަސް ތަންކޮޅެއް ހަލުއިކޮށް ދުވެލައިފައި ގޮސް ފެންގަނޑުގެ ތެރެޔަށް ބޯ ބާނައިފިއެވެ.

ޕިޔާރޭލާލް އޭނާގެ އެކުވެރިޔާއަށް އަތުން އިޝާރާތް ކޮށްލައިފިއެވެ. ދެމީހުން އަސްމަތީގައި ކޯރުގެ އަނެއް ފަރާތަށް ހިނގައްޖެއެވެ.

"ކަލޭ ތިޔަ އައީ ކޮން ތަނަކުން ހެއްޔެވެ؟" ޕިޔާރޭލާލް ބޭރު މީހާއާ ސުވާލު ކުރިއެވެ.

"ސާހިބާއެވެ! އަޅުގަނޑު މި އަންނަނީ ވަރަށް ދުރުންނެވެ."

ބަގަތުރާމް ބުންޏެވެ. "ކަލޭގެ އަސް ވަރަށް ވަރުބަލި ވެއްޖެދޯއެވެ؟"

ބޭރުމީހާ ޖަވާބު ދިނެވެ. "މިއީ އަޅުގަނޑުގެ އަހެއް ނޫނެވެ. މިއީ އަޅުގަނޑަށް މަގުމަތީން ފެނުނު އަހެކެވެ. މި އަސް ވެއްޓުނީއެވެ. އަހުގެ ސަވާރު އަސް ދޫ ކޮށްލައިފައި ހިނގައްޖެއެވެ. ރޭގަނޑު މިނިކާ ޖަނަވާރެއް މި އަސް މަރައިލަފާނެކަމަށް ބިރުން މި އަސް ގެނައީއެވެ. ގެނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ. އަދިވެސް ދެ ކޯހެއްހައި ހިސާބަށް އަޅުގަނޑަށް ދާން ޖެހޭނެއެވެ."

ޕިޔާރޭލާލް ސުވާލު ކުރިއެވެ. "ކަލެޔަށް މި އަސް ފެނުނީ ކިހައި ހިސާބަކުން ހެއްޔެވެ؟"

"ސާހިބާއެވެ! މި ހިސާބާ އަށެއްކަ ކޯހުގެ ދުރުގައި ފަރުބަދައެއް ހުރެއެވެ. އަޅުގަނޑު އެ ފަރުބަދައިން ފައިބަނިކޮށް، ތިރީން ސަވާރަކު އަންނަނިކޮށް ފެނިއްޖެއެވެ. އޭނާގެ އަސް ދުވެދުވެ އޮވެފައި ކުއްލިޔަކަށް ވެއްޓިއްޖެއެވެ. ސަވާރު އަސް ނަގައިފިއެވެ. ނަމަވެސް އޭނާ ދެވަނަ ފަހަރަށް ސަވާރު ވުމުން، އަހުގައި ހިނގާހައި ވަރެއް ނެތެވެ. ސަވާރު މަޖުބޫރު ވެގެން ފައިބައިފައި އަސް ދޫ ކޮށްލައިފައި ފައިމަގުގައި ހިނގައްޖެއެވެ. އަޅުގަނޑު އޭނާގެ އަސް ދޫ ކޮށްލައިފައި ދަނީ ކޮން ތަނަކަށްތޯ ސުވާލު ކުރީމެވެ. ނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ."

ޕިޔާރޭލާލް ސުވާލު ކުރިއެވެ. "ކަލެޔަށް އޭނާގެ ސިފަ ކިޔައިދެވިދާނެ ހެއްޔެވެ؟"

"އާދޭހެވެ! އެއީ ރީތި ޒުވާނެކެވެ. ދޮނެވެ. އަޅުގަނޑަށް ވުރެ ތަންކޮޅެއް އިސްކޮޅުން ދިގު ވާނެއެވެ. މޭމަތި ފުޅަލެވެ. ހީވަނީ ކޮންމެވެސް މީހަކާ ހަނގުރާމަ ކޮށްފައި އައިހެންނެވެ. ނުވަތަ ހަނގުރާމަޔަށް ދާހެންނެވެ. އޭނާގެ ފަގުޑީގެ ކުލަޔަކީ ހަނދާން ވާގޮތުގައި ފިޔާތޮށި ކުލައެވެ."

"ކަލެޔަށް އޭނާ ފެނުނު އިރު އޭނާއާ އެކު އެހެން މީހަކު ވެސް ހުރިހެއްޔެވެ؟"

"ނޫނެކެވެ!"

"ކަލޭ އޭނާ ދުށީ ކިހައި އިރަކުހެއްޔެވެ؟"

"މެންދުރުން ލަނބައިލިތާ އިރުކޮޅެއް ފަހުންނެވެ."

"ކަލޭ އޭގެ ކުރީން ނުވަތަ ފަހުން މޫނު ނިވައި ކޮށްގެން ތިބި ބަޔަކު ދުށީމުހެއްޔެވެ؟"

"ނޫނެކެވެ!"

ބަގަތުރާމް ސުވާލު ކުރިއެވެ. "ޚުދު ކަލެޔަކީ އޭނާގެ އެކުވެރިއެއް ނޫންކަން ކަލެޔަށް ސާބިތު ކޮށްދެވިދާނެ ހެއްޔެވެ؟"

ބޭރު މީހާ އެ ސުވާލާ މެދު ޙައިރާން ވެގެން ބަގަތުރާމާ ދިމާޔަށް ބަލާން ފަށައިފިއެވެ.

ޕިޔާރޭލާލް ގުގުރައިގެންފައި ބުންޏެވެ. "ކަލޭގެ ފުރާނަ ސަލާމަތް ކުރާން ބޭނުން ކަމުގައި ވާނަމަ ބުނާށެވެ! ރަންބީރު ވީ ކޮން ތަނަކު ހެއްޔެވެ؟"

"ރަންބީރަކީ ކާކުތޯއެވެ؟" ބޭރު މީހާ ކުރިޔަށް ވުރެ ވެސް ބޮޑަށް ޙައިރާން ވެފައި ސުވާލު ކުރިއެވެ.

"ޕިޔާރޭލާލް އަނެއްކާވެސް ސުވާލު ކުރިއެވެ. "ކަލޭ ރޭގައި އުޅުނީ އޭނާއާ އެކުގައެވެ. ކަލޭ ހުރީ ފަގުޑީން މޫނު ފޮރުވައިގެންނެވެ. މިހާރު ތިޔަ އުޅެނީ އޭނާ ސަލާމަތް ކުރުމަށް ޓަކައި އަހަރެމެންނަށް ކެހި ދީގެން ކޮންމެވެސް އެހެން ދިމާޔަކަށް ފޮނުވައިލާން ވެގެންނެވެ. ނަމަވެސް ހަނދާން ކުރާށެވެ. އޭނާ ސަލާމަތް ވެގެން ހިނގައްޖެ ކަމުގައި ވާނަމަ އަހަރެމެން ކަލޭ ދިރިހުއްޓައި އަންދައިލާނޫއެވެ."

ބޭރު މީހާޔަށް އިޙުސާސް ވާން ފެށީ އޭނާއަށް އެ ހުރެވުނީ ދެ މޮޔައިންގެ ދެމެދުގައި ކަމަށެވެ. އިތުރު ވާހަކަ ދެއްކުމަކީ އެއްވެސް ފައިދާއެއް ނެތް ކަމެއް ކަމަށެވެ. ނަމަވެސް ޕިޔާރޭލާލާއި ބަގަތުރާމާ ދެ މީހުން އަސްމަތީން ފައިބައި ވާގަނޑަކުން އޭނާގެ ދެ އަތް ބަންނާން ފެށުމުން އޭނާ ރޮއި އާދޭސް ކުރާން ފަށައިފިއެވެ. "ކަލާކޮށްޓަކައި އަޅުގަނޑު ދޫ ކޮށްލައްވާށެވެ! އަޅުގަނޑު ތިޔަ ބޭފުޅުންނަށް އެއްވެސް ގޯނާއެއް ނުކުރަމެވެ. ތިޔަ ބޭފުޅުންގެ އަރިހުގައި ދޮގެއް ވެސް ނުހަދަމެވެ. އަޅުގަނޑު މި އަންނަނީ އަޅުގަނޑުގެ ބަފައިކަލޭގެ ގެއިންނެވެ. އަޅުގަނޑު މިހިރީ ތިޔަ ބޭފުޅުންނާ އެކު އެތަނަށް ދާން ވެސް ތައްޔާރަށެވެ. އެ ރަށުގެ މީހުން އަޅުގަނޑު އެ ރަށުން ފުރީ އިރު އެރި ފަހުންކަމަށް ހެކި ދޭނެއެވެ. އަޅުގަނޑަށް ކުރެވުނުހައި ވެސް ކުށަކީ މި އަހާ މެދު ހަމްދަރުދީ ވުމެވެ. އަޅުގަނޑަށް މާފު ކުރައްވާށެވެ. އަޅުގަނޑު ދޫ ކޮށްލައްވާށެވެ. އަޅުގަނޑަށް އިތުބާރު ނުކުރައްވާ ނަމަ އަޅުގަނޑު މިހިރީ ތިޔަ ބޭފުޅުންގެ އަރިހުގައި ދާން އުފަލާ އެކު ތައްޔާރަށެވެ. އަޅުގަނޑު ބެންނެވުމުގެ ބޭނުމެއް ނެތެވެ."

(ނުނިމޭ)