މީގެ ކުރިން ކިތަންމެ ވަރަކަށް ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންސީން ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކުރީގައި ވެގެންދިޔަ ކަންކަމަކީ ނުވާ ކަމަކަށް ވެސް ނުވާނެ ކަމަށާއި ކުޑަކުޑަކޮށް މާޒީގެ ސަފުހާތައް ނުއިޅާލާ އިރަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ހަގީގަތް ހުރީ ފެންނަން ކަމަށެވެ. އަދި މީގެ ކުރިން މީހަކު ކިރިޔަސް އެއްޗެއް ބުނާއިރަށް ޖަލަށްލީ ދުވަސް ވެސް ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި، އަޅުގަނޑު މިއީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން އެ ޒިންމާގައި ބައިވަރު އިހުލާސްތެރި މަސައްކަތްކުރެއްވި. އެކަމަކު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައުމުވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭ ވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރީގައި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކަށް އޮތީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަ ކަމަށާއި އެ މައްސަލަ މިދިޔަ ސަރުކާރަކަށް ނުބެލުނު ކަމަށެވެ. ތިމަންނަމެން ކޮރަޕްޝަން ނައްތާލާނާމޭ ކިޔަމުން ދިޔަ ނަމަވެސް، އެމްއެމްޕީއާރުސީގެ ވައްކަމުގެ އެންމެ އިސްކޮށް ތިބި މީހުން މިދިޔަ ސަރުކާރުން ދޫކޮށްލި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ހަގީގީ މާނައިގައި ސިސްޓަމް ތެރެއިން ކޮރަޕްޝަން އިރެޑިކޭޓްކުރަން، ނައްތާލަން. އެކަން ކުރާތީ ކަންނޭނގެ ބައެއް ފަރާތްތަކުން އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތްކުރަމުން މިދަނީ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ފަހަތަށް ޖެއްސޭނެ ކަމަށް ހީކުރައްވާނެ ކަމެއް ނެތް. އަޅުގަނޑުމެން ދާނީ ކުރިއަށް، ކުރިއަށް ގޮސް މި ގައުމުގައި ކޮރަޕްޝަން ހަގީގީ މާނައިގައި ނައްތާލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރު އޮތީ ވަރަށް އެކުވެރިކަމާއެކު، ވަރަށް ބަދަހިކަމާއެކު ކަމަށާއި ކޮރަޕްޝަންގެ އަމަލު ހިންގަން ހިތަށް އަރާ ބޭފުޅަކު ވިޔަސް، ގާތުގައި ބަަސްކިޔަން ހުންނަވަން ހައްދަވާނެ ކަމެއް ނެތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު