ނޫސްވެރިންގެ ހައްގުތަކާއި ހިމާޔަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފަދަ މަސައްކަތްތަކެއް އެހެން އެއްވެސް ރައީސަކު ކުރައްވާފައި ނުވާކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ޒައާމަތުގައި ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންގެ ހަނދާނުން ފިލައިގެން ނުދާ ކަމަށެވެ.
"ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ އެ ބޭފުޅުން ދައްކާއިރު، ރައީސް މުއިއްޒަށްވުރެ ބޮޑަށް ދިވެހި ނޫސްވެރިން ހިމާޔަތްކުރި ރައީސެއް މި ގައުމު ނުދެކޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ކޯޓެއްގެ ފަނޑިޔާރަކު "ވަގަށް ނަގައިގެން" ގޮސް ވެރިކަމުން އިސްތިއުފާ ދެއްވި ބޭފުޅަކު، މިއަދު އަދުލު އިންސާފުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި އެ ދުވަސްވަރު ދައުލަތުގެ މައި ދޮރާށި ކަމަށްވާ އެއާޕޯޓާއި، ދިރާގު އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތައް ވިއްކާލައި، ގައުމުގެ އިގުތިސާދީ ފޭރާން ވީދާލިކަމަށް ފަލާހު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި، އަމިއްލަ ބޭބޭފުޅުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލައިފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެފަދަ ތާރީހެއް އޮތް ބޭފުޅުން ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ ދެއްކުމުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު ކަމަށާއި، އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކުން ރައީސްގެ އަގު ވައްޓާނުލެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ. މި ސަރުކާރުން އިސްކަންދެނީ ހަލާކުވެފައިވާ އިގުތިސާދު ކޮޅަށް ޖަހައި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށްދިނުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު
ތިޔަ އަގައިން ތީގެއިދިކޮޅަށް ވާހަކަ ދައްކާތަން ދެކެން ބޭނުން.
ސައްލޭ - 1 މަސް ކުރިން