އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީސިމްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

އުރީދޫން ނެރުނު ބަޔާނުގައިވާ ގޮތުން، މި ހިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި ސީދާ ސްމާޓްވޮޗް މެދުވެރިކޮށް ގުޅައި، މެސެޖުކޮށް، މިއުޒިކް އަޑުއަހައި، ނޮޓިފިކޭޝަންތައް ލިބި، އެޕްތައް ބޭނުންކުރެވޭނެއެވެ. މި ހިދުމަތް އެކަށޭނެ އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް މޮޑެލްތަކަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ކަސްރަތު ކުރާއިރު، ދަތުރުމަތީގައި، ބޭރުތެރޭގައި ހަރަކާތްތެރިވާއިރު ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އިތުރު ފަސޭހަކަމާއި މިނިވަންކަން ލިބިގެންދާނެ ކަމަށެވެ.

ވޭރަބަލް ޑިވައިސްތަކަށް އީސިމް ހިދުމަތް ތައާރަފުކުރުމަކީ ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް އުރީދޫން ބުންޏެވެ. ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުންޏަކީ ވެސް އުރީދޫ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.