އައްޑޫ ސިޓީގެ އިގްތިސޯދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ އެ ސިޓީގެ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް، އެފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ މަތިންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
އައްޑޫ ރީޖަނަލް ފްރީ ޒޯން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ 2027 އިން 2029 އަށް އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އައްޑޫގެ އިގްތިސޯދު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ކުރިއަށްދާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރީޖަނަލް ފްރީ ޒޯނަކީ ރާއްޖެއަށް އާ ކަމެއް ނަމަވެސް، ދުނިޔޭގެ ސިނާއީ ގައުމުތަކުގައި މިއީ ވަރަށް ކާމިޔާބު ކޮންސެޕްޓެއް ކަމަށެވެ.
"ފްރީޒޯންތަކަކީ ރާއްޖެއަށް ވަރަށް އާ ކޮންސެޕްޓްތަކެއް. އެހެންނަމަވެސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި ހުރި ގައުމުތަކުން ފެށިގެން ގޮސް އިންޑަސްޓްރިއަލް ގައުމުތަކުގަވެސް އުފައްދާފަހުރި ކޮންސެޕްޓްތަކެއް. މިކަންވެސް ފެށުމާއެކު އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މީގެ ފައިދާ ކުރާނެ." ސައީދު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ފަދަ ވަރުގަދަ ގާނޫނީ އޮނިގަނޑެއް އޮތުމަކީ މި މަސައްކަތުގެ ކާމިޔާބީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވެވޭނީ ސަރުކާރާއި، ވިޔަފާރިވެރިންނާއި، ކަމާގުޅުންހުރި އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓްމަންޓް ޒޯންތައް ހެދުމުގެ ސިޔާސަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި ކަމެކެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު