މ. ވޭވަށު ކައުންސިލް އިންތިހާބުގައި ބޭނުންކުރި ބައެއް ވޯޓު ކަރުދާސްތަކެއްގައި ހުރި ފާހަގަތަކެއްގެ ސަބަބުން، އެ ކަރުދާސްތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެއީ ބާތިލު ވޯޓެއްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން އެ ގޮނޑިއަށް އިންތިހާބުވިކަމަށް ބަލާނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހެވެ.

މި މައްސަލައަކީ ނަޒީހު، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލަ ހުށަހަޅަން ޖެހުނީ، ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތުމުންނެވެ.

އެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބުނު ނަމަވެސް، ނަޒީހު ވަނީ އެ ކަރުދާސްތަކަކީ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ހުރި ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.

ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލާލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.

ނަމަވެސް، ކޯޓުގެ އަގުލަބިއްޔަތު ނިންމުމުގައިވާ ގޮތަށް، އެ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް މިހާރު ވަނީ އަމުރުކޮށްފައެވެ.

މި ބަދަލާއެކު ކުރިން އެމްޑީޕީއަށް ލިބުނު ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ލިބޭނެއެވެ.