ފަހި ފްލެޓުތަކުގެ ސަރަހައްދުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ ކުނިތައް ނެގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

އެފްޑީސީން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކުރި 4000 ހައުސިން ޔުނިޓުގެ އާންމު ސަރަހައްދުތަކާއި ކޮރިޑޯތަކުގައި އާންމުންނަށް ދަތިވާނެހެން ކުންޏާއި ތަކެތި ބަހައްޓަފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތަށް އުސޫލުތަކާ ހިލާފަށް ތަކެތި ބަހެއްޓުމާއި ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށެެވެ. އަދި ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ނުރައްކާތައް ކުރިމަތިވާކަމުގެ ޝަކުވާތައް ލިބޭ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިމާރާތް ބޭނުންކުރުމުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށް އެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމަށާއި އެހެންކަމުން އެ ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުގެ އެއް އިމާރާތް ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި އަންނަ ހުކުރު ދުވަހުގެ ރޭ 8:00 ގެ ކުރިން ނެގުމަށް އަންގާފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީން އިތުރަށް ބުނީ ކަނޑައެޅިފައިވާ ސުންގަޑިއަށް ނަގާފައިވާ ނުވާ ތަކެތި އެ ކޯޕަރޭޝަނުން ނަގައި ތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި ސާފު ކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ނުވަތަ ތަކެއްޗަކަށް ލިބޭ ގެއްލުމެއް އެ ކޯޕަރޭޝަނުން ޒިންމާނުވާނެ ކަމަށެވެ.

ފަހި ފްލެޓުތަކުގެ ބޭރުގައި ކުނި ބަހައްޓާ މައްސަލަ މީގެ ކުރިން ވެސް ވަނީ ބޮޑުވެފައެވެ.