ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ "ޖެމިނައި" އަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އާ ލެޕްޓޮޕްތަކެއް "ގޫގުލްބުކް" ގެ ނަމުގައި އެ ކުންފުނިން އިއްޔެ ތައާރަފުކޮށްފިއެވެ. އެންޑްރޮއިޑް ޝޯގެ އައިއޯ އެޑިޝަންގައި ދައްކާލި މި ލެޕްޓޮޕްތަކަކީ ކްރޯމްއޯއެސް އާއި އެންޑްރޮއިޑްގެ ސިފަތައް އެކުލެވޭ ގޮތަށް، އޭއައި އަށް ބިނާކޮށް އުފައްދާފައިވާ ޕްރީމިއަމް ޑިވައިސްތަކެކެވެ. މިއީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ކްރޯމްބުކް އަށް ފަހު ގޫގުލް އިން ތައާރަފުކުރި އެންމެ ބޮޑު ބަދަލެވެ.
ގޫގުލްގެ ލެޕްޓޮޕް އަދި ޓެބްލެޓްތަކާ ބެހޭ ސީނިއަރ ޑިރެކްޓަރ އެލެކްސް ކުޝަރ ބުނި ގޮތުގައި، ކޮމްޕިއުޓިން ދާއިރާ މިހާރު އޮޕަރޭޓިން ސިސްޓަމަކުން އިންޓެލިޖެންސް ސިސްޓަމަކަށް ބަދަލުވަމުންދާތީ، މިއީ ލެޕްޓޮޕްތަކާ މެދު އާ ގޮތަކަށް ވިސްނަން ލިބުނު ފުރުސަތެކެވެ. އަދި ގޫގުލްބުކް އަކީ ޖެމިނައި އިންޓެލިޖެންސަށް ހާއްސަކޮށްގެން ފަރުމާކުރި ފުރަތަމަ ލެޕްޓޮޕްކަން އޭނާ ފާހަގަކުރިއެވެ.
ޓެކް ހަބަރުތައް ބުނާ ގޮތުގައި މި ލެޕްޓޮޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ "މެޖިކް ޕޮއިންޓަރ" އެވެ. މިއީ ސްކްރީން މަތީގައި ކަރސަރ ހަރަކާތްކޮށްލުމުން، އެ ވަގުތަކު ކުރަމުންދާ މަސައްކަތަކާ ގުޅޭ ގޮތުން ޖެމިނައި މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭ ފީޗަރއެކެވެ. މީގެ އިތުރުން، ލިޔުމުން ދޭ ކޮމާންޑުތައް ބޭނުންކޮށްގެން އަމިއްލަ ވިޖެޓްތައް އުފެއްދުމުގެ ފުރުސަތުވެސް ލިބެއެވެ. މިސާލަކަށް، ދަތުރަކަށް ތައްޔާރުވާއިރު ފްލައިޓާއި ހޮޓަލުގެ މައުލޫމާތު އެއްތަނަކުން ފެންނާނެހެން ވިޖެޓެއް ހަދާލެވޭނެއެވެ. އަދި އެންޑްރޮއިޑް ފޯނުތަކާ ފަސޭހައިން ގުޅާލެވި، ފޯނުގައި ހުންނަ އެޕްލިކޭޝަންތައް ސީދާ ލެޕްޓޮޕްގައި ބޭނުންކުރެވޭނެއެވެ.
މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ލެޕްޓޮޕްތައް އުފެއްދުމަށް ގޫގުލް އިން މަސައްކަތްކުރަމުން ދަނީ އޭސަރ، އޭސުސް، ޑެލް، އެޗްޕީ އަދި ލެނޯވޯ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގޫގުލްގެ މި އުފެއްދުމަކީ އެޕަލްގެ މެކްބުކް ނިއޯ އާއި މައިކްރޮސޮފްޓްގެ ކޯޕައިލެޓް ޕްލަސް ޕީސީތަކާ ވާދަކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު، ލެޕްޓޮޕް މާކެޓުގައި އޭއައިގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް