ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެ މުބާރާތަށް ކޮލިފައިވި އެންމެ އާބާދީ ކުޑަ ގައުމު ކަމަށްވާ ކިއުރަސާއޯއިން، އަނެއްކާ ވެސް އެޓީމުގެ ކޯޗުކަން ޑިކް އެޑްވޮކާޓަށް ދޭން ނިންމައިފިއެވެ.
އެޑްވޮކާޓަކީ ކިއުރަސާއޯ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ތާރީހީ ކޯޗު ވެސް މެއެވެ. ކިއުރަސާއޯގެ ކޯޗުކަމުން އެޑްވޮކާޓް ފަހަތަށް ޖެހިލީ އަންހެން ދަރިފުޅަށް ދިމާވި ސިއްހީ ހާލަތެއްގެ ސަބަބުންނެވެ. އެއީ މިއަހަރު ފެބްރުއަރީ މަހުގައެވެ. އެފަހަރު ކިއުރަސާއޯ ފެޑަރޭޝަނުން ވަގުތީ ކޯޗުކަން ހަވާލުކުރީ ފްރެޑް ރުޓެންއާއެވެ.
ރުޓެންގެ ކޯޗުކަމުގައި ކިއުރަސާއޯއިން ޗައިނާ އަދި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. އެއީ ޗައިނާ ކައިރިން 2-0 އިން، އޮސްޓްރޭލިއާ ކައިރިން 5-1 އިންނެވެ. އެ ނަތީޖާތަކާއެކު އެޑްވޮކާޓް އަލުން ގެންނަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ގިނަވެގެން ގޮސްފައެވެ.
އެ ވާހަކަތަކުގެ ތެރެއިން ކުޅުންތެރިން އެކުވެ، ރުޓެން މަގާމުން ދުރުކުރަން އުޅޭކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ކިއުރަސާއޯ ފެޑަރޭޝަނުން ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި ކުޅުންތެރިން ރުޓެންއާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ގޯސް ވާހަކައެއް ނުދައްކާ ކަމަށް ފެޑަރޭޝަނުން ބުންޏެވެ.
ރުޓެން މަގާމު ދޫކޮށްލީ އިއްޔެއެވެ. އެއާއެކު ކިއުރަސާއޯގެ ނޫސްތަކުން ބުނީ އަލުން އެޑްވޮކާޓް ގެންދަން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް 150،000 މީހުން ދިރިއުޅޭ ކިއުރަސާއޯ ވެގެންދާނީ ވޯލްޑް ކަޕް ތާރީހުގައިވެސް ފެންނާނެ އެންމެ ކުޑަ ގައުމަށެވެ. އެގައުމުގެ ބޮޑު މިނަކީވެސް 171 އަކަ މޭލެވެ. އެގައުމުގެ ބެންޗުން ފެނިގެންދާ އެޑްވޮކާޓަކީ އުމުރުން 78 އަހަރުގެ ކޯޗެވެ.
މީގެ ކުރިން ވޯލްޑް ކަޕްގައި ކޯޗުކަން ކޮށްދިން އެންމެ ދުވަސްވީ ކޯޗަކީ ޖަރުމަނުގެ އޮޓޯ ރެހާގެލްއެވެ. އެއީ 71 އަހަރުގައެވެ.
އެޑްވޮކާޓް ވަނީ މީގެ ކުރިން 1994 ވަނަ އަހަރު ނެދަލޭންޑްސްއާއެކު އަދި 2006 ވަނަ އަހަރު ސައުތު ކޮރެއާގެ ކޯޗުކަމުގައި ވޯލްޑް ކަޕުން ފެނިގެން ގޮސްފައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026