ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިނިސްޓްރީއަށް މާލެ ސަރަހައްދުން ބިން ލިބިފައި ވަނީ 10،700 ފްލެޓު އިމާރާތް ކުރެވޭ ވަރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ ލޯނެއްގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރާ ކަމަށާއި ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކުރަންޖެހޭ ހުރިިހާ ކަމެއް ވެސް މިހާރު ވަނީ ފައިނަލްވެފައިވާ ކަމަށެވެ. އަދި ހިލޭ ބިން ދީގެންނާއި އިންސެންޓިވްސްތައް ދީގެން ބޯހިޔާވަހިކަން ގަނެވޭ ގޮތަށް މަޝްރޫއުއެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަޝްރޫއުގެ ދަށުން 2،000 ފްލެޓު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް 1،000 ފްލެޓު އިމާރާތް ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް އެއްކޮށްލުން 10،700 ފްލެޓް އިމާރާތް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކުރިން ވިދާޅުވި 12000 ފްލެޓް އިމާރާތް ކުރުމަށް މިހާރު ބިން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ދިމާވީ ހުޅުމާލޭ ތިނަކީ އެއާޕޯޓަށް ފްލައިޓު ޖައްސަން އަންނަ ރޫޓަކަށްވާތީ، އެތަނުގައި އިމާރާތް ކުރެވޭ އުސްމިނަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށެވެ. އެގޮތުން ކުރިން އެތަނުގައި އިމާރާތްކުރާ ފްލެޓުތައް 17 ބުރިއަށް އުސްކުރެވޭނެ ގޮތަށް އޮތް ނަމަވެސް ސިވިލް އޭވިއޭޝަނުން މިހާރު އަންގާފައި ވަނީ އެ ސަރަހައްދުގައި އިމާރާތް ކުރާ ފްލެޓްތައް 14 ބުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފައިވާނެ މާލޭ ސަރަހައްދުގައި ބިން ހުރި ގޮތުން އިމާރާތްކުރެވެން އަންނަނީ މިހާރު ހުރި ބިންތަކުހައި 12،000 ހައުސިން ޔުނިޓޭ. އެހެންނަމަވެސް ފޭސް ތިނެއްގެ އެއީ އެއާޕޯޓު ފްލައިޓު ޖައްސަން އަންނަ ތަނަކަށްވެފައި އެތަނުން ނެގޭ އުސްމިންތައް ތަފާތުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ފްލެޓްތައް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހޯދުމަށް އެޗްޑީސީއާ މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.