އއ. ރަސްދޫގައި ޗައިނާ ބަޔަކު ދިވެއްސަކަށްދިން ހަމަލާދިން މަންޒަރު ފެނުނު އޭނާގެ މަންމައަށް ލިބުނު ޝޮކެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ރަސްދޫ ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު ނާހިދު މިއަދު "ވަން" ވިދާޅުވީ ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި މީހަކަށް ހަމަލާދިން މަންޒަރު އެ ދިވެހި މީހާގެ މަންމައަށް ފެނި ލިބުނު ޝޮކުގައި ރަސްދޫގައި ފަރުވާ ދިނުމަށްފަހު، އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެފައިވާ ކަމަށެވެ.

"ހިންގި މާރާމާރީގައި، ދަރުފުޅުގެ ބޮލުން ލޭއައިސް ފެނި، މަންޒަރު ފެނި، އެޒުވާނާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަނިކޮށް، އެ ޒުވާނާގެ މަންމައަށް ފެނިގެން ޝޮކެއް ޖެހުނީ. ޒުވާނާގެ މަންމައަކީ 69 އަހަރުގެ މީހެއް. އެ ލިބުން ޝޮކުގައި ޑޮކްޓަރުން ބުނަނީ ސިނކުޑިއަށް ލޭ އެޅިފައޭ ހުރީ. އެހެންވީމަ ރަށުން އައިޖީއެމްއެޗްއާ ހަމަޔަށް ގެނެސްގެން މިއަދު ހެނދުނާ ހަމަޔަށްވެސް ވެންޓިލޭޓަރުގައި ފަރުވާދެމުން އައީ. އޮތީ ވަރަށް ކްރިޓިކަލްކޮށް. އޮޕަރޭޝަނަކަށް ވެސް ދެވެން އޮތީ ކޮންމެ ވެސް ވަރަކަށް ރަނގަޅުވެގެން ކަމަށް އައިޖީއެމްއެޗް ޑޮކްޓަރުން ލަފާދެއްވީ،" ނާހިދު ވިދާޅުވިއެވެ.

އަނިޔާވި ޒުވާނާވެސް އިއްޔެ ދޫކޮށްލާފައިވާ ކަމަށް ވެސް ރަސްދޫ ކައުންސިލުގެ ކުރީގެ ރައީސް ނާހިދު ވިދާޅުވިއެވެ. އަނިޔާ ލިބުން ޒުވާނާއަކީ ޗައިނާ މީހުންނާ އެކީ ވޯޓާސްޕޯޓް ކަންކަމުގައި ސްޓާފެއްގެ ވަޒީފަގައި އެކި ކަންކަން ކުރާ ޒުވާނެއް ކަމަށެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ދަންވަރު 00:51 އެހައިކަންހާއިރު، ރަސްދޫ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ޗައިނާގެ ދެ ރައްޔިތަކު، މީހަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.