މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ބުނި ގޮތުގައި މި އޮޕަރޭޝަންގައި ރަސްދޫގެ 10 ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ. މިގޮތަށް ބަލައިފާސްކުރި އިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރަސްދުއަށް ނިސްބަތްވާ ހަ ފިރިހެނުންނާއި، އެހެން ދެ ރަށެއްގެ ދެ މީހެއްގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތެކެވެ. އޭގެ ތެރޭގައި ހިމެނެނީ އއ. ރަސްދޫ، ލިލީމީޑް، މުހައްމަދު އުލްވާން ރަޝީދު (21އ) އާއި، އެ ރަށު ގުލްދަސްތާގެ، އަހުމަދު އަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަހްމަދު އިކުލީލް (37އ) އާއި، ކާނޭޝަންމާގެ، އަހުމަދު މުހައްމަދު (44އ) އަދި ކާނޭޝަންމާގެ، އަލީ ވަސީމް (44އ) އެވެ. މީގެ އިތުރުން ހދ. ކުމުންދޫ ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުހައްމަދު (29އ) އަދި ބަންގުލަދޭޝްގެ މެހެދީ ހަސަން (27އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މީހުންނަށް އެކި މުއްދަތު ވަނީ ޖަހައިދީފައެވެ. އެގޮތުން އިބްރާހީމް ދިނާން، ރިމާޒު މުހައްމަދު، އަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަހުމަދު އިކުލީލް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ އިރު، މުހައްމަދު އުލްވާން ރަޝީދު، އަހުމަދު އަރީފު އަދި އަހްމަދު މުހައްމަދު ވަނީ ފަސް ދުވަހަށް ބަންދުކޮށްފައެވެ. އަދި ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.