ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ހިދުމަތްކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ ފަރާތުން ނިމިދިޔަ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅުހުން ވާދަކުރި ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި މިރޭ ރައީސް ވިދާޅުވީ، ކާމިޔާބީ ފާހަގަކުރަންވާނެ ކަމަށާއި ނަމަވެސް އެކަމުގައި ހިތްތިރިވާން ޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބިނުއިރު ނާކާމިޔާބީއާވެސް ކުރިމަތިވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ސިޓީތަކުން ލިބުނީ ބޮޑު ނާކާމިޔާބެއް ކަމަށެވެ.

"އެހެންވީމާ ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފު އިސްކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހާބީ މަގާމުތަކަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށާއި އެއީ މަތިވެރި ޒިންމާއެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހޮވިގެންދިޔަ ހުރިހާ މެންބަރުންނާއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަރަށް ގާތުން ކަމަށެވެ.