އުމުރުން 40 އަހަރުގެ އެޑިން ޖެކޯއާއެކު ބޮސްނިއާ-ހާޒެގޮވީނާއިން ވޯލްޑް ކަޕް 2026 އަށް ސްކޮޑު ފައިނަލް ކޮށްފިއެވެ.

ވޯލްޑް ކަޕްގެ ތާރީހުގައިވެސް، 40 އިން މައްޗަށް ދިޔަފަހުން އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ކެމަރޫންގެ ފޯވަޑް ރޯޖާ މިލާއެވެ. 1994 ވަނަ އަހަރުގައި މިލާ ވަނީ 42 އަހަރުގައި ވޯލްޑް ކަޕްގައި ގޯލް ޖަހައި ރެކޯޑު ހަދައިފައެވެ. އަދިވެސް އެ ރެކޯޑު އޮތީ އޭނާ އަތުގައެވެ.

ދެން 40 އިން މައްޗަށް ދިޔަފަހުން ވޯލްޑް ކަޕްގައި ކުޅުނުތަން ފެނިގެން ގޮސްފައި ވަނީ ކީޕަރުންނެވެ. އެގޮތުން ޖުމުލަ ހަ ކީޕަރަކު ވަނީ 40 އަހަރުން މަތިވިފަހުން ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ މިސްރަށް ކުޅުނު 45 އަހަރުގެ އެސާމް އަލް ހާދަރީއާއު ކޮލަމްބިއާގެ ކީޕަރު ފަރީދު މޮންޑްރަގޮންގެ އިތުރުން ނޮދާން އަޔަލޭންޑްގެ ޕެޓް ޖެނިންސް، އިންގްލެންޑްގެ ޕީޓާ ޝިލްޑަން އަދި އިޓަލީގެ ޑީނޯ ޒޮފާއި ޓިއުނީޝިއާގެ އަލީ ބޯންމިޖޭލްއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި 40 އަހަރުން މަތީގެ އިތުރު އައުޓްފީލްޑް ކުޅުންތެރިންތަކެއްވެސް ފެންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޕޯޗުގަލްގެ ކެޕްޓަން، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އުމުރުން 40 އަހަރުގެ ލޫކާ މޮޑްރިޗްވެސް ސްކޮޑުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

ބޮސްނިއާއިން ފައިނަލް ސްކޮޑު އިއުލާނު ކޮށްފައިވާ އިރު، ޖެކޯއަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އެއީ 148 މެޗެވެ. އަދި އޭނާއަކީ ރެކޯޑު ގޯލް ޖެހުންތެރިޔާވެސް މެއެވެ. އެއީ 73 ގޯލާއެކުގައެވެ.

ބޮސްނިއާގެ ކޮލިފިކޭޝަން އަށް މެޗުގެ ތެރެއިން ހަތް މެޗުގައި ޖެކޯ ކުޅެފައިވެއެވެ. ކުރިން މެންޗެސްޓާ ސިޓީއަށްވެސް ކުޅެ، މިހާރު ޝާލްކޭއަށް ކުޅެމުންދާ ޖެކޯ ވަނީ ކޮލިފިކޭޝަން ޕްލޭ އޮފް ސެމީ ފައިނަލްގައިވެސް ގޯލް ޖަހައިފައެވެ.

ބޮސްނިއާއިން އެގައުމުގެ ތާރީހުގައި ދެވަނަ ވޯލްޑް ކަޕަކަށް ތައްޔާރުވާ އިރު، އެ ޓީމު ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ ގަތަރާއި ސްވިޒަލޭންޑްގެ އިތުރުން ހޯސްޓް ގައުމެއް ކަމަށްވާ ކެނެޑާއާއެކުގައެވެ. ބޮސްނިއާއަކީ ވޯލްޑް ކަޕަށް ސްކޮޑު އިއުލާނުކުރި ފުރަތަމަ ޓީމެވެ.