މިއަހަރުގެ ފެބްރުއަރީ މަހު މަސްވެރިކަމުން ލިބޭ އާމްދަނީ 75 ޕަސަންޓް ދަށަށް ދިޔަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ހިސާބުތަކުން ދައްކައިފިއެވެ.

އެންބީއެސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު މަސްވެރިކަމުގެ ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ހުރީ 108 މިލިއަން ރުފިޔާގައެވެ.

އެންބީއެސްއިން ފާހަގަކޮށްފައިވާ ގޮތުގައި އެއީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 75 ޕަސެންޓްގެ ދަށްވުމެކެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހަށް ވުރެ 40 ޕަސެންޓުގެ ދަށްވުމެއްކަމަށް އެންބީއެސްއިން ބުންޏެވެ.

ފެބްރުއަރީ މަހުގައި މަސްވެރިކަމުގެ ލިބޭ އާމްދަނީ އެހާބޮޑަށް ދަށްވީ މަސް ބޭނުނު ވަރު މަދުވެ، މަހުގެ އެކްސްޕޯޓު ދަށްވުމުގެ ސަބަބުންކަމަށް އެންބީއެސްއިން ބުންޏެވެ. މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މަހުގެ އެކްސްޕޯޓު ވަނީ 45 ޕަސަންޓާއި 65 ޕަސަންޓްއާ ދެމެދަށް ދަށްވެފައިކަމަށް އެންބީއެސްއިން ބުންޏެވެ. މަސް ބޭނުނު އަދަދުވެސް އެ މިންވަރަށް ދަށްވެފައި ކަމަށެވެ.

ނަމަވެސް މިދިޔަ މާޗު މަހު މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން އެ މަހުގެ މަސް އެކްސްޕޯޓް ކުރި މިންވަރު އަށް ޕަސަންޓަށް އިތުރުވިކަމަށް އެންބީއެސްއިން ބުންޏެވެ.

އެންބީއެސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ދެ އަހަރު ވެސް އަހަރު ފެށޭ ކޮޅު މަސްވެރިކަން ދަށެވެ. އަދި އަހަރުގެ މެދުތެރެއަކީ މަސްވެރިކަމުގެ އާމްދަނީ އެންމެ ރަނގަޅުވާ ދުވަސްވަރެވެ.