ރޭ އާސެނަލާއި ވެސްޓް ހޭމް ވާދަކުރި މެޗުގެ އެންމެ ފަހުވަގުތު ރެފްރީގެ ފަރާތުން ފެނުނު ހިތްވަރަކީ ރަނގަޅު ނިންމުމަކަށް މުހިއްމު ހިތްވަރެއް ކަމަށާއި، ކެރިގެން ނިންމުން ނިންމީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ރޭގެ މެޗަކީ ލީގު ތަށީގެ ރޭހުގައި މުހިއްމު މެޗެކެވެ. މިދިޔަ ދެތިން ސީޒަނުގައިވެސް އާސެނަލުން ލީގު ތަށްޓާ ގާތް ކުރަމުން ގޮސްފައިވާ އިރު، މި ސީޒަނުގެ ބޮޑުބައެއްގައިވެސް އެއްވަނަ ދަމަހައްޓަމުން ދަނީ އާސެނަލުންނެވެ. އެހެން ނަމަވެސް މިދިޔަ މަސް ތެރޭގައި އެ ކޮންޓްރޯލް ގެއްލުނެވެ. މެންޗެސްޓާ ސިޓީން އެއްވަނައަށް އެރި ނަމަވެސް، އާސެނަލް އަނެއްކާވެސް މިހާރު މިވަނީ ލީގުގެ ކޮންޓްރޯލް ހޯދައިފައެވެ.
ސިޓީން މިހަފުތާގައި ކުޅުނު މެޗުން މޮޅުވި ނަމަވެސް، އޭގެ ކުރިން އެވަޓަން ކައިރިން އެއްވަރުވި ހިސާބުން، ދެން ތިބެން ޖެހުނީ އާސެނަލް ގޯހެއް ހަދާތޯ ބަލާށެވެ. ރޭގެ މެޗުން އެ ގޯސް ހަދާތޯ ސިޓީ ސަޕޯޓަރުން ބަލަން ތިބި ނަމަވެސް، އާސެނަލުން އެކަމަށް ޖަވާބުދިނީ 1-0 އިން ވެސްޓް ހޭމް ބަލިކޮށްގެންނެވެ.
ރޭގެ މެޗު ނިމެން ދަނިކޮށް ބޮޑު ޑްރާމާއެއް ފެނުނެވެ. އެގޮތުން ވެސްޓް ހޭމްގެ ކޯނަރެއްގައި ބޯޅަ ގޯލަށް ވައްދާވެސް ލިއެވެ. ވެސްޓް ހޭމްގެ ކީޕަރުވެސް އަރާ އޮއްވާ ނެގި ކޯނަރުގައި ކަލުމް ވިލްސަން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ގިނަ އިރުތަކެއް ވަންދެން ވީއޭއާރް ބަލައި ރެފްރީ ނިންމީ، ވެސްޓް ހޭމްގެ ޕަބްލޯ އާސެނަލްގެ ކީޕަރު ރާޔާއަށް ފައުލް ކުރި ކަމަށެވެ.
އެހިސާބުން ގޯލެއް ނޫން ކަމަށް ނިންމުމާއެކުގެ އާސެނަލުން ވަނީ މުހިއްމު ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.
އެ ނިންމުމަށް ވެސްޓް ހޭމްގެ ކުޅުންތެރިން ފާޑު ކިޔާފައިވެއެވެ. ހާއްސަކޮށް މެޗަށްފަހުވެސް ޖެރަޑް ބޮވެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އެހެންނަމަވެސް އެ ނިންމުން ނިންމަން ރެފްރީއަށް ކެރުނީތީ އާޓެޓާ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
"މެޗު ރެފްރީއާއި ވީއޭއާރްގައި އިން ރެފްރީވެސް ވަރަށް ހިތްވަރުގަދަ. އެއީ ވަގުތު ނަގައިގެން ރަނގަޅު ނިންމުން ނިންމަން ފުރުސަތު ހޯދީމަ. އަހަންނަށް ހީވަނީ އެއީ ފައުލެއް ކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްހެން. ރާޔާ އަތު ތެރޭގައި ބޯޅަ އޮތީ، އޭނާއަށް ބޯޅަ ނުހިފުނީ އަތުގައި ޖެހުމުން،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ރެފްރީ ޕްރެޝަރު ވަގުތުވެސް ރަނގަޅު ނިންމުމެއް ނިންމީތީ އެކަމަށް ޝުކުރުވެރިވާ ކަމަށާއި، ރެފްރީގެ ވަޒީފާގެ އުނދަގޫކަމާއި ޕްރެޝަރު މެޗުން އިހުސާސްވި ކަމަށެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް