ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކަށް އަވަހަށް ފިޔަވަޅު އަޅަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހަށް ހުށަހެޅި، ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އައްބަދުއްސައްތާރު މުހައްމަދެވެ.

މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ފިކުރު ކުރުމާއި ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.

ނަމަވެސް މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުން ކުރަންޖެހޭ ހައްގުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ކަމަށްވާ އިރު، ގާނޫނާ ހިލާފަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށާއި އެފަދަ މައްސަލަތައް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލައި މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މި ގަރާރުގެ އިބްތިދާއީ ބަހުސް ނިމުން މަޖިލީހަށް ގަރާރު ބަލައިގަނޭތޯ ނެގި ވޯޓުން، ގަރާރު މަޖިލީހަށް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ބަލައި ނުގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.