(4 މެއިގެ އަދަދާ ގުޅޭ)
أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "އޭ عــلــــــى އެވެ! މީނާ (رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم) ދަރިފުޅަށް ދަޢުވަތުދޭނީ ހެޔޮކަމަކަށެވެ. އެގޮތުގައި ސާބިތުވެ ހުންނާށެވެ! (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)
ރަޙްމަތުގެ ތަޙްރީކަށް ފާޅުގައި ދަޢުވަތު ދެއްވުން
އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى، المــــدّثــّــــر ސޫރަތުގެ ކުރީކޮޅުގެ ހަތް އާޔަތް ބާވައިލައްވައި ދީން ފާޅުކުރައްވާން އަމުރުކުރެއްވީއްސުރެ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވާ ތަޙްރީކު ހިންގަވާން ފައްޓަވައިފިއެވެ. ނަމަވެސް ތިންއަހަރު ވާންދެން އެ ތަޙްރީކު ހިންގަވަމުން ގެންދެވީ މަޑުމަޑުންނެވެ. ވަންހަނާކޮށެވެ. ސިއްރުސިއްރުންނެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެދުވަސްވަރު ޞަޙާބީންނާއެކު މަޖްލިސްކުރައްވައި އުޅުއްވީ ދާރުލްއަރްޤަމުގައެވެ. އެގެޔަކީ އިސްލާމްދީނުގެ އެންމެފުރަތަމަ މަދަރުސާއެވެ. އެގެހުރީ އެދުވަސްވަރުގެ މައްކާގެ އާބާދީއާ ތަންކޮޅެއް އެއްފަރާތެއްގައި އޮންނަ ގޯޅިޔެއްގެ ތެރޭގައެވެ. ޞަފާ ފަރުބަދައިގެ މަތީގައެވެ. (އެގެހުރިތަން މިހާރުވަނީ المـسجــد الحـــــــرام ގެ ތެރެޔަށް ވެފައެވެ. އަޅުގަނޑު އެންމެފުރަތަމަ ޙައްޖަށް ދިޔަފަހަރު ވަނީ ދާރުލްއަރްޤަމް ހުރިތާނގައިހުރި ތަނބެއްގައި ހަރުކޮށްފައިހުރި ނަންބޯޑެއް ފެނިފައެވެ. ނަމަވެސް ފަހަކުން އެބޯޑެއް ނުދެކެމެވެ.)
ދާރުލްއަރްޤަމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ رحـمــة لّـلعــالمــيـــن ގެ ތަޙްރީކު ސިއްރުސިއްރުން ހިންގެވި ދުވަސްވަރު އެފަދަ ތަޙްރީކެއްގެ މަރުކަޒަކަށް ކިތަންމެހައިވެސް އެކަށީގެންވާ ގެއެކެވެ. އެގެޔަކީ السّــابــقــــون الأوّلـــون ގެ ތެރެއިން ހިމެނިވަޑައިގަންނަވާ أرقــــم بــن أبـــى الأرقــــم رضــــى اللّــــه عـــنــــه ގެ ގެކޮޅެވެ. އެދުވަސްވަރު އެކަލޭގެފާނުގެ ދެކުނުފަރާތް އޮތީ ހުސްކޮށެވެ. އިސްލާމީ ތަޙްރީކުގެ އިސްވާރުން އެގޭގައި ބައްދަލުކުރައްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ޢަދަދު ސާޅީހާ ކައިރިކުރެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެގެޔަށް ފައިންޕުޅު ބީއްސަވައެވެ. ޞަޙާބީން އެބޭކަލުންގެ މަސައްކަތްޕުޅުގެ ރިޕޯޓު ހުށަހަޅުއްވައެވެ. ތަޙްރީކު އިތުރަށް ކުރިޔަށް ގެންދަވާނެގޮތާއި ދުޝްމިނުންގެ ޕްރޮޕެގެންޑާތަކަށް ޖަވާބު ދެއްވާނެ ގޮތްގޮތާމެދު ރޭއްވެވުންތައް ރާއްވަވައި އެކަށައަޅުއްވައެވެ. ސިންތާ ކުރައްވާން ތިއްބަވަނިކޮށް ނަމާދުވަގުތެއް ވަދެއްޖެކަމުގައިވާނަމަ ރަޙްމަތުގެ ނަބިއްޔާ އިމާމުވެވަޑައިގެން ހުންނަވައި ޖަމާޢަތުގައި ނަމާދު ކުރައްވައެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޞަޙާބީން ތަޒްކިޔާ ކުރައްވައެވެ. އެބޭކަލުންގެ ހިތްޕުޅުތަކާއި ސުލޫކު އުއްތެވުމަށްޓަކައި އެބޭކަލުންނަށް ޤުރްއާން ކިޔަވައިދެއްވައެވެ. ޤުރްއާނުގެ މާނައާއި ރަމްޒުތައް ޝަރަޙަކޮށްދެއްވައެވެ. އެކިކަންކަން ކުރައްވާނެގޮތުގެ ޙިކުމަތްތެރި ރަނގަޅު ގޮތްތައް ވިސްނައިދެއްވައެވެ. އެބޭކަލުންގެ ހިތްޕުޅުތަކުގައި ތަޙްރީކުގެ އައު އުންމީދުތަކާއި ޖޯޝު އުފައްދައިދެއްވައެވެ. އިސްލާމްދީނުގެ ދުޝްމަނުންގެ އިހާނެތިކަމާއި އަނިޔާތައް ތަޖުރިބާ ކުރައްވައިފައިވާ ބޭބޭކަލުންނަށް އިތުރު ސާހިބާގެ ޞުޙުބަތު ލިބިވަޑައިގެންނެވުމުން އެބޭކަލުންގެ ހިތްޕުޅުތަކުގެ ޒަޚަމްތައް ފަސޭހަފުޅުވެއެވެ. އެބޭކަލުންގެ ހިތްޕުޅުތަކުން މާޔޫސްކަމުގެ ކަޅުވިލާތައް ކެހިދެއެވެ. އައު ފޯރިޔަކާއި ޖޯޝެއްގައި މަސައްކަތްޕުޅުގައި ހީވާގިފުޅުވެވަޑައިގަންނަވާން ފައްޓަވައެވެ. މިގޮތުގައި ތަޙްރީކު ހިންގަވާތާ ތިން އަހަރުވުމުން އަރަހުށި މާތް اللّــــه ފާޅުގައި ރަޙްމަތުގެ ތަޙްރީކު ފެއްޓެވުމުގެ އަމުރުފުޅު ބާވައިލައްވައިފިއެވެ. އެ އަމުރުފުޅުގައިވަނީ މިދަންނަވާ ގޮތަށެވެ.
"ފަހެ، ކަލޭގެފާނަށް އަމުރުކުރައްވައިފައިވާގޮތަށް ފާޅުގައި ދީނަށް ގޮވައިލައްވާށެވެ. އަދި ޝަރީކު ކުރާ މީހުންނާ އެއްކިބާވެވަޑައިގަންނަވާށެވެ." (اَلْحِــجُــــــر: 94)
ފަރުބަދައިގެ ވަޢުޡު
ޞަފާ ފަރުބަދަޔަކީ މައްކާގައި ބޭއްވޭ ޢާންމު އެއްވުންތަކުގައި ވާހަކަދައްކާ މީހުން ޤުދުރަތީ ސްޓޭޖެއްގެ ގޮތުގައި ބޭނުންކޮށްއުޅޭ ފަރުބަދައެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެއްދުވަހެއްގެ ހެނދުނުކޮޅު އެފަރުބަދަޔަށް އަރައިވަޑައިގެން واصَــبَــاحَـــاهُ އެވެ ގޮވައިލެއްވިއެވެ. قـــــريـش ވަންހައިގެ އެކި ޤަބީލާތަކުގެ ނަންތައް ވަކިވަކީން ވިދާޅުވެ މައްކާގެ އެންމެން އެއްކުރައްވައިފިއެވެ. އެއަށްފަހު ޙަދީސުކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ޙަމަލަދޭން އަންނަ ލަޝްކަރެއް މިފަރުބަދައިގެ އަނެއްފަރާތުން އެބައާދެޔޭ އަހުރެން ބުނެފިކަމުގައިވާނަމަ ތިޔަބައިމީހުން އަހުރެންގެ ބަސް ޤަބޫލުކުރާނުހެއްޔެވެ؟" އެއްވެފައިތިބި މީހުން އެންމެން އެއްހިތުން އެއްއަޑަކުން ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑުމެން ޤަބޫލު ކުރާނޫއެވެ. އެހެނީ ކަލޭގެފާނުގެ ފަރާތްޕުޅުން އެއްވެސް އިތުރުފުޅެއް ތަޖުރިބާކޮށްފައިހުރި މީހަކު މިތާކު ނެތެވެ."
ރަޙްމަތުގެ ނަބިއްޔާ ވިދާޅުވިއެވެ. "އަހަރެންނަކީ اللّــــه سبحـــانــــه وتــعــــالــــى ގެ ޙަޟުރަތުން ތިޔަބައިމީހުންގެ ގާތަށް އައި ނަޒީރަކީމެވެ. އެކަލާނގެ ކޯފާއާއި ޢަޒާބަށް ބިރުވެތިވާން އަހުރެން ތިޔަބައިމީހުންނަށް ދަޢުވަތު ދެމެވެ." އެތައް ޒަމާނަކުއްސުރެ ދަމިލަޖަހައި ދަބަރަށް ވެފައިހުރި ހިތްތަކަކަށް އެންމެ ގޮވައިލެއްވުމަކުން އަސަރެއް ނުކުރިއެވެ.
އެއަޑުފުޅު އިވުމާއެކު أبـــولــهب ގޮވައިލިއެވެ. "ކަލޭގެފާނަށް ހަލާކު ހުއްޓެވެ. ކަލޭގެފާނު އަޅުގަނޑުމެން ތިޔަ އެއްކުރެއްވީ ތިޔަވާހަކަ ވިދާޅުވާންތޯއެވެ." أبـــولــهب ގެ ވާހަކަ އަޑުއިވުމާއެކު އެންމެން ހެމުންހެމުން ވަކިވަކިވެގެން ހިނގައްޖެއެވެ.
ޔަޤީންކަމުގެ އަހްލުވެރީންނަކީ މާޔޫސްވެގެން އެބަޔެއްގެ މުހިންމަތު ހުއްޓައިލާ ބަޔެއް ނޫނެވެ. އެބަޔެއްގެ ހިތްތަކުގައި އިންޤިލާބީ ތަޙްރީކެއްގެ ވިންދު ޖަހަމުންދާ މީހުންނަށް ކޮންމެ ނާކާމިޔާބީއަކީ އައު ހިތްވަރަކާއި ފަންވަރަކާއި މަސައްކަތުގެ އައު ޖޯޝެއް އުފައްދާ ކަމެކެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިތްވަރުފުޅާއި ފަންވަރުފުޅަކީ ބަލިކޮށްނުލެވޭފަދަ ބާރެކެވެ. އެހެންކަމުން އެމާތް ސާހިބާ އަލުންވެސް قـــــريـش ންނަށް ދަޢުވަތު ދެއްވިއެވެ.
"އޭ كــعــب بـــن لـــؤيّ ގެ ދަރިކޮޅުގެ މީހުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް އަލިފާނުން (ނަރަކައިން) ސަލާމަތްކުރާށެވެ. އޭ مُــــــرَّة بـــن كــعــب ގެ ދަރީންނޭވެ! ތިޔަބައިމީހުންގެ ނަފުސުތައް އަލިފާނުން ރައްކައުތެރިކުރާށެވެ! އޭ عــبـــد الـشّـمس ގެ ބޭފުޅުންނޭވެ! އަލިފާނުން ރައްކައުތެރިވެވަޑައިގަންނަވާށެވެ! އޭ عــبـــد مـــنـــــاف ގެ ބޭފުޅުންނޭވެ! ތިޔަބޭފުޅުން އަލިފާނުން ރައްކައުތެރިވެވަޑައިގަންނަވާށެވެ! އޭ عــبـــدالمطّــلــب ގެ ބޭފުޅުންނޭވެ! އަޅުގަނޑަކަށެއް މާތް اللّــــه ގެ ޙަޟުރަތުގައި ތިޔަބޭފުޅުންނާމެދު ސަކާއެއް ނުކުރެވޭނެއެވެ. އޭ صَـفـــيّـــة އެވެ! (ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ބޮޑުދައިތާފުޅެއް) އޭ فــاطــمــــة بـنـت محــمّــــد އެވެ! އަޅުގަނޑަކަށެއް މާތް اللّــــه ގެ ޙަޟުރަތުން ތިޔަބޭފުޅުންނަކަށް އެއްވެސް ބޭނުންފުޅެއް ފުއްދެވުމުގައި މެދުވެރިޔަކަށެއް ނުވެވޭނެއެވެ. އަޅުގަނޑުގެ މުދަލުން ބޭނުންފުޅު އެއްޗަކަށް އެދިވަޑައިގަންނަވާށެވެ. އެކަމަކު މާތް اللّــــه ގެ ޙަޟުރަތުން އެއްވެސްކަމެއް ފުއްދެވުމުގައި މެދުވެރިޔަކު ކަމުގައެއް ނުވެވޭނެއެވެ.
ރަޙްމަތުގެ ނަބިއްޔާގެ މި ދަޢުވަތަކީ ވަރަށް ބާރުހުރި ދަޢުވަތެކެވެ. ފިކުރީ ނުހަނު ފުން އަސާސެއްގެ ދަޢުވަތެވެ. އެހެނީ ސަކާކުރުމުގެ ޢަޤީދާއަކީ އެދުވަސްވަރު قـــــريـش ންގެ ދީނީ ފިކުރުގެ އަސާސެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ދަޢުވަތުގެ އަމާޒަކަށް ހެއްދެވީ އެ ޢަޤީދާއެވެ. އެ ޢަޤީދާގެ މޫތައް ކޮށްޓަވައިލެއްވުމެވެ. އެ ހަނދާންކޮށްދެއްވީ އިލާހީ ޤާނޫނެއް ކަމުގައިވާ ތިމާގެ ޢަމަލުތަކަށް ޖަވާބުދާރީވާން ޖެހޭނެކަމުގެ ޤާނޫނުގެ މަތީންނެވެ. އިތުރު ސާހިބާ އެބަޔަކާ މުޚާޠަބުކުރެއްވި ފަރާތްތަކަށް ބަޔާންކޮށްދެއްވީ އެމާތް ސާހިބާއަކީ މާތް اللّــــه ގެ ރަސޫލެއްކަމެވެ. އެހެންކަމާއެކުވެސް ޢަމަލުތަކަށް ޖަވާބުދާރީވާންޖެހުމުގެ އިލާހީ ޤާނޫނުން އެއްވެސްބަޔަކު އިސްތިސްނާކޮށެއް ނުދެއްވޭނެކަމެވެ. އެ ޤާނޫނަކީ އިންސާނީ ޙަޔާތުގެ ކޮންމެ ކަމަކަށްވެސް ތަންފީޒުވާނެ ޤާނޫނެއްކަމެވެ. މާތް اللّــــه ގެ ރަސޫލާގެ ތިމާގެފުޅު ބޭފުޅުން ފިޔަވައި އެމާތް ރަސޫލާގެ އުފަން ބޭފުޅުންނަށްވެސް އެ ޤާނޫނުން އިސްތިސްނާ ވެވަޑައެއްނުގެންނެވޭނެކަމެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފަރުބަދަމަތީ ވަޢުޡުގެ މުހިންމު ދެވަނަ ނުކުތާއަކީ ޝިރުކާއި ބުދަށް އަޅުކަންކުރުމާއި ކުށާއި ފާފައިގެ ހުރިހައި ވައްތަރުތަކަކީވެސް އަނިޔާކަމެވެ. އެކަންތައްތަކަކީ ހިތްތަކުގައި އަލިފާން ރޯކުރުވާ ކަންތައްތައްކަމެވެ. އެއީ ހައްތާވެސް ހިތްތަކުގައި ބިރުވެރިކަމާއި ހިތާމައާއި، މޮޅިވެރިކަން އުފައްދާ ކަންތައްތައްކަމެވެ. އާޚިރަތްދުވަހުން އެކަންތައްތައް ޙަޤީޤީ އަލިފާނުގެ ސިފައިގައި ރޯވެގަންނާނެކަމާއި ނަރަކައިގެ ޙަޤީޤަތަކީ އެ އަލިފާންކަމެވެ.
ރަޙްމަތުގެ ނަބިއްޔާގެ ވާހަކަފުޅުތައް ކުރުކަމުގައިވިޔަސް އެއިން ކޮންމެ ބަސްފުޅަކީވެސް ޢިބްރަތުން ފުރިފައިވާ ބަސްފުޅެކެވެ. ޙިކުމަތުގެ ޚަޒާނާއެއްފަދަ ބަސްފުޅެކެވެ. ބަސްފުޅުތަކާއި ޖުމުލަތައް ކުރުކަމާއި ބަލާޣާތްތެރިކަމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅު ދެއްކެވުމުގެ ޚާއްޞަ ސިފައެކެވެ. އިތުރު ސާހިބާގެ ކޮންމެ ބަސްފުޅެއް އެއްވެސް ހުރަހެއްނެތި ރައްދުވަމުންދާނީ އިންސާނީ ހިތްތަކުގެ އެންމެ ފުނަށެވެ. އިންސާނާ އެބަސްފުޅަކާމެދު ވިސްނާން މަޖްބޫރު ކުރުވައެވެ. ނަމަވެސް އިތުރު ސާހިބާގެ ބަސްފުޅުތައް ތަސްލީމުކުރުމަކަށްވާނީ ބާޠިލު އިލާހުންތައް ދޫކޮށްލުމެވެ. ފުލޯކު ޢަޤީދާތަކާއި ނަޒަރިއްޔާތަކާއި އާދަކާދަތަކުން އެއްކިބާވުމެވެ. އެހެންކަމުން قـــــريـش ން ތިބީ އެބަސްފުޅުތައް ފަހުމުވުމާއެކުވެސް އެބަސްފުޅުތައް ޤަބޫލުކުރާން ފަސްޖެހިފައެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު