އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ވެސްޓް ހޭމް ކައިރިން މޮޅުވެއްޖެއެވެ.

މިދިޔަ ދެތިން ސީޒަނުގައިވެސް އާސެނަލުން ލީގު ތަށްޓާ ގާތް ކުރަމުން ގޮސްފައިވާ އިރު، މި ސީޒަނުގެ ބޮޑުބައެއްގައިވެސް އެއްވަނަ ދަމަހައްޓަމުން ދަނީ އާސެނަލުންނެވެ. އެހެން ނަމަވެސް މިދިޔަ މަސް ތެރޭގައި އެ ކޮންޓްރޯލް ގެއްލުނެވެ. މެންޗެސްޓާ ސިޓީން އެއްވަނައަށް އެރި ނަމަވެސް، އާސެނަލް އަނެއްކާވެސް މިހާރު މިވަނީ ލީގުގެ ކޮންޓްރޯލް ހޯދައިފައެވެ.

ސިޓީން ރޭ ކުޅުނު މެޗުން މޮޅުވި ނަމަވެސް، އޭގެ ކުރިން އެވަޓަން ކައިރިން އެއްވަރުވި ހިސާބުން، ދެން ތިބެން ޖެހުނީ އާސެނަލް ގޯހެއް ހަދާތޯ ބަލާށެވެ. މިރޭގެ މެޗުން އެ ގޯސް ހަދާތޯ ސިޓީ ސަޕޯޓަރުން ބަލަން ތިބި ނަމަވެސް، އާސެނަލުން އެކަމަށް ޖަވާބުދިނީ 1-0 އިން ވެސްޓް ހޭމް ބަލިކޮށްގެންނެވެ.

އާސެނަލާއި ސިޓީއަށްވެސް ބާކީ މެޗެއް އޮތް އިރު، ނަތީޖާތަކަށް ބަލާ އިރު، އާސެނަލަށް އަމިއްލަ ބާރުގައި ތަށި ހޯދަން ބޮޑު ފުރުސަތެއް އެބައޮތެވެ. އެހެން ނަމަވެސް އަދިވެސް ސަމާލުވާން ޖެހޭނެއެވެ. މިވަގުތު އާސެނަލް އެއްވަނައިގައި އޮތީ 36 މެޗުން 79 ޕޮއިންޓާއެކުގައެވެ. ސިޓީ ދެވަނައިގައި އޮތީ 35 މެޗުން 74 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗު ފެށިގެން އާސެނަލްގެ ފަރާތުން ޕްރެޝަރު ފެނިގެން ދިޔައެވެ. އެއީ ވެސްޓް ހޭމް ބަލިކުރުމަކީ ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެއްކަން އެޓީމަށް އެނގޭތީއެވެ. ތަށީގެ ރޭހުގައި އެންމެ ގޯހެއްވެސް ހެދެން ނެތުމުންނެވެ. އެވަރު ވިސްނައިގެން ކުޅެމުންދިޔަ އާސެނަލަށް ފުރަތަމަ ހާފު ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އެޓީމުގެ ފަރާތުން ސެޓް ޕީސްތަކުގައި ނުރައްކާ ކުރިތަން ފެނުނު ނަމަވެސް، ރަނގަޅު ފުރުސަތެއް ތަނަވަސްކުރިތަނެއް ނުފެނެއެވެ.

ދެވަނަ ހާފަށް ނުކުމެވެސް އާސެނަލުން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު އިރު، ޑެކްލަން ރައިސްގެ ހިލޭ ޖެހުމަކުން ދެފަހަރު ނުރައްކާ ކުރިއެވެ. އަދި އަރިމަތިން ބުކަޔޯ ސަކާ ނަގައިދެމުން ދިޔަ ހުރަސްތައް ފާހަގަވިއެވެ. ހާފުގެ ތެރެއިން ވެސްޓް ހޭމްގެ ޕްރެޝަރުވެސް ފެނިގެން ދިޔަ އިރު، މެތިއަސް ފެނާންޑޭޒްއަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ ޑޭވިޑް ރާޔާއެވެ.

އެ ސޭވަށް މާގިނައިރެއް ނުވެ، އާސެނަލުން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން މާޓިން އޮޑެގާޑް ކަނޑާލި ބޯޅަ ގޯލަށް ވައްދާލީ ލިއާންޑްރޯ ޓްރޮސާޑެވެ.

މަދު ވަގުތުކޮޅެއް އޮއްވާ ޖެހި އެ ގޯލާއެކު މެޗު ފޯރިގަދަވެ، ފަހުވަހުގު ވެސްޓް ހޭމް އެކީ ކުރިއަށް ޖެހުނެވެ. ކަލުމް ވިލްސަންގެ ހަމަލާއެއް ވިލިއަމް ސަލީބާ ބްލޮކްކުރި އިރު، ވެސްޓް ހޭމްގެ ކޯނަރެއްގައި ބޯޅަ ގޯލަށް ވައްދާވެސް ލިއެވެ. ކީޕަރުވެސް އަރާ އޮއްވާ ނެގި ކޯނަރުގައި ވިލްސަން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ގިނަ އިރުތަކެއް ވަންދެން ވީއޭއާރް ބަލައި ރެފްރީ ނިންމީ، ވެސްޓް ހޭމްގެ ޕަބްލޯ އާސެނަލްގެ ކީޕަރު ރާޔާއަށް ފައުލް ކުރި ކަމަށެވެ.

އެހިސާބުން ގޯލެއް ނޫން ކަމަށް ނިންމުމާއެކުގެ އާސެނަލުން ވަނީ މުހިއްމު ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.